ފިރިހެނުން ފާހަނައިގައި ބޮޑު ކަމު ދިޔުމަށް އަންހެނުންނަށް ވުރެއް ގިނަ ވަގުތު ހޭދަ ކުރުން މިއީ ވަރަށް އާންމު ކަމެކެވެ. ކައިވެނި ކޮއްގެން އުޅޭ ގިނަ އަންހެނުންގެ ޝަކުވާއެކެވެ. ފިރިމީހާ ބޮޑުކަމު ދިޔުމަށް ފާހަނައަށް ވަދެއްޖެ ނަމަ ވަރަށް ގިނަ އަނބިން ބުނާ ގޮތުގައި “ފާހަނައިގައި ތަށިމުށި ޖާހާފައި ނުކުންނާނީ”. މިއީ ހަމަ އެކަނި ރާއްޖޭގައި ހިނގާ ކަމެއް ނޫނެވެ. ދުނިޔޭގެއެހެން ގައުމު ތަކުގައިވެސް ވަރަށް އާންމު ކަމެކެވެ. ގިނަ ބަޔެެއްގެ ހިތުގައި ފިރިހެނުން ބޮޑުކަމު ދިޔުމަށް އެހާ ގިނަ ވަގުތު ނަގަނީ ކީއްވެތޯ ސުވާލު އުފެދެއެވެ. ޖަވާބަކީ ފިރިހެނުން ބޮޑުކަމުދިޔުމަށް ހޭދަ ކުރާ ވަގުތު ގިނަވާނީ ބައިވަރު ސަބަބުތަކާއި ހުރެއެވެ.

ހަގީގަތުގައި ބޮޑުކަމު ދިޔުމަށް އެވަރޭޖްކޮށް ހޭދަ ކުރަން ޖެހޭނީ 5-10 މިނެޓެވެ. މިޔަށް ވުރެ ގިނަ ވަގުތު ހޭދަ ކުރަން ޖެހޭ ނަމަ އެއީ ކެވޭ ތަކެތީގެ ގޮތުންނާއި ފެން ބޮވޭލެއް މަދުވުމުން ބަނޑު ހަރުވެގެން ކަމަށްވުން އެކަށީގެންވެއެވެ. އާންމުކޮށް މިހެން ދިމާވާ ނަމަ ލަސް ނުކޮށް ޑޮކްޓަރަކަށް ދައްކަން ޖެހޭނެއެވެ. ސަބަބަކީ ބަނޑު ހަރުކޮށް ގިނަ ދުވަސްވާނަމަ ދިމާ ވެދާނެއެހެން ސިއްހީ ނުރައްކާ ތަކުން ސަލާމަތް ވުމަށެވެ.

ފަހަކަށް އައިސް ބޮޑުކަމު ދާން އިންނަ އިރު ފޯނު ހިފައިން އިނުމަކީ އާންމު ކަމެކެވެ. “އިންސްޓަގްރާމް”އިން ފޮޓޯ ބަލައިލަން ވިޔަސް، ނުވަތަ “ފޭސްބުކް” ސްކްރޯލް ކޮއްލަން ވިޔަސް އަދި ތީރުން ލިޔުމެއް ކިޔާލަން ވިޔަސް ފޯނު ހިފައިން ބޮޑުކަމު ދާން އިނުން މިވަނީ ފޫހި ފިލާ ކަމަކަށެވެ. 

ފޯނު ހިފައިން ބޮޑުކަމު ދާން އިނުން މިއީ ފިރިހެނުން ފާހަނައިގައި ގިނަ އިރުވާ އެންމެ ބޮޑު އެއް ސަބަބެވެ. ކިތަންމެ ފޫހި ފިލި ކަމުގައި ވިޔަސްވެސް މިއީ އަސްލު ސިއްހަތަށް އެހާ ރަނގަޅުގޮތެއް ނޫނެވެ. ޑޮކްޓަރުން ބުނާ ގޮތުގައި ފޯނު ހިފައިން ބޮޑުކަމު ދާން އިނުމުން ހަށިގަނޑު ބޮޑުކަމު ދިޔުމަށް ކުރާ މަސައްކަތަށް ބުރު އަރައެވެ.  އަދި މީގެ އިތުރުން ފޯނުގައި ނަޖިސް ހޭކި އޭގެސަބަބުން ފޯނުގައި އަތްލާ އެހެން މީހުންގެ ސިއްހަތަށްވެސް ނުރައްކާވެއެވެ. 

ބޭރުގެ ދިރާސާ ތަކުން ދައްކާ ގޮތުގައި ބަޔެއް ފިރިހެނުން ދަރިންގެ ރުއިމުގެ އަޑާއި އަނބިންގެ ކުދިކިޔުމުން ދުރުވުމަށްވެސް ފާހަނައިގައި ހޭދަ ކުރާ ވަގުތު ގިނަކުރެއެވެ. ދުވަހުގެ ނުތަނަވަސްކަމުން ސަލާމަތް ވުމަށް ބޭނުންވާނަމަަ ފާހަނައިގައި ހޭދަ ކުރާ ވަގުތު ގިނަ ކުރުމުގެ ބަދަލުގައި ބޭރަށް ހިނގާލަން ނުވަތަ ދުއްވާލަންވެސް ދެވިދާނެއެވެ. ބޮޑުކަމު ދިޔުމަށް ހޭދަ ކުރާ ވަގުތު 5-10 މިނެޓަށް ވުރެއް އިތުރު ކުރުމުން ސިއްހަތަށް ލިބޭ ގެއްލުން ދެނެގަނެ އެޔަށް ވުރެއް އިތުރު ވަގުތު ހޭދަ ނުކުރާށެވެ.