ބައެއް ކަހަލަ ކާނާ ތުއްތުކުދިންގެ ކަރުގައި އަޅައިގެން އެކުދިންގެ ހިމަނޭވާހޮޅިއަށް ހިނގައިދާނެ ކަމަށް ކާންދޭއިރު ބެލެނިވެރިން ސަމާލުކަން ދޭންވާނެ އެވެ.
މިގޮތުން،
ހަރުކޮށް، ކުދިކޮށް، އޮމާންކޮށް، ވަށްކޮށް އަދި ތަތްލަވާ ގޮތަށް ހުންނަ ކާނާ، ހަތަރު އަހަރުން ދަށުގެ ކުދިންނަށް ނުދިނުން.
މޭބިސްކަދުރު ފަދަ ވަށްކޮށް ހުންނަ ކާނާ ހަތަރުބަޔަށް ވާގޮތަށް ދިގުކޮށް ކޮށާފައި ނޫނީ ނުދިނުން.
މޭވާ އާއި ތަރުކާރީގެ ތޮށި ރަނގަޅަށް މެށުން.
މަސް ދޭއިރު ރަނގަޅަށް ކަށިފިލުވުމަށްފަހު ދިނުން.
ހަރު މޭވާ އަދި ތަރުކާރީ (މިސާލަކަށް ކެރެޓު، އާފަލު) ނުކައްކާ ހުރިގޮތަށް، ނުދިނުން.
ތުއްތު ދަރިފުޅުގެ އަމިއްލަ އަތުން ހިފައިގެން ކެއުމަށް ދެވޭ ކާނާ ހުންނަން ވާނީ ދިގުކޮށް ކޮށާފަ. (ހުރަހަށް ނުވަތަ ވަށްކޮށް ހުންނަގޮތަކަށް ނޫން)
ހުރިގޮތަށް ހުންނަ މަދު، ބޮޑެތި މަސްކޮޅު، ޕީނަޓް ބަޓަރު (ހުރިގޮތަށް)، ސޮސެޖް، ޕޮޕްކޯން، ހަރު އަދި މަޑުކޮށް ހުންނަ މެޓަލާއި ޗުއިންގަމް ފަދަ ކާނާ، ހަތަރު އަހަރުން ދަށުގެ ކުދިންގެ ކަރުގައި އަޅައިގަތުމުގެ ފުރުޞަތު ވަރަށް ބޮޑު.
ކާންދޭ ވަގުތުތަކުގައި އަބަދުވެސް ތުއްތު ދަރިފުޅުގެ ގާތުގައި ހުންނަންވާނެ. ދަރިފުޅުގެ ސަމާލުކަން އެހެން ކަމަކަށް ގެއްލިފައު ވަނިކޮށް، ކުޅޭވަގުތު، ރޮނިކޮށް، ހެނިކޮށް ނުވަތަ ދުވަނިކޮށް ކާން ނުދިނުން.
ތުއްތުދަރިފުޅު ބާއްވާފައި ކާންދިނުމުގެ ބަދަލުގައި، ބައިންދައިގެން ކާން ދިނުން.
ކާން ދޭއިރު ލަސްލަހުން ހަފައިގެން ކެއުމަށް ތުއްތު ދަރިފުޅަށް ފުރުޞަތުދިނުން.
ކާނާގެ އިތުރުން ގޭގައި ގެންގުޅޭ އެހެން ތަކެއްޗަށްވެސް ސަމާލުކަން ދޭންވާނެ. މިސާލަކަށް ވަކި ލާރި، ކުދި ކުޅޭ އެއްޗެހި، ގޮށް، ޕިން، ރަބަރު ފަދަ ތަކެތި ތުއްތުކުދިން އަތްޖެހޭ ހިސާބުގައި ނުބެހެއްޓުން.
*ކަރުގައި އަޅައިގަތުމާއި އޯކަށް ދެމުމާއި މިއީ ވަރަށް ތަފާތު ދެކަމެވެ. އޯކަށް ދެމުމަކީ ކާން ދަސްކުރާއިރު ވަރަށް ގިނަ ކުދިން ކުރާ ކަމެކެވެ. އަދި އެއީ މައްސަލައެއް ނޫނެވެ. ކާން ދަސްވާވަރަކަށް އޯކަށް ދެމުން މަދުވެއެވެ.
(މިއީ، "ތުއްތު ދަރިފުޅުގެ މިންހެޔޮ ކާނާ 6 މަހުން ފެށިގެން - ހަޔާތުގެ ފުރަތަމަ 1000 ދުވަސް" މި ފޮތުގައި ހިމެނޭ - ދަރިފުޅަށް ކާން ދިނުމުގައި ސަމާލުކަން ދޭންވީ ކަންކަން! އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް އަދި އެޑްވޮކޭޓިންގް ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން އެކުލަވާލައިފައިވާ ފޮތެކެވެ.)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން