ހުޅުހުޅުގައި ރިއްސުމާއި ހުޅުތަކުގެ މައްސަކަތަކަކީ ވަރަށްގިނަ ދިވެހިން ތަހައްމަލު ކުރަމުންދާ ކަންތައްތަކެވެ. އަދި އެތައް ދުވަހަކު ފަރުވާކޮށް ފަސޭހަ ނުވެފައި ހުންނަ ކަންކަމެވެ. އެއްބަޔަކު ގަވައިދުން ޑަކްޓާރީ ފަރުވާ ހޯދަމުންދާއިރު އަނެއްބަޔަކު ދިވެހި ބޭހުގެ އެކި އެކި ފަރުވާތައް ހޯދަމުން ގެންދެއެވެ.

ހުޅުހުޅުގަައި ރިހޭ ރިހުމުގައި ގިނަ މީހުންނަަށް ދިމައިވާ އެއް ކަމަކީ ހުޅުތަކުގައި ހުންނަ ލޮނދި މަދުވުން ނުވަތަ ހިކުމެވެ. ކޮންމެ ހުޅެއްގައި، ދެ ކަށިގަނޑު ގުޅޭ ހިސާބުގައި، ދެ ކަށިގަނޑުގެ ކޮޅުގައި މަޑުކަށިކޮޅެއް ހުރެއެވެ. ހުޅުތެރޭގައި ހުންނަ މި ލޮންޖަކީ މި ދެންނެވި މަޑުކަށިކޮޅުތައް އެއްކަށިކޮޅު އަނެއްކަށިކޮޅާއި ގޭނުނަ ނުދީ ހުޅުގެ ހަލުއިކަން ދަމަހައްޓައިދޭ ލޮނދިތަކެކެވެ. އެހެންކަމުން އެ ލޮނދިތައް ހިކި ނުވަތަ މަދުވުމުން މި ދެ މަޑުކަށިކޮޅު ގޭނޭ ގޮތްވެއެވެ. އެއާއި އެކު ހުޅުގައި ރިއްސުމާއި ތަދުވުން ކުރިމަތިވެއެވެ.

ހުޅުހުޅުގައި ހުންނަ މި ލޮންޖަށް އިނގިރޭސިބަހުން "ސައިނޯވިއަލް ފްލުއިޑް" އޭ ކިޔައެެވެ. މި ލޮނދި އިތުކޮށްދީ ތާޒާކޮށްދޭނޭ ބައެއްކަންކަން އެބަހުއްޓެވެ. އޭގެ ތެރޭގައި ގޭގައި ކުރެވިދާނެ އާދައިގެ ބައެއް ކަންކަމާއި އަތި ހަސްފަތާލުތަކުން ހޯދޭނޭ ބޮޑެތި ފަރުވާތައް ވެއެވެ. މި ލިޔުމުގައި މި ބަލައިލަނީ ގޭގައި ކުރެވިދާނޭ ބައެއް ކަންތައްތަކަށެވެ.

