އިންސާނާގެ ފުރަގަސް ފަރާތަށް ޖެހޭ ބައެއް ބަލިތަކަކީ އެ ބަލިތަކެއްގެ ސަބަބުން ވަރަށް ބޮޑެތި ވޭނާ ތަދު އިހުސާސް ކުރަން ޖެހޭ ކަމެކެވެ. ފުރަގަސްފަރާތަށް ޖެހޭ ތަފާތު ބަލިތައް ވަރަށްވެސް ގިނައެވެ. މި ލިޔުމުގައި މި ބަލާލަނީ ބަވާސީ ނަމަކަށް ކިޔާ ފުރަގަސްފަރާތަށް ޖެހޭ ބައްޔަކާއި ބެހޭގޮތުންނެވެ.

ބަވާސީ އަކީ މި ބައްޔަށް ދިވެހިން ކިޔާ ނަމެވެ. އިނގިރޭސިބަހުން ނުވަތަ ޑަކްޓަރީ ބަހުން މި ބައްޔަށް ކިޔަނީ ޕެރިއެނަލް ފޮލިކިއުލައިޓިސް އެވެ. މިބަލި ޖެހޭގޮތަކީ، ފުރަގަސް ފަރާތުގެ ދޮރު ކައިރީގައި ހުންނަ އިސްތަށި ތަކުން އިސްތައްޓެއްގެ ބުޑު ދުޅަވެ ދޮސް ގަނެގެން ނުވަތަ ފުރަގަސް ފަރާތު ދޮރުގެ ކައިރިފަށުގައި ބިއްސެއްޖަހައި ދުޅަވެ މުލިއްސަކަށްވެ ދޮސް ގަނެގެން ފުރަގަސް ފަރާތު ދޮރުތެރެ އުމަގުވުމެވެ. އުމަގުވުމޭ ބުނެވޭ ބަހުގެ މާނައަކީ އެތެރޭގައި ހެދިފައި ހުންނަ ފާރުގަނޑެވެ. ބަވާސީ ބަލީގައި އުމަގުވުމޭ ބުނެވެނީ ފުރަގަސްފަރާތު ދޮރުގެ އެތެރޭގައި ފާރު ހެދުމެވެ.

މި ބަލީގެ އަލާމާތްތަކަކީ ކަހާ ހިރުވުމާއި ދުޅަވުމެވެ. އަދި ފުރަގަސްފަރާތު ދޮރު ރަތްވެ، ހޫނުކަމެއް ހުރުމެވެ. މީގެ އިތުރުން ތަދަކީ މި ބަލީގެ އެއްމެ ބޮޑު އަލާމާތެވެ. ބޮޑުކަމު ދާ ވަގުތުގައްޔާއި އިށީނދެ ހަދާ ވަގުތު ތަކުގައިވެސް ތަދު ހުންނާނެއެވެ. އަދި ޖުމުލަކޮށް އަބަދުވެސް ރިހުމެއް ހުންނާނެއެވެ.

ބަވާސީ ބަލި ޖެހޭ ސަބަބަކީ ސްޓްރެޕްޓޯކޮއްކައި ނަމަކަށް ކިޔާ ޖަރާސީމެއް އަށަގަތުމެވެ. އިސްތަށިތަކުގެ ބުޑުތަކުގައި މި ބާވަތުގެ ޖަރާސީމެއް އަށަގަތުމުން އިސްތަށީގެ ބުޑުގައި ދޮސް އުފެދި، ގަނޑުލާ ދުޅަވެއެވެ. އަދި ބައެއްފަހަރަށް ފާރުވެ އެތަނެއް ހަލާކުވެއެވެ.

މި ބައްޔަށް އޮތް ފަރުވާ އަކީ އެންޓިބައިޓިކްސް ނުވަތަ ޖަރާސީމު ނައްތާލާ ބޭސް ބޭނުން ކުރުމެވެ. ބަވާސީ ބަލިން ރައްކާތެރިވުމަށް ސާފުތާހިރު ކަމަކީ ވަރަށްވެސް މުހިއްމު ކަމެކެވެ. އަދި ބޮޑުކަމު ދިއުމަށްފަހު، ފެނުން ސާފުކުރުމަށްފަހު، ރަނގަޅަށް ހިއްކާލުމަކީ ވަރަށްވެސް ބޭނުންތެެރި ކަމެކެވެ. އެއް ޖަންގިޔަލެއް ނުވަތަ އެއް ބޮކްސާއެއް މާ ގިނައިރުވަންދެއް ނުވަތަ ގިނަ ދުވަސްވަންދެން ބޭނުން ކުރުމަކީ ރައްކާތެރި ކަމެއް ނޫނެވެ. އަދި ހޫނު އަރާ ދާހިއްލާނަމަ، ލަސްނުކޮށް ފެންވެރުމަކީވެސް މިފަދަ ކަންތައްތަކުން ދުރުވުމަށް އެހީތެރިވެދޭނެ ކަމެކެވެ.