ގޮޅަ ރިހަ އަކީ ލާމުގެ ރައްޔަތުންނަށް ޚާއްސަ ރިހައެކެވެ. އެވޭލާ މީހުން ބުނާ ގޮތުން ނަމަ މި ރިހަ ތައާރަފު ކުރީވެސް ލާމު އަތޮޅު މީހުންނެވެ. މިއީ ފަރުމަހުގައި ކައްކާ މީރު ރިހަ އެކެވެ. ފާނަ، ރަތްމަސް އަދި ތޮޅި މަހުގައި ކެއްކުމުން މި ރިހަ މީރު ކަމަށް ލާމު މީހުން ބުނެއެވެ. މި ރިހަ އަކީ ދިވެހިންގެ ތެރޭގައި މިހާރު ވަރަށް މަގުބޫލު ރިހައެކެވެ.

 

މަސްގުޅަ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:

ފަރުމަސް (ސަމްސަލަކުން ކަހާފައި ނުވަތަ ހިމުންކޮށް މުގުރާފައި)
ދިވެހި ހަވާދު
ފިޔާ، ލޮނުމޮދު އަދި އިނގުރު
ގިތެޔޮމިރުސް
ހިކަނދިފަތް
ލޮނު

 

ތައްޔާރުކުރާނެ ގޮތް:
މަސްގުޅަ އަށް ނަގާފައި ހުރި ދިވެހި ހަވާދު، ފިޔާ، ލޮނުމިދު، އިނގުރު، ގިތެޔޮމިރުސް އަދި ހިކަނދިފަތްކޮޅު ހިމުންކޮށް ފުނޑާލާށެވެ. އެއަށްފަހު ހިމުންކޮށްފައި ހުރި މަހާއި ފުނޑާފައި ހުރި ހަވާދާއި ލޮނު ލައިގެން ތައްޓެއްގައި މޮޑެލާފައި ކުދި ގުޅަ، ގުޅަ އަށް ޖަހާލާށެވެ.

 

ރިހަ އަށް ބޭނުންވާ ތަކެތި:

ދިވެހި ދެވި ހަވާދު (ފުނޑާފައި)
ފިޔާ
ލޮނުމިދު
ގިތެޔޮމިރުސް
ހިކަނދިފަތް
ރާނބާފަތް
ކާށިކިރު
ކާށި ބޯކިރު

 

ތައްޔާރުކުރާނެ ގޮތް:

ފިޔާ، ލޮނުމިދު، ގިތެޔޮމިރުސް، ހިކަނދިފަތް އަދި ރާނބާފަތް ކޮށާލުމަށް ފަހު ތެއްޔެއްގައި ތެޔޮ އަޅައިގެން މީރު ކޮށްލާށެވެ. އެއަށްފަހު ފުނޑާފައި ހުރި ހަވާދު އަޅައިގެން ފަސް މިނެޓް ވަންދެން ހަނާ ކޮށްލާށެވެ. ދެން ކުޑަ ފެން ފޮދަކާއި ކާށި ކިރު ކޮޅެއް އަޅައިގެން މަޑު ގިނީގައި ކައްކާލާށެވެ. ރިހަ އެތި ކެކެން ފެށީމަ ހަދާފައި ހުރި ގުޅަތައް މަޑުމަޑުން އޭގެތެރެއަށް އަޅައިގެން ރޯ ފިލަންދެން ކައްކާ ލޮނު ހެޔޮވަރު ކޮށްލާށެވެ. ދެން ކާށިގެ ބޯކިރު އަޅާފައި އެއްކޮށްލުމަށް ފަހު އިރުކޮޅަކު ކައްކާލާފައި ބާލާށެވެ.