އެކި މީހުން އެކި އެއްޗެހި ކަނީ އެކި ގޮތަށެވެ. އަނބަކީވެސް އެކި މީހުން އެކިގޮތަށް ކައި އުޅޭ އެއްޗެކެވެ. އެއްބަޔަކު ހުތް އަނބު ކާހިތްވާއިރު އަނެއްބަޔަކު ގަޔާވަނީ ދޮން އަނބު ކާށެވެ. އަނބާއި ރިހާކުރު ނުވަތަ ކޮންމެވެސް ކަހަލަ ހަވާދަކާ ޖައްސައިގެން ކެއުމަކީވެސް ގިނަބަޔަކު ޝައުގުވެރިވާ ގޮތެކެވެ. އަނބުގައި އެކިކަހަލަ އަސާރަ ހަދާއިރު، ރިހަވެސް ކައްކާ އުޅެއެވެ. ނަމަވެސް މިފަހަރު މިއުޅެނީ ތެޅި އަނބެކެވެ.

އަނބުގައި ދިގަށްވާ ގޮތަށް ޅިޔަތަކެއް އަޅައެވެ. ދޮން ނުވާ ޅަ އަނބުގައެވެ. އެއަށްފަހު ކުޑަ ހަވާދުކޮޅެއް ނުވަތަ ނޫޑުލިސް ޕަކެޓުގައި ހުންނަ ސޫޕް އުރައިގެ އެތިކޮޅެއް ނުވަތަ އެނޫންވެސް އެފަދަ އެއްޗެއް އަނބުގައި އުނގުޅާލައެވެ. އެޅި ޅިޔަތަކުގެ ތެރެއަށް ރަނގަޅަށް ވައްދާލާ ހާކާލައެވެ. މިގޮތަށް އަނބު ތައްޔާރު ކުރުމަށްފަހު، ސާފު ފޮތިގަނޑެއްގެ ތެރެއަށް އެ އަނބު، ނުވަތަ އަނބުތައް އަޅާ ރަނގަޅަށް އެ ފޮތިކޮޅު ބަންދުކޮށްލައެވެ. އެހިސާބުން ތެޅި އަނބުގެ ތެޅުންގަނޑު ފެށެއެވެ.

އެކި މީހުން އަނބު ތަޅަނީ އެކި ގޮތަށެވެ. އެއްބަޔަކު އެ ފޮތިގަނޑުގައި މުގުރެއް ކަހަލަ އެއްޗަކުން ތަޅާ ހަދައެވެ. އަނެއްބަޔަކު އެ ފޮތިގަނޑު ނަގާ ގެންގޮސް ކޮންމެވެސް ހަރު ތަނަކު، ތަޅައެވެ. ޅިޔަ އެޅި އަނބު ރަނގަޅަށް ރޫޅި ފޮތިތައް ވަކިވާ ވަރަށް ތަޅާލައެވެ. އެއަށްފަހު އެ ފޮތިގަނޑު މޮހާލައެވެ. އެހާރުން ހަވާދުކޮޅާއި އަނބު ފޮތިތައް ހުންނަނީ ރަނގަޅަށް އެއްވެ މަސްހުނި ވެފައެވެ. މިހިސާބުން މިއޮތީ ތެޅިއަނބު ހަދާ ނިމިފައެވެ.

އަނބު އޭގެ ޒާތަށް ކޮށައިގެން، ހަވާދެއްގައި ޖައްސައިގެން ކެއުމަކީވެސް މީރު ކަމެކެވެ. ނަމަވެސް މިފަދައިން ތަޅާލުމަށްފަހު ހަވާދާއި އެކުވެފައިވާ އަނބު ކޮޅުތަކަކީ އަދި އަމުދުން މީރު ކަމެކެވެ. އެހެނީ ތެޅުމުން އަނބުގެ ދިޔަތައް ނުކުމެ، ހަވާދުގަނޑު ރަނގަޅަށް އަނބުގަނޑުގެ ތެރެއަށް ވަދެ އެއްރަހަ ވެފައިވާތީއެވެ.

މިއީ މިއަދު މީސްމީޑިޔާގައި ދައުރުވަމުންދާ ޓްރެންޑެކެވެ. އަވައްޓެރި އިންޑިޔާ އާއި އިންޑޮނޭޝިއާ ތައިލޭންޑް، ސްރީލަންކާ އަދި މި ދިވެހިރާއްޖޭގައި މިހާރު ތެޅި އަނބަކީ މަޝްހޫރު ކެއުމަކަށް ވެއްޖެއެވެ. މިއީ އަޖުމަ ބަލާލުން ރަނގަޅު ކެއުމެކެވެ. ތަޖުރިބާކޮށްލަން މީރު ކެއުމެކެވެ.