ބަނޑުގައި ހުންނަ ސަރުބީއަކީ ވިރުވައިލަން އެންމެ އުނދަގޫ ސަރުބީއެވެ. ކަސްރަތު ކޮށްގެން ބަރުދަން ލުއި ކުރެވުނަސް، ބަނޑު ހިންދުމަށް އިތުރު ހިތްވަރާއި ވަގުތު ބޭނުންވެއެވެ. މިހެން ދިމާވާން މެދުވެރިވާ ސަބަބުތައް ބައިވަރެވެ.
މައިގަނޑު ސަބަބަކީ، ދިރިއުޅުމުގެ ވައްޓަފާޅިއެވެ. އެގޮތުން ނިދާހޭލާ ވަގުތާއި، ކެއުމުގައި ބޭނުންކުރާ އެއްޗިއްސާއި، ސްޓްރެސްވުން ހިމެނެއެވެ. ނަމަވެސް މިކަންތައްތައް ދުޅަހެޔޮ ގޮތަކަށް ބަދަލުކޮށް، ބަރާބަރަށް ކަސްރަތު ކުރާނަމަ ބަނޑު ހިންދުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. މިފަހަރު މި ފާހަގަކޮށްލަނީ، ބަނޑު ހިންދަން ބޭނުންވާ ނަމަ ކެއުމުގައި ހިމަނަންވީ ބައެއް ބާވަތްތަކެވެ.
1. ލޮނުމެދު
ލޮނުމެދަކީ ހަމައެކަނި ކާއެއްޗެހީގެ ރަހަ މީރު ކޮށްދޭ އެއްޗެއް ނޫނެވެ. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި، ލޮނުމެދުގައި ހިމެނޭ އެލިސިން ކިޔާ މާއްދާއެއްގެ ސަބަބުން، ސަރުބީ ވިރުވައިލަން އެހީވެދެއެވެ. ސަބަބަކީ، ކާތަކެތި ހަޖަމުކުރުމަށް އެހީވެދިނުމުގެ އިތުރުން ބަނޑުގައި ސަރުބީ އުފެދުން ދުރުކޮށްދޭތީއެވެ.
2. ޔޯގަޓް
ޔޯގަޓަކީ މަތީ މިންވަރަކަށް ޕްރޮޓީން އެކުލެވޭ އެއްޗެކެވެ. ކެއުމުގައި ފެޓްސް ހުންނަ ކާނާއަށްވުރެ ގިނައިން ޕްރޮޓީން ފޯރުކޮށްދޭ ކާނާހިމެނުމުން، ބަނޑުގައި ޖަހާފައި ހުންނަ ފެޓް ޓިޝޫސް ވިރުވައިލަދޭން އެހީވެދެއެވެ. ހަމައެއާއެކު، ޔޯގަޓުގައި އެކުލެވޭ ކެލްސިއަމްއާއި ވިޓަމިން ޑީގެ ސަބަބުން ކޯޓިސޯލް އުފެދުން ދަށްކޮށްދެއެވެ. ކޯޓިސޯލް އަކީ ބަނޑުގައި ސަރުބީ ޖެހުމަށް މަގުފަހިކުރުވާ ސްޓްރެސް ހޯމޯން އެކެވެ.
3. ގްރީން ޓީ
ގްރީން ޓީ އަކީ ބަރުދަން ލުއި ކުރުމަށް އެހީވެދޭ އެއްޗެއްކަން ގިނަ މީހުން ދަންނާނެއެވެ. ނަމަވެސް އެއީ ހަމައެކަނި މެޓަބޮލިޒަމް ބޫސްޓު ކޮށްދިނުމުން އެކަންޏެއް ނޫނެވެ. އޭގެ އިތުރުން، ގްރީންޓީގައި ހިމެނޭ އިޖީސީޖީ (އެޕިގެލޮކެޓެކިން ގެލޭޓް) އަކީ ހަށިގަނޑުގައި ސަރުބީ ޖެހުމުން ރައްކާތެރި ކޮށްދޭ އެންޓިއޮކްސިޑެންޓެކެވެ. ނަމަވެސް ގްރީންޓީގެ ފައިދާ ބޮޑަށް ކުރާނީ އެއާ އެއްވަރަށް ކަސްރަތުވެސް ކުރާނަމައެވެ. ހަމައެއާއެކު، ގްރީންޓީގެ ސައިފަތް ޕެކެޓު ބޭނުންކުރުމުގެ ބަދަލުގައި ޤުދުރަތީ ގްރީންޓީގެ ފަތް ސަޔަށް އަޅައިގެން ބޭނުންކުރުން ބުއްދިވެރިއެވެ. ސަބަބަކީ، ސައިފަތް ޕެކެޓު ހަދާއިރު، ފަތުގައި ހުންނަ ނިއުޓްރިޝަންސް ގެއްލޭތީއެވެ.
4. ބެރީޒް
ސްޓޯބެރީ، ބްލޫބެރީ ނުވަތަ ރާސްބެރީ ފަދަ ބެރީގެ މޭވާތަކަކީ، ސަރުބީ ވިރުވައިދޭ އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ މޭވާއެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް މީގެން މޭވާ ކެއުމުގައި ބޭނުންކުރާނަމަ، ބަރުދަން ލުއިކުރުމަށް އެހީވެދޭނެއެވެ. އަދި އިތުރު ފައިދާތަކުގެ ތެރޭގައި ލޭ ދައުރުވުން އަވަސްކޮށްދީ، ލޭ ސާފުކޮށްދެއެވެ. ބޭނުންނަމަ ބެރީގެ ސްމޫތީއެއް ހަދައިގެން ކޮންމެދުވަހަކު ބޮވިދާނެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން