ސިއްހީ ބައެއް ކަންކަމަށް ފަރުވާ ހޯދުމުގައި ކަސްރަތުގެ ވާހަކަ ޑަކްޓަރުން އަބަދުމެ ދައްކައެވެ. އެއާއި އެކު ބަލި މީހުން ދައްކާ އެއް ވާހަކަ އަކީ ތިމަންނާ ހެލިފެލިވެ އުޅޭ ވާހަކަ އާއި ހީވާގި ބުރަ މަސައްކަތްކޮށް އުޅޭ ވާހަކައެވެ. ދަންނަވަންތޯއެވެ! ކަސްރަތު ކުރުމާ ހެލިފެލިވެ އުޅުމަކީ މުޅިން ދެކަމެކެވެ. ނަމަވެސް ބައެއް ކަންކަމުގައި އެއްގޮތް ކަމެކެވެ.

ހެލިފެލިވެ އުޅުމުގެ މާނައިގައި ދިވެހި ރަދީފު ދޭ ޖަވާބަކީ ހިނގާ ބިނގާވެ އުޅުމާ ހަރަކާތްތެރިވުމެވެ. ބަހުގެ ގޮތުންވެސް އަމަލީ ގޮތުންވެސް މިއީ މިކަން އޮތް ގޮތެވެ. ދިރިއުޅުމުގައި އާދަވެ ކުރާ ކަންކަމާ މަސައްކަތްތަކުގައި އަވަދިވެ، ހަރަކާތްތެރިކޮށް އުޅޭ އުޅުމެވެ. ބުރަކޮށް މަސައްކަތްކޮށް އުޅޭ އުޅުމެވެ. މިއީ ދުޅަހެޔޮ ސިއްހަތަށް ނުހަނު ބޭނުންތެރި ކަމެކެވެ. މިއީ މުޅި މީހާގެ ސިއްހަތު، ޖުމުލަކޮށް ހެޔޮކޮށްދިނުމަށް އެހީތެރިވެދޭނެ ކަމެކެވެ. ނަފްސާނީ ދުޅެހެޔޮކަމާއި ޖިސްމާނީ ދުޅަހެޔޮކަމެވެ. ހެލިފެލިވެ އުޅުމުގައި އިސްތިސްނާ ވަނީ ސަމާލުކަން ދޭ ވަކި ކަމެކެވެ. ނުވަތަ ހާސިލް ކުރަން ބޭނުންވާ ވަކި މަގުސަދެކެވެ. ނެރެން ބޭނުންވާ ވަކި ނަތީޖާއެކެވެ.

ކަސްރަތު ކުރުމަކީ ތާވަލު ކުރެވި، އިންތިޒާމު ވެގެން، ވަކި ތަރުތީބަކުން، ވަކި މަގުސަދެއް ހާސިލް ކުރުމަށް ތަކުރާރުކޮށް އާދަވެ ކުރާ ހާއްސަ ހަރަކާތްތަކެކެވެ. ކަސްރަތު ކުރުމުގެ ތެރޭގައި ހިމެނޭ ކަންކަމަކީ ކަސްރަތު ކުރުމުގެ ނިޔަތުގައި ކުރާ ކަންކަމެވެ. އެގޮތުން ދުވަން ދިއުމާއި ހިނގަން ދިއުމާއި ގޭތެރޭގައްޔާއި ޖިމް ފަދަ ތަންތަނުގައި ވަކި ވަގުތެއް ކަނޑައަޅައި ވަކި ނިޔަތެއްގައި ވަކި މަގުސަދެއް ހާސިލް ކުރަން ކުރާ ކަންކަމެވެ. ކަސްރަތުގެ ނަތީޖާ ހެލިފެލިވެ އުޅުމަށް ވުރެ ތަފާތު ވާނެއެވެ. ކަސްރަތުގެ ނަތީޖާ ހަރަކާތްތެރިވުމަށް ވުރެ އަވަސް ވާނެއެވެ. އަދި އެކި އެކި ކަސްރަތުތަކަކީ އެކި އެކި ކަންކަމަށް ހާއްސަ ކަސްރަތު ތަކެކެވެ. ހިކެން ބޭނުންވާ މީހާ، ބަރުދަން ލުއިކުރަން ބޭނުންވާ މީހާ، ލޭގެ ޕުރެސަރު ދަށްކުރަން އެދޭ މީހާ، ހަކުރު ދަށްކުރަން އެދޭ މީހާ، ރިހުންތަކާ ތަދުތަކުން ދުރަށްދާން އެދޭ މީހާ، މިއިން ކޮންމެ މީހަކަށް ހާއްސަ ކަސްރަތުތަކެއް ހުންނާނެއެވެ. މިއީ ހެލިފެލިވެ އުޅުމުން ހޯދޭނެ ނަތީޖާތަކެއް ނޫނެވެ.

ޖުމުލަކޮށް ކުރުކޮށް ފޮނިކޮށް ބުނާނަމަ، ކަސްރަތުގެ ނަތީޖާ ދެމެހެއްޓުމަށް ހެލިފެލިވެ އުޅުން ވަރަށްވެސް މުހިއްމެވެ. އެއްމެ މުހިއްމީ ހެލިފެލިވެ އުޅުމެވެ. އެހެނީ އެއީ ފަސޭހައިން ކުރެވޭ އާދައިގެ ކަމެކެވެ. ނަމަވެސް ކަސްރަތު ކުރުމަކީވެސް އަމުދަކުން މުހިއްމު ކަމެއް ނޫނޭ ބުނެވޭނެ ހާލަތެއް ނާންނާނެއެވެ.

 

ހަވާލާ: ހެލްތްލައިން