ސިނަމަން ނުވަތަ ސިނަމޮން ނުވަތަ ދިވެހިބަހުން ނަމަ ފޮނިތޮއްޓަކީ ކުޅި ރަހައެއް ދޭ ބާވަތެކެވެ. ސައިންޓިފިކަލީ ފޮނިތޮއްޓަށް ކިޔަނީ ސިނަމޮމަމް ވެރަމް (ސިލޯން ސިނަމޮން) އާއި ސިނަމޮމަމް ކެސިއާ (ކެސިއާ ސިނަމޮން) އެވެ.

ފޮނިތޮއްޓަކީ ހަގީގަތުގައި އޭގައި ފޮނި އަދި ކުޅި ރަހައެއް ދޭ އެއްޗެކެވެ. އަދި މިއީ އަރާމު، މަޑު ފޮނި ވަހެއް އެކުލެވިގެންވާ އެއްޗެއްވެސް މެއެވެ.

ފޮނިތޮށި މައިގަނޑު ތިން ސިފައެއްގައި އަހަރެމެންނަށް ލިބެން ހުރެއެވެ. އެއީ ތޮށީގެ ޒާތުގައްޔާއި، މުގުރި ޕައުޑަރެެއްގެ ގޮތުގައްޔާއި، އަދި ފޮނިތޮށި ތެލުގެ ގޮތުގައެވެ. މީގެ ތެރެއިން އާއްމުކޮށް ބޭނުންކޮށް އުޅެނީ ތޮށީގެ ޒާތަށް ހުންނަ ބާވަތާއި ޕައުޑަރެވެ.

ކާނާގެ ގިނަ ބާވަތްތަކެއް ތައްޔާރު ކުރުމަށް ފޮނިތޮށި ބޭނުން ކުރެއެވެ. ކޭކު، ކުކީސް، އަދި ޕޭސްޓްރީގައި ފުދޭވަރަކަށް ގިނައިން ފޮނިތޮއްޓަކީ ބޭނުންކުރާ ބާވަތެކެވެ. ތަފާތު ރަހަތައް ގެނައުމަށް ތައްޔާރު ކުރާ ހަވާދުގެ ތަފާތު ބާވަތްތަކުގައި ފޮނިތޮށި ބޭނުންކޮށް އުޅެއެވެ. ފޮނިތޮށީގެ ވިޔަފާރި އަކީ ގަދީމީ ޒަމާނުގައި ސިލޯނުން ނުވަތަ ސްރީލަންލާއިން ކުރަމުން އައި އެއްމެ ފުޅާ އެއް ވިޔަފާރިއެވެ. ފޮނިތޮއްޓަކީ އެކި ކަހަލަ ބުއިންތަކުގައިވެސް ބޭނުން ކުރެވޭ ބާވަތަކެވެ. އެގޮތުން ސައި، ކޮފީ، އަދި ހޮޓް ޗޮކްލެޓަށް ރަހަ އިތުރުކުރުމަށް ފޮނިތޮށި ބޭނުން ކުރެވެއެވެ. ދިވިންގެ ހާއްސަ ތަފާތު ރަހަތަކުގެ ތެރޭގައި ހިމެނޭ އެކި ކަހަލަ ބޮނޑިބަތް ތައްޔާރު ކުރުމުގައި ފޮނިތޮށި އެއީ ބޫނުންކޮށް އުޅޭ ބާވަތެކެވެ.

މީގެ އިތުރުން ދުފުމުގައިވެސް ފޮނިތޮއްޓަކީ ބޭނުން ކުރާ ބާވަތެކެވެ. ދުފުންގަނޑު ވަރުކޮށްލާ ރަހަގަނޑު ހެޔޮވަރުކޮށްލާ، މީރު ދުފުންގަނޑެއް ދުފާލުމަށް ފޮނިތޮށި ހަފާ އުޅެއެވެ.

ފޮނިތޮށިން ލިބޭ ބައެއް ސިއްހީ ފައިދާތަކަށް ބަލާލާނަމެވެ. އެގޮތުން މިއީ އެންޓިއޮކްސިޑެންޓް ޕްރޮޕަޓީސް ގިނަ އެއްޗެކެވެ. އޮކްސިޑޭޓިވް ސްޓްރެސްއާ ދެކޮޅަށް މަސައްކަތް ކުރުމަށް އެހީތެރިވެދޭ އެންޓިއޮކްސިޑެންޓްސް ގިނަ އަދަދަކަށް ފޮނިތޮށީގައި އެކުލެވިގެންވެއެވެ. މިއީ ހަށިގަނޑުގައި ހުންނަ އެކިކަހަލަ ވިހަ ބޭރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. މީގެ އިތުރުން އެންޓި-އިންފްލެމެޓަރީ ޕްރޮޕަޓީސް އަކީވެސް ފޮނިތޮށީގައި މުއްސަނފި މާއްދާއެކެވެ. މިއީ ޖަރާސީމާ ދެކޮޅަށް މަސައްކަތް ކުރާ މާއްދާއެކެވެ. އަދި ހަމަ އެއާއި އެކު ބައެއް ދިރާސާތަކުން ދައްކާ ގޮތުގައި ލޭގައި ހަކުރު ހުންނަ މިންވަރު އެއްވަރެއްގައި ހިފަހައްޓައިދުމަށްވެސް ފޮނިތޮށި އެހީތެރިވެދެއެވެ.

ފޮނިތޮއްޓަކީ ގަދީމީ ޒަމާނުއްސުރެ އެކި އެކި ބޭނުންތަކަށް ބޭނުން ކުރަމުން އައި އެއްޗެކެވެ. އެގޮތުން ހަކީމީ ބޭސްވެރިކަމުގައި ގަދީމީ މިސްރާއި ސީނު ކަރައިގާވެސް މިއީ ބޭނުން ކުރަމުން އައި ބާވަތެކެވެ. ކާ ބޭހާއި ބޯ ބޭސް އަދި އުނގުޅާ އެކި ކަހަލަ ބޭސް ތައްޔާރު ކުރުމަށްވެސް ފޮނިތޮށި ވަނީ ބޭނުން ކޮށްފައެވެ. އަދި ކިއެއް އަދިވެސް ދަނީ ބޭނުން ކުރަމުންނެވެ.