ތުއްތުދަރިފުޅު ބައިވެރިކޮށްގެން ކާންދިނުން (ރެސްޕޮންސިވް / އެކްޓިވް ފީޑިންގ)

  • ދަރިފުޅު އަދި މަންމަ / ކާންދޭ މީހާވެސް ހިތްހަމަޖެހިފައި ހުންނަ ވަގުތެއް ޚިޔާރުކުރުން.
  • ކާންދޭ ވަގުތުތަކުގައި ތުއްތު ދަރިފުޅާ ވާހަކަ ދައްކަމުން އުފާވެރި މާހައުލެއްގައި ކާންދެވޭތޯ ބެލުން.
  • ތުއްތުދަރިފުޅަށް ކާންދިނުމަށް އެހީއެއްގެ ގޮތުގައި ޓެބްލެޓް، ޓީވީ، ފޯނު ފަދަ ސްކްރީންތައް ބޭނުން ނުކުރުން.
  • ކާންދޭ މީހާ އާއި ހަތަރުކަޅި ހަމަވާ ގޮތަށް ދަރިފުޅު ކާން ބޭންދުން.
  • އެންމެ ފުރަތަމަ ފަހަރަށް ކާންދޭއިރު 1/2 ސައިސަމުސަލުން ފެށުން. އަދި ތުއްތުދަރިފުޅު ކާވަރަކަށް އިތުރުކުރަމުން ގެންދިއުން.
  • ތުއްތުދަރިފުޅު ބަނޑުފުރުނުކަން އެނގުމުން، ކާންދިނުން ހުއްޓާލުން (އިތުރަށް ކާންދޭން އުޅޭނަމަ ރޮވި، ބޮޑާހާކާ ގޮތްވެދާނެ).
  • ދަރިފުޅު ބޮޑުވަމުން ދާވަރަކަށް އަމިއްލައަށް ކާން ބޭނުންވާނެ. އެހެންކަމުން އެ ފުރުޞަތު ދޭން ވާނެ. އަމިއްލަ އަށް ކޭނަމަވެސް ދަރިފުޅާ ވާހަކަ ދައްކާ ކެއުމުގައި ބައިވެރިވުން މުހިއްމު. މީގެ ސަބަބުން ދަރިފުޅު އަމިއްލަ ނަފްސާދޭތެރޭ ދެކޭގޮތް ރަނގަޅުވެ، ލޯތްބާއި އަޅާލުން ލިބޭކަން އިހްސާސް ކުރެވޭނެ.

 

ކާންދިނުމުގެ ނުރަނގަޅު އާދަތައް

  • ގަދަކަމުން ކާންދީ، ނުކާން އުޅުމުން ހުސްކުރަން ބާރު އަޅާ ބިރުދެއްކުން.
  • ދަރިފުޅު އުއްޑުން ބާއްވާފައި ކާންދިނުން. (މިހެން ކާންދޭނަމަ، ނޭވާހޮޅިއަށް ކާއެއްޗެހި އެޅުން އެކަށީގެންވޭ.)
  • ދަރިފުޅަށް ކާންދޭ މީހާ ނުފެންނަ ގޮތަށް ފުރަގަހުން ކާންލެވުން.
  • ޓީވީ، ޓެބްލެޓު ނުވަތަ ފޯނު ފަދަ ސްކްރީންތައް ދައްކައިގެން ކާންދިނުން.
  • ތަށި ހުސްކުރުމުން ވަކި ކަހަލަ ކާނާއެއް ދޭނަމޭ ބުނުން ނުވަތަ ވަކިކަމެއް ކޮށްދޭނަމޭ ބުނުން.

 

2 އަހަރުން ދަށުގެ ކުދިންނަށް އާއިލާ މެމްބަރަކާއެކު ކުރެވޭ ވީޑިއޯ ކޯލްއެއް ދެއްކުން ފިޔަވާ އެއްވެސް ބާވަތެއްގެ ޑިޖިޓަލް މީޑިއާއެއް ނުވަތަ ސްކްރީނެއް ދެއްކުން އެދެވިގެނެއްނުވޭ!

 

މިއީ، "ތުއްތުދަރިފުޅުގެ މިންހެޔޮ ކާނާ 6 މަހުން ފެށިގެން - ހަޔާތުގެ ފުރަތަމަ 1000 ދުވަސް" މި ފޮތުގައި ހިމެނޭ ތުއްތުދަރިފުޅު ބައިވެރިކޮށްގެން ކާންދިނުން! އެ ނަމުގައި ގެނެސްދީފައިވާ ލިޔުމެވެ. މި ފޮތަކީ ހެލްތު ޕްރޮޓެކްޝަން އޭޖެންސީ، ޔުނިސެފް އަދި އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް) ގުޅިގެން އެކުލަވާލައިފައިވާ ފޮތެކެވެ.