ކަސްރަތަކީ ވަރަށްގިނަ އުނދަގޫތަކާއި ދަތިތަކަށް ލުއިކަމާއި ފަސޭހަކަން ގެނެސްދޭ ކަމެކެވެ. އެގޮތުން ލޮނދި ހިކުމުން ނުވަތަ މަދުވުމުން ހުޅުހުޅުގައި ރިހޭ ރިހުމަށްވެސް ކަސްރަތުން ލުއިކަން އިހުސާސް ކުރުވާނެއެވެ. އެގޮތުން ކަސްރަތަކީ އެ ލޮނދިތައް އިތުރުކޮށްދީ ތާޒާ ކޮށްދޭނޭ ކަމެކެވެ. ކަސްރަތުގެ ސަބަބުން ލޭ ދައުރުވުން ރަނގަޅުވާނެއެވެ. އެހެންކަމުން އޮކްސިޖަން ލިބުމާއި އެކު ފައިދާހުރި މާއްދާތައް ލިބުންވެސް ފަހިވެ ރަނގަޅުވާނެއެވެ. ނަތީޖާއަކަށް ވަނީ ހުޅުތެރޭގައި ހުންނަ މި ލޮނދިތަކަށް ބޭނުންވާ މާއްދާތައް ލިބުމާއި އެކު އޮކްސިޖަން ފަހިކޮށް ލިބުމެވެ. އެހެންކަމުގައި ވަނީނަމަ އެ ލޮނދިތަކުގެ ދުޅަހެޔޮކަން އިތުރުކޮށްތީ ތާޒާ ކޮށްދޭނެއެވެ. ލޮނދި ހިކި ނުވަތަ މަދުވެފައިވާ ހުޅެއްނަމަ، އެ ލިބޭ އޮކްސިޖަނާއި ބޭނުންތެރި މާއްދާތަކުގެ ސަބަބުން ލޮނދި އިތުރުވެސް ކޮށްދޭނެއެވެ. މިކަމަށްޓަކައި ބޭނުން ވާނީ ހިތްވަރާއި އެކު ގަވައިދުން ކަސްރަތު ކުރުމެވެ. ހެލިފެލިވެ އުޅުމަކީ އަދި ކަސްރަތު ކުރުން ނޫންކަމުގައި ދެކި އާދަވެ ގަވައިދުން، ތަރުތީބަކުން ކުރެވޭ ހަރަކާތްތަކަކަށް ހަދާށެވެ.

ލޮނދި އިރުތުކޮށްދޭ ބައެއް ކާނާ ހުރެއެވެ. މިއީ ބައެއްފަހަރަށް ގަބޫލުކުރަން އުނދަގޫ ވާހައަކައަކަށް ވެދާނެއެވެ. ނަމަވެސް ކަމުގެ މާހިރުން ދިރާސާތަކެއްކޮށް އެފަދައިން ލޮނދި އިތުރުކޮށްދޭ ބައެއް ކާނާތަކެއް ފާހަގަކޮށްފައި ހުރެއެވެ. އޭގެ ތެރޭގައި ފެހިކުލަގަދަ ފަތާއި ރަތްތަރުކާރީ ހިމެނެއެވެ. އަދި އޮމެގާ-3 ގެ ފެޓު އެކުލެވޭ ކާނާ އަކީވެސް ހުޅުހުޅުގައި ލޮނދި އިތުރުކޮށްދޭނެ ކާނާތަކެކެވެ. އެންޓިއޮކްސިޑެންޓު ގިނަ އަދަދަކަށް އެކުލެވޭ ކާނާއަކީވެސް އެފަދައިން ފައިދާހުރި ކާނާތަކެކެވެ. އޭގެ ތެރޭގައި ރީނދުލާއި، ލޮނުމެދާއި، ފިޔައާއި، ކަޅުސަޔާއި އަދި އެކި ވައްތަރުގެ ބެރީތައް ހިމެނެއެވެ. އެކި ވައްތަރުގެ ނަޓުތަކާއި އެކި ވައްތަރުގެ ކެވޭ ކުދި އޮށްއޮށަކީވެސް އޭގެ ސަބަބުން ހުޅުހުޅުގައި ލޮނދި އިތުރުކޮށްދޭ ކަމަށްވެސް ދިރާސާވެރިން ފާހަގަ ކުރައްވާފައި ވެއެވެ.

ކެއުމާއި ކަސްރަތަކީ ވަކި ކުރެވޭނޭ ދެކަމެއް ނޫނެވެ. އެހެންކަމުން ހުޅުހުޅުގައި ލޮނދި ގިނަ ކުރުމާއި އެ ލޮނދިތަކުގެ ތާޒާކަން ދަމަހައްޓާ، ދުޅަހެޔޮކަންމަތީ ބެހެއްޓުމަށް ކަސްރަތު ކުރުމާއި އެކު މިފަދަ ކާނާ ކެއުމަކީވެސް ވަރަށްވެސް މުހިންމުކަމެކެވެ.