ނިއުމޯނިއާ އަކީ ފުއްޕާމޭގައި އަރިދަފުސް ރޯގާ ނުވަތަ އެހެން ދިޔާ ބާވަތެއް އުފެދިގެން ޖެހޭ އިންފެކްޝަން ބައްޔެކެވެ. މިއީ އަވަހަށް ފަރުވާ ނުހޯދިއްޖެނަމަ، ފުރާނައަށް ނުރައްކާވުމުގެ ބިރު އޮންނަ ބައްޔެކެވެ. ނަމަވެސް، ގިނަ ފަހަރަށް ނިއުމޯނިއާ ޖެހިފައިވާކަން ނޭނގި ފަރުވާއަށް ދިޔުން ލަސް ވަނީ، އާދައިގެ އަރިދަފުސް ރޯގާއެއް ކަމަށް ހީކޮށެވެ. ސަބަބަކީ، ނިއުމޯނިއާގެ ގިނަ އަލާމަތްތަކަކީ އާދައިގެ ރޯގާއެއްގައި ފެންނަ ފަދަ އަލާމްތަކާ ދާދި އެއްގޮތް ކަންތައްތަކަށް ވުމެވެ.

އެހެންކަމުން މިފަހަރު މި ކިޔައިދެނީ، ނިއުމޯނިއާގެ އަލާމަތްތައް ހުންނާނެ ގޮތެވެ. ނިއުމޯނިއާ އެންމެ ފުރަތަމަ ފެށޭނީ، އަރިދަފުސް ރޯގާ އިންނެވެ. ކެއްސުމާއި، ކިނބިހި އެޅުން އަދި ނޭފަތުން އަރިދަފުސް އައުމަކީ ފުރަތަމަ އަލާމާތެވެ. ބައެއް ފަހަރު ހުން ވެސް އައިސްދާނެއެވެ. ނަމަވެސް ދެތިން ދުވަސް ތެރޭގައި މި އަލާމަތްތައް ބޮޑުވެގެން ދެއެވެ. 

ހުން ގަދަވެ، ކެއްސުން އިތުރުވުން

ހުން އައިސްފައި ހުރެ، އެ ހުން މަޑުވުމުގެ ބަދަލުގައި ގަދަވެ، 103 ޑިގްރީއާ ހަމައަށް އަރާފާނެއެވެ. ނޫނީ އެއަށްވުރެ މާ މައްޗަށް ދިޔުން ވެސް އެކަށީގެންވެއެވެ. އެއާއެކު، ކުރިން ކެއްސަމުން އައި ހިކި ކެއްސުން މަޑުމަޑުން ބަދަލުވެ، ކެއްސާއިރު ރީނދޫ، ފެހި ނުވަތަ ލޭކުލައިގެ އަރިދަފުސް ކަރުން އަންނަ ނަމަ އެއީ ކަންބޮޑުވާންވީ ކަމެކެވެ. ޙާއްސަކޮށް، އާންމުކޮށް ނާންނަ ކުލައަކަށް އަރިދަފުސް އަންނަ ނަމަ، ވަގުތުން ޑޮކްޓަރަކަށް ދައްކަން ވާނެއެވެ. ނޫންނަމަ އަޅާނުލާ ހުރެގެން، ދެން ފެންނާނީ ނޭވާއަށް އުނދަގޫވާ ތަނެވެ. ނިއުމޯނިއާއިން ފުއްޕާމެއަށް އޮކްސިޖަން އެތެރެވުމާއި، ކާބޮންޑައިއޮކްސައިޑް ބޭރުކުރުމަށް އުނދަގޫތަކެއް ކުރިމަތިކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ނޭވާ ކުރުވެ، އާންމު ދިރިއުޅުމުގައި ކުރާ ކަންކަން ކުރަން ގޮންޖެހުމަކަށް ވެގެންދެއެވެ. 

 

މޭގައި ރިއްސުން

މަތީގައި ބުނެފައިވާ އަލާމްތަކާ އެކުއެކީ މޭގައި ރިއްސާ ނަމަ، މިއީ އިތުރަށް ކަންބޮޑުވާންވީ ކަމެކެވެ. އަދި މި ހާލަތުގައި ޑޮކްޓަރަށް ދައްކަން  ނުގޮސް ހުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހެކެވެ. މި ބުނާ މޭގެ ރިހުމަކީ ފުއްޕާމޭގެ ދެކޮޅުގައި ހުންނަ ތޫނު ތަދެކެވެ. އަދި ފުންކޮށް ނޭވާ ލާން އުޅޭއިރު، މި ތަދު ބޮޑުވެގެން ދެއެވެ. ކެއްސާ ކޮންމެފަހަރަކު ވެސް ތަދުވާނެއެވެ. 

 

ތުންފަތާއި ނިޔަފަތިތައް ނޫފައިގަތުން

ތުންފަތުގެ ކުލައާއި، ނިޔަފަތިތަކުގެ ކުލަ ނޫކުލައަށް ބަދަލު ވުމަކީ ނިއުމޯނިއާގެ އަނެއް އަލާމާތެވެ. މިއީ ނިއުމޯނިއާ ޖެހިފައި، ފަރުވާ ނުކޮށް ގިނަ ދުވަސްވުމުން ފެންނަން ފަށާ ކަމެކެވެ. އެގޮތުން ހަށިގަނޑުގެ ޓިޝޫތަކަށް އޮކްސިޖަން ލިބޭލެއް މަދުވާ ވަރަކަށް، ހަށިގަނޑުގެ ބޭރުފުށުގެ ގުނަވަންތައް ނޫފައިގަންނަން ފަށައެވެ. އެންމެ ފަސޭހައިން ލޮލުގައި އަޅައިގަންނާނީ ތުންފަތާއި ނިޔަފަތިތަކެކެވެ. މިއީ ފުރާނައަށް ނުރައްކާވުމުގެ ރަނގަބީލެކެވެ. 

ކަންކަން އޮޅޭގޮތް ވުން

އާންމު ދިރިއުޅުމުގައި ކުރާ ކަންކަމުގައި ވާނުވާ ނޭނގޭ ހިސާބަށް ދިޔުމަކީ، ނިއުމޯނިއާގެ އަނެއް ނުރައްކާ އަލާމާތެވެ. މިކަން އާންމުކޮށް ދިމާ ވަނީ އުމުރުން ދުވަސްވީ މީހަކަށް ނިއުމޯނިއާ ޖެހުމުންނެވެ. އެއީ، ސިކުނޑިއަށް އޮކްސިޖަން ލިބޭ މިންވަރު މަދުވެ، ސިކުނޑީގެ މަސައްކަތްތަކަށް ހުރަސް އެޅެން ފެށުމުން ދިމާވާ ކަމެކެވެ. އެގޮތުން ކުރިއަށްވުރެ އަވަސް އަވަހަށް ކަންކަން ހަނދާން ނެތުމާއި، ކަންކަމަށް ސަމާލުކަން ނުދެވުން އަދި ކާހިތް ނުވުން ހިމެނެއެވެ. މިއީ ވެސް ނިއުމޯނިއާގެ އިންފެކްޝަން މާ ބޮޑުވަރު ވުމުން ފެންނަ އަލާމާތެކެވެ. ޙާއްސަކޮށް އުމުރުން ދުވަސްވީ މީހަކަށް މިހެން ވެއްޖެނަމަ، އެ ހުރީ ނިއުމޯނިއާގެ ވަރަށް ނުރައްކާ ސްޓޭޖެއްގައެވެ. އަދި ޑޮކްޓަރަށް ދެއްކުން ވީހާ ވެސް އަވަސް ކުރަން ވާނެއެވެ. 

 

މޭނުބައިކޮށް ހޮޑުލުން

މިއީ އާންމުކޮށް ކުޑަކުދިންނަށް ނިއުމޯނިއާ ޖެހުމުން ފެންނަ އަލާމާތެކެވެ. ކާއެއްޗެއް ކައި ކޮންމެ ފަހަރަކު މޭނުބައިކޮށް ހޮޑުލެވޭ ގޮތް ވާ ނަމަ، ނިއުމޯނިއާ ޖެހިފައި ހުރުން އެކަށީގެންވެއެވެ.

އަދި ޙާއްސަކޮށް. ހުން އައިސް ނޭވާ ކުރުވުމާއެކު މިގޮތަށް ވާނަމަ، ލަސްނުކޮށް ޑޮކްޓަރަށް ދައްކަން ވާނެއެވެ. 

 

ނިއުމޯނިއާއިން ރައްކާތެރިވުމަށް ކުރެވިދާނެ ބައެއް ކަންކަން

ނިއުމޯނިއާއިން ރައްކާތެރި ވުމަށް އެޅޭ އެންމެ މުހިންމު އެއް ފިޔަވަޅަކީ ސާފުތާހިރު ކަމަށް އިސްކަން ދިނުމެވެ. އެގޮތުން ސައިބޯނި ލައިގެން ގިނަ ގިނައިން އަތް ދޮވުމާއި، އަނގަތެރެ ސާފުކޮށް ބެހެއްޓުން ހިމެނެއެވެ. އަދި މާ ފިނީގައި ނޫޅެ، ރަނގަޅު ފިނިހޫނުމިނެއް ހުންނަ މާހައުލެއްގައި އުޅޭށެވެ. ފިނި ތަނެއްގައި ހުންނަން ޖެހިއްޖެ ހާލަތެއްގައި، ފިނިން ރައްކާތެރިވާނެ ގޮތަށް ހެދުން އެޅުމަށް ސަމާލުކަން ދޭން ވާނެއެވެ. ދެން އޮތް ކަމަކީ، ނިއުމޯނިއާގެ އަލާމާތެއް އެހެން މީހެއްގެ ކިބައިން ފެންނަ ނަމަ، އެމީހަކާ ދުރުގައި އުޅުމެވެ. މީގެ އިތުރުން ވެސް، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ފައިދާހުރި ކާނާ ކައިގެން، ކަސްރަތުކޮށް އުޅޭ ނަމަ ދިފާއީ ނިޒާމު ވަރުގަދަވެ، ނިއުމޯނިއާގެ އިތުރުން އެހެން ބަލިތަކުން ވެސް ރައްކާތެރިވުމުގެ ފުރުސަތު ބޮޑެވެ.