އިންސާނާގެ ހަށިގަނޑު އުފެދި އޭގެ ފުރިހަމަކަންމަތީ ހިނގަމުން ދަނީ ވަރަށް ގިނަ ކަންތައްތަކަކާއި ތަކެއްޗެއް އެގުވެގެންނެވެ. އެގޮތުން އިންސާނާގެ ހަށިގަނޑުގައި ދައުރުވާ ލޭގައިވެސް އެތައް ބާވަތެއްގެ ތަކެއްޗެއް ނުވަތަ ހަތާރުތަކެއް ނުވަދަ މާއްދާތަކެއް ހުރެއެވެ. މި މާއްދާތަކުގެ ހަމަހަމަ ކަމަކީ ހަށިގަނޑު އޭގެ ފުރިހަމަކަން މަތީ ހިނގުމަށް މުހިއްމު ހަމަތަކެކެވެ. އެގޮތުން ލޭގައި ހުންނަ ހަކުރަކީވެސް އެއް މިންގަނޑެއްގައި ހިފެހެއްޓިފައި ހުންނަން ޖެހޭ މާއްދާއެކެވެ. ލޭގައި ހުންނަ ހަކުރު މާ ގިނަވަޔަސް ސަލާމަތެއް ނެތެވެ. އަދި ހަކުރު މާ މަދުވިޔަސް ސަލާމަތެއް ނެތެވެ.
ލޭގައި ދައުރުވާ ހަކުރުގެ މިންވަރު މާ ބޮޑަށް މަތިވެއްޖެނަމަ ނުވަތަ މަތިވެ ގިނަ މުއްދަތަކަށް މަތިކޮށް ހުންނަ ނަމަ ގުނަވަންތަކަށް އޭގެ ސަބަބުން ގެއްލުންތަކެއް ކުރިމަތި ވެދެއެވެ. އެގޮތުން އިންސާނާގެ ހިތާއި ލޭ ހޮޅިތަކާއި ގުރުދާ އާއި އަދި ހިއްސީ ނާރުތަކަށް އެކިވަރުގެ ގެއްލުން ލިބި، މި ގުނަވަންތަކުގެ މަސައްކަތަށް ބުރޫ އަރާ ގޮތް މެދުވެރިވެއެވެ.
ލޭގައި ހުންނަ ހަކުރުގެ މިންވަރު މާ މަތިވެގެން ގޮސް، "ޑައިބެޓިކް ކީޓޯ އެސިޑޯސިސް" ނަމަކަށް ކިޔާ ހާލަތަކަށް އިންސާނާ ހިނގައިދާނެއެވެ. މިއީ ލޭގައި ހުންނަ ހަކުރުން ހަށިގަނޑުތެރެއަށް ހަކަތަ ނަގުވާ އެންޒޭމް ކަމަށްވާ އިންސުއިން ލޭގެ ތެރެއިން ހުސްވުމުގެ (އެންޒޭމުތަކަށް ނުކަތާވަރަށް، ހަކުރު ގިނަވުމުން) ސަބަބުން ހަކުރުން ނަގާ ހަކަތަ، ސަރުބީން ނެގުމަށް ސަރުބީތައް ވިރުވާލާ ވަގުތު، އުފެދޭ އެސިޑުތައް ލޭގެތެރޭގައި ގިނަވާ ހާލަތެކެވެ. މިއީ ސީދާ ފުރާނައަށް ނުރައްކާ ކުރުވާ ހާލަތެކެވެ.
މި ސަބަބުތައް މިހެން ހުރުމާއި އެކު، ލޭގައި ހުންނަ ހަކުރު މާ މަތިވިޔަ ދީގެން ނުވާނެއެވެ.
