ހިނކަނދިފަތަކީ ދިވެހިންގެ ކެއުންތަކުގައި އެއްމެ އާއްމުކޮށް ބޭނުން ކުރާ އެއް ބާވަތެވެ. އެއް ބަޔަކަށް މިއީ ވަރަށް ނުބައި ވަހެއް ދުވާ އަދި ނިކަން ނުބައި ރަހައެއް ދޭ ފަތެއް ކަމުގައިވެސް ވެއެވެ. ރަހަ އާއި ވަސް މި ފަތުގައި ނުބައި ވިޔަސް، މިއީ ސިއްހަތަށް ނުބައި ފަތެއް ނޫނެވެ. ހިކަނދިފަތަކީ އެކި ގޮތްގޮތުން އިންސާނާގެ ސިއްހަތަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދޭ ފަތެކެވެ.

ހިކަނދިފަތަކީ ގިނަ އަދަދަކަށް އެންޓި އޮކްސިޑަންޓްސް އެކުލެވިގެންވާ ފަތެކެވެ. އެގޮތުން ހަށިގަނޑުގައި ހުންނަ ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް މި ފަތް އެހީތެރި ވެދެއެވެ. އަދި ހަޖަމަށްވެސް މިއީ މޮޅު ފަތެކެވެ. ހަޖަމު ކުރުމަށް ބޭނުންވާ ބައެއް އެންޒައިމްތައް މި ފަތުގައި ހުންނަ ބައެއް މާއްތާތަކުގެ ސަބަބުން ބޮޑަށް ހަރަކާތްތެރި ވާން ފަށައެވެ.

ހިކަނދިފަތުގައި ހުންނަ ހާއްސަ އެންޓި އޮކްސިޑަންޓް ޕްރޮޕޮޓީއެއްގެ ސަބަބުން ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްކޮށްދިނުމަށް އެހީތެރިވެދެއެވެ. ހަމަ އެއާއި އެކު ހިކަނދިފަތަކީ ހަށިގަނޑުގެ މެޓަބޮލިޒަމް ރަނގަޅުކޮށްދީ އަވަސްކޮށްދިނުމަށްވެސް އެހީތެރިވެދޭ ފަތެކެވެ. މިގޮތަށް މެޓަބޮލިޒަމް އަވަސްވުމުގެ އެއް ނަތީޖާ އަކަށްވެސް ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު މަދުވުން ހިމެނެއެވެ. އެހެންކަމުން މިއީ ހަކުރު ހުންނަ މީހުން ބޭނުން ކުރުން ވަރަށްވެސް ރަނގަޅު ފަތެކެވެ.

މެޓަބޮލިޒަމް އަވަސްވުމުން ނުވަތަ މަތިވުމުން މެދުވެރިވާ އަނެއް ކަމަކީ ހަށިގަނޑުގެ މަސްތަކާއި ހަންގަނޑާއި ދެމެދުގައި ޖަހާފައި ހުންނަ ސަރުބީތައް ވިރުވުމަށް އެހީތެރިވުމެވެ. މާނަ އަކީ މިއީ ސަރުބީ ވިރުވައިދިނުމަށްވެސް އެހީތެރިވެދޭ ފަތެކެވެ. އެހެންކަމުން ބަރުދަން ލުއިކުރަން މަސައްކަތްކުރާ މީހުންވެސް ހިކަނދިފަތް ކެއުން ގިނަ ކުރުމުން ބަރުދަން ލުއިވާ މިންވަރު އަވަސްވާކަމަށް ދިރާސާތަކުން ދައްކައެވެ.

މެޓަބޮލިޒަމް އަވަސްވެ މަތިވުމުން ލޭގެ ތެރޭގައި ހުންނަ ވިހަތައް ބޭރުވުމަށް އެހީތެރިވެދެއެވެ. އެހެންކަމުގައި ވަނީނަމަ މިއީ ދުޅަހެޔޮ ފުރަމެއަކަށްވެސް ނުހަނު ފައިދާ ކުރާނެ ފަތެކެވެ. ކޮންމެއަކަސް ހަކުރުބަލި ހުންނަ މީހުންނާއި ބަރުދަން ލުއިކުރަން އެދޭ މީހުން ހިކަނދިފަތް ކެއުން ގިނަ ކުރުން ބުއްދިވެރިއެވެ. އަނގަޔަށް ނުބަޔަސް ސިއްހަތަށް މިއީ ހަމަ މޮޅު ފަތެކެވެ.