ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު މަތިވުމަކީ، ހިތުގެ ބަލިތަކަށް މަގުފަހިކުރުވާ އަދި ބައެއް ފަހަރު ފުރާނަޔަށް ނުރައްކާވާ ހިސާބަށް ވެސް ދާ ސިއްޚީ މައްސަލައެކެވެ. މިއީ މި ފަހަކަށް އައިސް ދިވެހިންގެ ތެރޭގައި ވަރަށް ބޮޑަށް އާންމުވެފައި އޮތް މައްސަލައެކެވެ. ޚާއްސަކޮށް އުމުރުން ދުވަސްވީ މީހުންގެ ތެރޭގައި ކޮލެސްޓްރޯލް މަތި މީހުން ވަރަށް ގިނަކަން ފާހަގަކޮށްލެވެއެވެ.

ނަމަވެސް މިއީ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ކެއުންބުއިމުގެ ވައްޓަފާޅިއަށް ބަދަލު ގެނެސްގެން ކޮންޓްރޯލު ކުރެވިދާނެ ކަމެކެވެ. މިފަހަރު މި ކިޔައިދެނީ، ކޮލެސްޓްރޯލް ލެވެލް ދަށްކުރުމަށް ގޭގައި ތައްޔާރުކޮށްގެން ބޯން ރަނގަޅު ޖޫސްތަކެކެވެ. 

1. ޓޮމާޓޯ ޖޫސް

ޓޮމާޓޯގެ ދިޔައަކީ ވިޓަމިން ސީ އާއި، ޕޮޓޭސިއަމް އަދި އެންޓިއޮކްސިޑެންޓުން މުއްސަނދިވެފައިވާ އެއްޗެކެވެ. ޓޮމާޓޯ ޖޫސް ތައްޔާރުކުރަން ވަރަށް ފަސޭހަވާނެއެވެ. އެގޮތުން ތާޒާ ޓޮމާޓޯ މިކްސަރަށް އަޅައި ފުނޑުކޮށްލުމަށްފަހު އޭގެ ދިޔަ ފުރާނައިގެން ބޯންވީއެވެ. މިއީ އިންފެކްޝަންތަކާ ދެކޮޅަށް ވެސް އެހީވެދޭ އެއްޗެކެވެ. 

2. އޮރެންޖު ޖޫސް

އޮރެންޖު ޖޫހަކީ ގިނަ ބައެއްގެ ފެވަރިޓެކެވެ. އެހެންނަމަވެސް، ޕެކެޓު ކޮށްފައި ހުންނަ އޮރެންޖު ޖޫސް ބުޔުމަށްވުރެ، އެންމެ ހެޔޮގޮތުގައި ހަށިގަނޑަށް ފައިދާ ލިބޭނީ އިތުރު އެއްވެސް އެއްޗެއް ނާޅައި، ގޭގައި ތައްޔާރުކުރާ ޖޫހުންނެވެ. އޮރެންޖު ޖޫހުގައި މަތީ މިންވަރަކަށް ވިޓަމިން ސީ އާއި ވިޓަމިން އޭ، އަދި ޕޮޓޭސިއަމް އާއި ކެލްސިއަމް އެކުލެވިގެންނެވެއެވެ. 

3. ކިއުކަމްބާ އަދި ސްޕިނަޗް ޖޫސް

ކިއުކަމްބާ އާއި ސްޕިނަޗް (ބޯވެލި ފަތް) އެއްކޮށްލައިގެން ހަދާ ޖޫހަކީ ވެސް ކޮލެސްޓްރޯލް ލެވެލް ދަށްކޮށްދޭ އެއްޗެކެވެ. މި ޖޫހުގައި ވިޓަމިން އޭ، ސީ އަދި ކޭގެ އިތުރުން ޕޮޓޭސިއަމް އާއި މެގްނީޒިއަމް އެކުލެވެއެވެ.

4. ބީޓްރޫޓު، ކެރެޓު އަދި އާފަލު ޖޫސް

މި ތިން ބާވަތް އެއްކޮށްލައިގެން ތައްޔާރުކުރާ ޖޫހުން ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ލިއްބައިދެއެވެ. ބީޓްރޫޓުން ހިތް ދުޅަހެޔޮ ކޮށްދޭއިރު، ކެރެޓުން ބީޓާ-ކެރޮޓީން ލިބި، އާފަލުން ވިޓަމިން ސީ އާއި ފައިބަރ ލިބިގެންދެއެވެ.