ގަސްގަހާގެއްސަކީ އެއަށް ފާޑުފާޑުގެ ބަލިތައް ޖެހޭ އެއްޗެކެވެ. މިހާރަކަށް އައިސް ދިވެހިރާއްޖޭގެ ގިނަ ރަށްތަކުގެ ރުއްތަކުން ފެންނަ އެއް ބައްޔަކީ ކަޅު ކޫޑިއެވެ. މިއީ އެ ބައްޔެއްގެ ސަބަބުން ރުއްރުކުގެ ފަންތައް ބަލިވެ، މަތިވަރު ހުސްކުރުވާ ބައްޔެކެވެ. ކަޅު ކޫޑި އަކީ ރުއްރުކުގައި އަޅާ "ޕެރަސައިޓިކް ފަންގަސް" އެކެވެ. ސައިންޓިފިކަލީ ކަޅު ކޫޑިއަށް ކިޔާ ނަމަކީ "ސޫޓީ މޯލްޑް" އެވެ.

ކަޅު ކޫޑީގެ ސަބަބުން ރުއްރުކުގެ ދުޅަހެޔޮކަން ކުޑަވެ ރުއްތައް ބަލިވަމުން ދިޔުމުގެ އިތުރުން އިންސާނުންގެ ސިއްހަތަށްވެސް މި ކަޅު ކޫޑީގެ ސަބަބުން އަސަރު ކުރުވައެވެ. އިސްވެ ބުނެވުނު ފަދައިން ކަޅު ކޫޑި ނިސްބަތް ވަނީ ފަންގަސްގެ އާއިލާ އަކަށެވެ. ކޮންމެ ފަހަންގަސް އެއް އޭގެ ޠަބީއަތުން އިންސާނުންގެ ސިއްހަތަށް ގެއްލުން ނުދިނެއް ކަމަކު، ގިނަ ފަންގަސް ތަކަކީ ކޮންމެވެސް ކަހަލަ ގެއްލުމެއް އިންސާނާއަށް ކުރިމަތި ކުރުވާ އެއްޗެކެވެ.

ސޫޓީ މޯލްޑް ނުވަތަ ކަޅު ކޫޑީގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ގެއްލުން ކުރުވާ މައިގަނޑު ދެ ގޮތެއް އޮންނަ ކަމަށް ދިރާސާވެރިން ފާހަގަ ކުރެއެވެ. އެގޮތުން ކަޅު ކޫޑީގެ ސަބަބުން ހަންގަނޑުގެ ނާޒުކުކަން ހުންނަ މީހުންގެ ހަންގަނޑަށް އެކިކަހަލަ ގެއްލުންތައް ލިބުމުގެ ފުރުސަތު އޮވެއެވެ. އެހެނީ އިސްވެ ބުނެވުނު ފަދައިން ކަޅު ކޫޑި އަކީ ޒާތެއްގެ ޕެރަސައިޓެއްވެސް މެއެވެ. ކަޅު ކޫޑި އިންސާނާގެ ހަންގަނޑުގައި ޖެހުމުން ހަންގަނޑު އެލާޖިކް ވުމުގެ ފުރުސަތު އޮވެއެވެ. ކަޅު ކޫޑި އަކީ ރުއްރުކުގެ ކުރިއާއި ފަނާއި އިހާތަކުގައި ހުންނަ ހުންނަ އެއްޗެކެވެ. މިއީ އެތަންތަނުން ކެވެނީގެ މާއްދާތައް ހޯދައިގެން ދިރިއުޅޭ ފަންގަސް އެކެވެ. އެހެންކަމުން އިންސާނާގެ ހަންގަނޑުގައި ކަޅު ކޫޑި ޖެހިއްޖެނަމަ، އިންސާނާގެ ހަންގަނޑުންވެސް ކެވެނީގެ މާއްދާ ހޯދަން މި ފަންގަސް މަސައްކަތް ކުރާނެއެވެ. އެހެންކަމުން ހަންގަނޑުގައި ކަޅި ކޫޑި ޖެހިއްޖެނަމަ، ލަސްނުކޮށް ސާފު ކުރުމަކީ މުހިއްމު ކެމެކެވެ.

