ނަފްސާނީ ދުޅަހެޔޮކަމަކީ ކޮންމެ މީހަކުވެސް އެދޭނޭ ދުޅަހެޔޮ ކަމެކެވެ. އެހެންކަމުން ނަފްސާނީގޮތުން ބަލިވުން އެއީ އެކަކުވެސް ރުހޭނޭ ކަމެއް ނޫނެވެ. ނަމަވެސް ނަފްސާނީ ފަރުވާ ހޯދުމަކީ ގިނަބަޔަކު ޖެހިލުންވާ ކަމެކެވެ. އެބައިމީހުން ގަބޫލުކުރާ ގޮތުގައި ނަފްސާނީ ފަރުވާ ހޯދާނީ "މޮޔަ" އިންނެވެ. މިއީ ހަގީގަތުގައި ވަރަށްވެސް ދެރަ ކަމެކެވެ. މި ހީވުމުގެ ސަބަބުން ބައެއް މީހުން ނަފްސާނީ ޑަކްޓަރުންނަށް ދައްކަން ޖެހިލުންވެ ލަދުގަނެއެވެ.

ނަފްސާނީ ގޮތުން ގިނަ މީހުންނީ ކޮންމެވެސް ބަލިކަށިކަމެއް ހުންނަ މީހެކެވެ. އެއްބައި މީހުންނީ ތަންކޮޅެއް ރުޅިގަދަ މީހުންނެވެ. އަނެއްބައި މީހުންނީ މާ ފަސޭހައިން ދެރަވާ މީހުންނެވެ. އަނެއްބައި މީހުންނަކީ ޖަޒުބާތުތައް މަދު ބައެކެވެ. މިއީވެސް ނަފްސާނީ ބަލިކަށިކަމެކެވެ. ނަފްސާނީ ގޮތުން ހާސްކަމުގެ ތެރެއަށް ދާއިރު، ނުތަނަވަސްކަމާއި ގަޑުބަޑު ހިޔާލުތަކުގެ ތެރެއަށް ޣަރަގުވާ މީހުންވެސް މަދެއް ނޫނެވެ. ޑިޕްރެޝަން ފަދަ ނަފްސާނީ ބަލިތަކަކީ އޭގެ ސަބަބުން ޖިސްމާނީ ގޮތުން އެތައް ބައިވަރު ބަލިތަކަކަށް އިންސާނާ "ނަންކިޔާ" ބައްޔެކެވެ. ހަގީގަތުގައި ޖިސްމާނީގޮތުން ނުވާ އެތައް ބަޔެއް ހުންނަ ކަމުގެ އިހުސާސް ކުރެވުމާއި އަބަދު ބަލިވާން ބޭނުންވުމާ ކުދި ކުދި ކަންކަމަކީވެސް މާސިންގާ ބޮޑެތި ކަންކަން ކަމުގައި ދެކުން މިއީ ޑިޕްރެޝަން ފަދަ ބަލިތަކުގެ ސަބަބުން ދިމައިވާ ކަންކަމެވެ. މިއީ އަދި އެ އިންސާނަކު "މޮޔަ" އަކަށް ވާ ކަމެއް ނޫނެވެ.

މޮޔައިންނަކީ ކޮބާ ހެއްޔެވެ؟ "މޮޔަ" މި ބަހުގެ މާނަ އަކީ ބުއްދިހަމަ ނުޖެހޭ މީހާއެވެ. ނަފްސާނީގޮތުން ބަލި މީހަކަށް އެ މީހާ ވަނީ އެ މީހާގެ ބުއްދިހަމަ ނުޖެހުނީމަ އެކަންޏެއް ނޫނެވެ. އިސްވެ މި ދެންނެވުނު ކަންތައްތަކަކީވެސް ނަފްސާނީގޮތުން މީހަކު ބަލިވެދާނެ ކަންކަމެވެ. އެހެންކަމުން ނަފްސާނީ ޑަކްޓަރަކަށް ދެއްކުން އެއީ އެއްވެސް ހާލެއްގައި ލަދުވެތި ކަމެއް ނޫނެވެ. އިންސާނެއްގެ ހަޔާތުން އެއްފަހަރު ނަމަވެސް ނަފްސާނީ ޑަކްޓަރަކަށް ދައްކާލާ، ތިމާގެ ނަފްސާނީ ހާލަތު ދެނެގަތުން އެއީ ކުރުން މުހިއްމު ކަމެކެވެ. ނަފްސާނީ ޑަކްޓަރުންނަށް ދެއްކުން އެއީ ލަދުވެތި ކަމެއްގެ ގޮތުގައި ދެކެވޭ ދެކުން ބަދަލު ކުރަން އެބަ ޖެހެއެވެ.

އަހަރެމެންގެ ތެރޭގައި ނަފްސާނީ ފަރުވާއަށް ބޭނުންވާ މީހުން ވަރަށްވެސް ގިނައެވެ. ނަމަވެސް އެ އެންމެންނަކީ ބުއްދި ހަމަޖެހޭ މީހުންނެވެ. އެހެންކަމުން ނަފްސާނީ ޑަކްޓަރަކަށް ދައްކަން އެ މީހުން ލަދުގަނެއެވެ. އެމީހުންނަށް ހީވާ ކަހަލައެވެ. ނަފްސާނީ ޑަކްޓަރަކަށް ދައްކާނީ "މޮޔަ" އިންނެވެ. ނޫނެކެވެ. ނަފްސާނީ ޑަކްޓަރުންނަށް ދައްކާނީ މޮޔައިންނެެއް ނޫނެވެ. މޮޔަވާން ބޭނުން ނުވާ މީހާވެސް ނަފްސާނީ ޑަކްޓަރުންނަށް ދައްކާނެއެވެ. އަދި ދުޅަހެޔޮ ސިއްހަތެއް އެދޭ މީހުންވެސް ނަފްސާނީ ޑަކްޓަރުންނަށް ދައްކާނެއެވެ. ހަމަޖެހޭ ދިރިއުޅުމެއް، ފަސޭހަ، އުފާވެރި ހަޔާތެއް އެދޭ މީހުންވެސް ނަފްސާނީ ޑަކްޓަރުންނަށް ދައްކާނެއެވެ. އަދި ނަފްސާނީ ޑަކްޓަރުންނަށް ދައްކަނީ ހަމަ އެކަނި، ތިމާ "ބަލި" ވުމުން ނޫންކަންވެސް ތިބާ ހަނދާންކުރާށެވެ.