ފޯލިކް އެސިޑް

ބަނޑުގައިވާ ކުޑަދަރިފުޅުގެ ސިކުނޑިއާއި މައިބަދަ އަދި ނާރުތައް ތަރައްޤީވުމުގައި އެހީތެރިވެދީ ލޭމަދުވުމުން މައިމީހާ ރައްކާތެރިކޮށްދޭނެ އެވެ. ހަށިގަނޑުގައި އެކަށީގެންވާ މިންވަރަކަށް ފޯލިކް އެސިޑް ނެތިއްޖެނަމަ، ބައިގެންދިއުމާއި ދުވަސް ނުފުރާ ވިހެއުމާއި، ވިހާއިރު ދަރިފުޅުގެ ބަރުދަން ލުއިވުމާއި، ދަރިފުޅުގެ ހެދިބޮޑުވުން ލަސްވުން އަދި ޙާއްސަ ގޮތެއްގައި 'ނިއުރަލް ޓިއުބް ޑިފެކްޓްސް' ނުވަތަ ސިކުނޑިއާއި މައިބަދަ އުފެދުމުގެ މައްސަލަތައް ދިމާވުމުގެ ފުރުޞަތު ބޮޑެވެ.

ފޯލިކް އެސިޑް ގިނަ އަދަދަކަށް ހިމެނޭ ކާބޯތަކެތީގެ ތެރޭގައި: ފެހިކަންގަދަ ފަތް، ހުތް މޭވާ، މުގާއި، ނަޓްސް އަދި ބީންސް ފަދަ ތޮޅީގެ ބާވަތްތައް ހިމެނެއެވެ.

 

އަޔަން (ދަގަނޑުގެ ބައި)

އަޔަން އެހީތެރިވެދެނީ ހަށިގަނޑުގެ ދިފާޢީ ނިޒާމް ވަރުގަދަކުރުމަށާއި ލޭގައި ހިމެނޭ ރަތްކުލައިގެ މާއްދާ ކަމަށްވާ ހީމޯގްލޯބިން އުފެއްދުމަށެވެ. މާބަނޑުވުމުން ހަށިގަނޑުގައި ހިމެނޭ ލޭގެ މިންވަރު 50 އިންސައްތަ އަށް އިތުރުވެ ހިތަށާއި ލޭދައުރު ކުރުމަށް ބަދަލުތަކެއް އައިސް ހަށިގަނޑުގެ ގުނަވަންތަކާއި ބަނޑުގައި ބޮޑުވަމުން އަންނަ ދަރިފުޅަށް ލޭފޯރުކޮށްދެވޭ މިންވަރު އިތުރުވެގެންދެއެވެ.

އަޔަން ގިނައިން އެކުލެވޭ ކާނާގެ ތެރޭގައި ފެހިކަންގަދަ ފަތް (މިސާލަކަށް މުރަނގަފަތް، މައްސާގުފަތް، ކޮޕީފަތް، ކަންކުންފަތް)، ގެރިމަސް، ކުކުޅުމަސް، ކަނޑުމަސް، ކަދުރު، ކަރާ އަދި ބީޓްރޫޓް ހިމެނެއެވެ.

 

ކެލްސިއަމް

އެހީތެރިވެދެނީ ބަނޑުގައިވާ ދަރިފުޅުގެ ކަށިތައް ވަރުގަދަ ކުރުމަށާއި މައިމީހާގެ ކަށިތަކާ ދަތްޕިލަ ވަރުގަދަ ކުރުމަށެވެ. މީގެ އިތުރުން ކެލްސިއަމްއަކީ ނާރުތަކާއި، މަސްތަކަށާއި ލޭދައުރުވުމުގެ ނިޒާމަށްވެސް ވަރަށް މުހިއްމު އެއްޗެކެވެ. މައިމީހާގެ ކެއުމުގައި އެކަށީގެންވާ މިންވަރަށް ކެލްސިއަމް ނުހިމެނޭނަމަ ބަނޑުގައިވާ ކުޑަދަރިފުޅަށް ކެލްސިއަމް ލިއްބައިދޭނީ މަންމަގެ ކަށިތަކުގައިވާ ކެލްސިއަމް އިންނެވެ. މިކަމުގެ ސަބަބުން އޮސްޓިއޮޕޯރޮސިސް (ކަށީގައި ހޮއިހެދުން) ފަދަ ނޭދެވޭ އަސަރުތައް މައިމީހާގެ ޞިއްޙަތަށް ފަހުން ފޯރުމަކީ އެކަށީގެންވާ ކަމެކެވެ.

ކެލްސިއަމް ގިނަ އަދަދަކަށް ހިމެނިފައިވާ ކާބޯތަކެތީގެ ތެރޭގައި ސަރުބީ މަދުން ހިމެނިފައިވާ ކިރު، ހަކުރާއި ސަރުބީ މަދު ޔޯގަޓް، ޗީޒް، މައްސާގުފަތް، ކަންކުންފަތް އަދި ރެހި ހިމެނެއެވެ.

 

ކާނާގައިވާ ދަގަނޑުގެބައި ހަށިގަނޑަށް ނަގައިދިނުން

ކާނާގައި ހިމެނޭ ދަގަނޑުގެބައި ހަށިގަނޑަށް ނަގައިދޭ މިންވަރު އިތުރުކުރުމަށްޓަކާ ވިޓަމިން ސީ ހިމެނޭ ކާބޯތަކެތި މިސާލަކަށް އޮރެންޖް، އަނބު، ނުވަތަ ލިނބޯ ޖޫސް، ކާ ވަގުތުތަކުގައި ހިމަނާށެވެ.

ކާވަގުތުތަކުގަޔާއި ކެއުމުގެ ފަހުން އަދި ކެއުމުގެ ކުރިންވެސް ސައި، ކޮފީ، އެނަރޖީ ޑްރިންކްސް އަދި ކޯކް ފަދަ ތަކެތި ބޭނުން ނުކުރާށެވެ.

މިފަދަ ބުއިންތަކުގައި ހިމެނޭ ޓެނިންސް އަދި ކެފީން ފަދަ މާއްދާތައް ދަގަނޑުގެ ބައި ހަށިގަނޑަށް ނަގައިދިނުމަށް ހުރަސް އަޅައެވެ.

 

މާބަނޑު ދުވަސްވަރު ދަގަނޑުގެބައި ބޭނުންވޭ

ދަގަނޑުގެބައި ހިމެނޭ ސަޕްލިމަންޓެއް ބޭނުންކުރަމުން ގެންދާއިރު ބަނޑުހަރުވުން ނުވަތަ ބަނޑަށް އުނދަގޫވުން ފަދަ އުނދަގުލެއް އިހްސާސް ކުރެވޭނަމަ އެ ސަޕްލިމަންޓެއް ހުއްޓާނުލާ ސިއްޙީ އެހީތެރިއެއްގެ ލަފާ އާއި އިރުޝާދު ހޯދާށެވެ.