ކަޅު ކޫޑީގެ ސަބަބުން އިންސާނާގެ ސިއްހަތަށް އަސަރު ކުރުވާ އަނެއް ގޮތަކީ އިންސާނާގެ ނޭވާލާ ނިޒާމުގެ ތެރެއަށް މި ކޫޑިތައް ވަނުމުގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ތަފާތު ބަލިތައް ޖެހުމުގެ ފުރުސަތުވެސް އޮވެއެވެ. ހާއްސަކޮށް ނޭވާހިއްލާ މީހުންނަށެވެ. ބައެއްމީހުންނަށް މިކަމުގެ ސަބަބުން ސީދާ އަސަރު ކުރުވިއެއް ކަމަކު އަނެއްބައި މީހުންނަށް މިކަމުގެ އަސަރު ފޯރަނީ ނުސީދާކޮށް ދިގު މުއްދަތުންނެވެ. އެނގުމަކާ ނުލާވެސް މި ކޫޑިތައް އިންސާނާގެ ނޭވާލާ ނިޒާމުގެ ތެރެއަށް ވަދެގެން ހިނގައިދާނެއެވެ. އެހެންކަމުން ނޭވާހިއްލާ މީހުންނާއި ކުޑަކުދިން މި ކޫޑިތަކާ ދުރުގައި އުޅުން ވަރަށްވެސް މުހިއްމެވެ.

މިއީ އާއްމުކޮށް ކަޅު ކޫޑީގެ ސަބަބުން އިންސާނުންނަށް ލިބިދާނެ ބައެއް ގެއްލުން ތަކެވެ. މިއީ އަދި ކޮންމެ ކޮންމެ މީހަކަށް ކުރިމަތި ވެދާނެ ކަންކަމެއްވެސް ނޫނެވެ. މިކަންކަން ފާޅުގައި ދިމައި ނުވިއެއް ކަމަކު، ގިނަ ދުވަހުން ލަސްލަހުން މިކަމުގެ އުނދަގޫވެސް ފޯރަފާނެއެވެ. ނޭވާލާ ނިޒާމުގެ ތެރެއަށް ފަންގަސް އެއް ނުވަތަ ޕެރަސައިޓެއް ވަދެގެން ދިއުމަކީ ހަމަ ޔަގީނުންވެސް ކޮންމެވެސް ކަހަލަ ގެއްލުމެއް އެކަމުގެ ސަބަބުން ކުރުވާނެކަމެކެވެ. ވަގުތުން އޭގެ ގެއްލުން ނުކުރިއެއް ކަމަކު ފަހުން ނަމަވެސް ކުޑަކޮށް ނަމަވެސް އޭގެ ގެއްލުން ކުރުވަފާނެއެވެ.

"ތީރުން" ބެލި ބެލުމުގައި ދިވެހިރާއްޖޭގެ ރައްތަކުން ކަޅު ކޫޑި ފެނި، ގިނަވަމުން ދިޔަ ފުރަތަމަ ދުވަސްކޮޅު، އަރިދަފުސް ރޯގާޖެހިގެން ޑަކްޓަރަށް ދެއްކި މީހުންނާ ކުޑަކުދިންގެ އަދަދު ގިނަކަން ފާހަގަ ކުރެވުނެވެ. އަދިވެސް ގިނަ ރަށްތަކުގެ ރުއްތަކުގައި މި ކޫޑިތައް އެހާމެ ގިނައިން އެބަ އުޅެއެވެ. މިއީ ދަނޑުވެރިކަމުގެ ވުޒާރާ އާއި ސިއްހަތާ ބެހޭ ވުޒާރާއިން އިސްނަގައިގެން ތަހުގީގުކޮށް ތަހުލީލުކޮށް އަދި ނައްތާލުން މުހިއްމު ބައްޔެކެވެ. ރުއްތަކަށް ލިބޭ ގެއްލުން ތަކުގެ އިތުރުން، ކަޅު ކޫޑި އަކީ އިންސާނާގެ ސިއްހަތަށްވެސް ގެއްލުން ކުރުވާ އެއްޗެކެވެ.

 

ހަވާލާ: ފެބްރީޒިއޯ (2018)، ވެބްމެޑް