ލޭގައި ދައުރުވާ ހަކުރުގެ މިންވަރު އޭގެ ޠަބީއަތަށް ދަށްވުމަކީ ވަރަށް މަދުން ނޫނީ ދިމައިވާ ކަމެއް ނޫނެވެ. އެހެންނަމަވެސް ބައެއް މީހުންނަށް މިއީ ދިމައިވާ ކަމެކެވެ. އާއްމުކޮށް ލޭގައި ހުންނަ ހަކުރުގެ މިންވަރު ދަށްވަނީ ހަކުރު މަތިވުމުގެ ސަބަބުން ބޭސް ބޭނުން ކުރާ މީހުންނެވެ.
މިގޮތަށް ލޭގެ ތެރޭގައި ހުންނަ ހަކުރުގެ މިންވަރު މާ ބޮޑަށް ދަށްވެއްޖެނަމަ މީހާ ހޭނެތޭ ގޮތް ވެދާނެއެވެ. ބޮލަށް އެނބުރުން އެރުމާއި އެކު ހާސްވެ، ވާނުވާ ނޭނގޭ ފަދަ ގޮތްތަކެއް ވާނެއެވެ. ބައެއް މީހުންނަށް މޫނުމަށްޗަށް އަނދިރިގަނޑެއް އަރާ ފިޓުޖެހުމަކީވެސް އެކަށީގެންވާ ކަމެކެވެ. މިހެން ދިމައިވާން މެދުވެރިވަނީ ސިކުނޑިއަށް ބޭނުންވާ ގުލްކޯޒު ނުލިބުމުންނެވެ. ސިކުނޑީގެ މަސައްކަތް ފުރިހަމަކޮށް ހިނގުމަށް ހަކުރު ނުވަތަ ގުލްކޯޒަކީ އަސާސީ މައްދާއެކެވެ.
މިފަދައިން ސިކުނޑިއަށް ބޭނުންނާ ގުލްކޯޒުފަދަ ކެވެނީގެ މާއްދާތައް ނުލިބުމުގެ ސަބަބުން ސިކުނޑީގެ ބައެއް ހިސާބުތައް މަރުވާން ފަށާފާނެއެވެ. ނަތީޖާއަކަށް ވާނީ އެ ބަޔަކުން ކިޔަމަންކުރާ ހަރަކާތްތައް ހުއްޓި، ވާގި ދިއުމެވެ. މިފަދަގޮތަށް މުޅި ސިކުނޑ ހުއްޓިދާ ހާލަތްތަކެއްވެސް އާދެއެވެ. މި ހާލަތްތަކަށް ޑައިބެޓިކް ކޯމާ އޭ ކިޔައެވެ.
މިކަންކަން މިހެން ހުރުމާއި އެކު، ހަކުރު ދަށްވާ މީހުން މިކަންކަމަށް ހާއްސަ ސަމާލުކަމެއް ދޭންވާނެއެވެ. އަދި ހަކުރު މަތިވުމުގެ ސަބަބުން ބޭސް ބޭނުންކުރާ ފަރާތްތަކުންވެސް ހަކުރު މާބޮޑަށް ދަށްވެގެން ދޭތޯ ބަލަން ވާނެއެވެ. އެކި މީހުންގެ ހަށިގަނޑުގައި ހަކުރު ހުންނަ އަދި ހުންނަން ޖެހޭ އެވްރެޖް މިންގަނޑު ތަފާތު ވެދާނެއެވެ. އެހެނީ އެމީހެއްގެ އެހެން ކަންތައްތަކަށް ރިއާޔަތްކޮށްފައެވެ. އެހެންކަމުން އެމީހެއްގެ ހަށިގަނޑުގައި ހަކުރު ހުންނަން ޖެހޭ އެއްމެ އެކަށީގެންވާ މިންވަރަކީ ކޮބާތޯ ބެލުމަށާއި އަދި ހަކުރު ހުންނަ މިންވަރެއް ބެލުމަށް ޑަކްޓަރަށް ދައްކާލުން އެއީ ބުއްދިވެރި ކަމެކެވެ.
ހަކުރަކީ ފާޑެއްގެ އެއްޗެކެވެ. މަތިވިޔަސް ދަށްވިޔަސް ސަލާމަތެއް ނެތެވެ!
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން