ދަތް އުނގުޅުމެކޭ އެއްފަދައިން ދޫ ސާފު ކުރުމަކީ ވެސް އެހާމެ މުހިއްމު ކަމެކެވެ. މިއީ ގިނަބަޔަކަށް ނޭނގި އޮތް ކަމަކަށް ވިޔަސް، މިކަމުގެ ސަބަބުން އަނގައިގެ ސާފުތާހިރުކަން އިތުރުވެގެން ދެއެވެ.

އެހެންކަމުން ދަތް އުނގުޅައި ނިމުމުން، ބުރުސް ތެންމާލުމަށްފަހު ދުލުގައި ވެސް އުނގުޅައިލަން ޖެހެއެވެ. ނޫންނަމަ ދޫ ސާފުކުރަން ހުންނަ ޙާއްސަ "ޓަންގު ސްކްރެޕާ" އަކުން ވެސް އުނގުޅައިލެވިދާނެއެވެ. މިފަހަރު މި އަލިއަޅުވައިލަނީ ދޫ ސާފުކުރުން މުހިއްމުވާ ސަބަބުތަކަށެވެ.

1. ދަތްފަނި ކެއުމުން ސަލާމަތްކޮށްދޭ

ދަތް އުނގުޅުމުގެ ސަބަބުން ދަތްތަކުގައި ހަރުލާފައި ހުންނަ ކާއެއްޗެހި ނައްތައިލަދެއެވެ. އެހެންނަމަވެސް، ކާއެއްޗެހި ހަރުލާފައި ހުންނަނީ ހަމައެކަނި ދަތްތަކަކު ނޫނެވެ. ދުލަކީ ވެސް ކާއެއްޗެހީގެ އެތިކޮޅުތަކާއި ބެކްޓީރިއާ ހަރުލާފައި ހުންނަ ގުނަވަނެކެވެ. އަދި މި ބެކްޓީރިއާގެ ސަބަބުން ދަތްފަނި ކެއުމަށް މަގުފަހިކޮށްދެއެވެ. ވީމާ ދޫ ސާފުކުރުމުން އެކަމުން ރައްކާތެރި ކޮށްދޭނެއެވެ.

2. ދުލުގެ ކުލަ ރީތިވޭ

ބައެއް މީހުންގެ ދުލުގެ މަތީގައި ހުދު ނުވަތަ އަޅި ކުލައިގެ ފަށަލައެއް ލެވިފައި އޮވެއެވެ. އެއީ ދޫ ސާފު ނުކުރުމުގެ ސަބަބުން، ކާއެއްޗެހީގެ އެތިކޮޅުތަކާއި ބެކްޓްރިއާއިން އުފެދޭ ފަށަލައަކުން އަރާ ކުލައެކެވެ. އެހެންކަމުން، ދޫ ސާފުކޮށްފައި ބެހެއްޓުމުން ދުލުގައި ޤުދުރަތުން ހުންނަ ފިޔާތޮށިކުލަ ދަމަހައްޓައިދެއެވެ. 

3. ރަހަ ދެނެގަތުން އިތުރުކޮށްދޭ

ކުރިން ބުނި ފަށަލައަކީ އެކި ދުވަސް މަތިން ކައިފައި ހުންނަ ކާތަކެތީގެ އެތިކޮޅުތަކުން އުފެދޭ ފަށަލައެކެވެ. އަދި އެ ފަށަލައިގެ ސަބަބުން ކާތަކެތީގެ ޙަޤީޤީ ރަހަ ދެނެގަތުމަށް ދުލަށް އުނދަގޫ ވެއެވެ. ވީމާ ދޫ ސާފުކޮށްފައި އެ ފަށަލަ ނައްތައިލުމުން، ރަހަ ދެނެގަތުމުގެ ބާރު އިތުރުކޮށްދެއެވެ.

4. އަނގައިން ނުބައިވަސް ދުވުން ހުއްޓުވައިދޭ

ދުވާލަކު ދެތިން ފަހަރު ދަތް އުނގުޅައިގެން ވެސް އަނގައިން ދުވާ ނުބައިވަހަށް ބަދަލެއް ނާންނަންޏާ އެއީ ދޫ ސާފުނުކުރުމުގެ ސަބަބުން ކަމަށް ވެދާނެއެވެ. ދަތްތަކެކޭ އެއްގޮތަށް ދުލަކީވެސް ބެކްޓީރިއާގެ ޖަގަހައެކެވެ. އަދި މި ބެކްޓީރިއާގެ ސަބަބުން އަނގައިން ނުބައި ވަސް ދުވުމަށް މަގުފަހިވެއެވެ. ވީމާ ދަތް އުނގުޅުމާ އެއްކޮށް ދޫ ވެސް ސާފުކުރުމަށް ސަމާލުކަން ދޭށެވެ.

5. ކާއެއްޗެހި ހަޖަމުކުރަން ފަސޭހަވޭ

ދުލުގައި ހުންނަ ބެކްޓީރިއާގެ ތެރޭގައި ހަޖަމުކުރުމަށް ހުރަސް އަޅާ ބެކްޓީރިއާވެސް ހިމެނެއެވެ. އެހެންކަމުން ދޫ ސާފުކުރުމުން އެފަދަ ބެކްޓީރިއާވެސް ނައްތައިލާ، ކާތަކެތި ހަޖަމުކުރުމަށް އިތުރަށް ފަސޭހަވެގެން ދެއެވެ. ހަމައެއާއެކު ކުޅު އުފައްދާ މިންވަރު އިތުރުވެ، ކާތަކެތި ދިރުވުމަށް ފަސޭހަވާ ކަމަށް ތަޖުރިބާކާރުން ބުނެއެވެ