އިންޒާރު:- ދުފުމުގައި ފޯއް ބޭނުން ކުރުމަކީ ސިއްހީގޮތުން ގެއްލުން ހުރި ކަމެއް!

 

ދުފުމަކީ ބައެއް މީހުންގެ އާދައެކެވެ. އެމީހުންގެ ކަށީގައި ހިފާފައި ހުރި ކަމެކެވެ. ކުރާ ހިތުން ކުރާ ކަމެކެވެ. އޭގެ ސަބަބުން އެމީހުންނަށް ހިތްހަމަ ޖެހުމާއި އުފާވެރިކަމާއި ހީވާގިކަން ލިބޭކަމަށް އެމީހުން ބުނެއެވެ. ނަފްސަށް ހިތްހަމަޖެހުން ގެނުވާ ކަންކަމަކީ މިފަދައިން އިންސާނާ ހީވާގި ކުރުވާ ސަމާލުކަން އިތުރުކުރުވާނެ ކަންކަމެވެ. ނަމަވެސް ފޯއް ބޭނުން ކޮށްގެން ދުފުން މިއީ ސިއްހީ ގޮތުން ރައްކާތެރި ގޮތެއް ކަމުގައި ނުވެއެވެ. ނަމަވެސް މިއީ އެކަން ކުރަމުން އަންނަ ފަރާތްތަކަށް ކުއްލި އަކަށް ހުއްޓާލަން އުނދަގޫ ކަމެއް ކަމުގައި ވެއެވެ.

ރަނގަޅު އެތައް ކަމެއް އަހަރެމެންގެ ދިރިއުޅުމުގައި ކުރާ ފަދައިން، ނުރަނގަޅު އެތައް ކަމެއްވެސް އަހަރެމެންގެ ދިރިއުޅުމުގައި ކުރަމުއެވެ. މިއީ ގަބޫލު ކުރަން ޖެހޭނެ ހަގީގަތެކެވެ. ދުނިޔޭގެ ސިއްހަތު ޖަމުއިއްޔާއިން ކޮންމެ ދުވަހަކު، ނިދުން އެއްމެ ރަނގަޅު މިންވަރެއްވެސް ކަނޑައަޅާފައި އޮވެއެެވެ. އެވަރަށް ނުނިދައިފިނަމަ ޖެހޭ ބަލިތަކާ އެހެންކަންތައްތަކުގެ ވާހަކަވެސް ހުރެއެވެ. ނަމަވެސް އެވާހަކަ މާ ގަދައަކަށް ނުދައްކައެވެ. އެކަމަކު އެ މިންވަރަށް ނިދި ނުލިބިގެން އެބުނާ ބަލިތައް ޖެހި، ބަލިވާ މީހުންނަކީވެސް މަދު ބައެއް ނޫނެވެ. ހޯދާ ބަލާ ދިރާސާތައް މަދީއެވެ. ފޯކާއި ދުފުމާ ބެހޭގޮތުން މިބައިމީހުން ހަދާފައި ހުންނަ ދިރާސާތައް ގިނަވެފައި މިބައިމީހުންގެ އަޑު މިކަމުގައި ގަދަކަމުން މިކަމުގެ ނުރައްކަލާއި ބިރުވެރިކަން އަހަރެމެންގެ ކަންފަތުގައި ޖެހޭލެއްވެސް ބާރީއެވެ. މިއީ ހިތި ނަމަވެސް ގަބޫލު ކުރަން ޖެހޭނެ ހަގީގަތެކެވެ.

މި ލިޔުމުގައި މި ބަލާލަނީ ފޯއް ބޭނުން ކޮށްގެން ދުފާ މީހުންނަށް، އެކަމުގެ ސަބަބުން ޖެހޭ ބަލިތަކާ ނުރައްކާތައް ކުޑަ ކުރެވިދާނެ ގޮތްތަކަށެވެ. މިއީ ފޯއް ބޭނުން ކޮށްގެން ދުފަން ހިތްވަރު ދިނުމަށް ލިޔާ ލިޔުމެއް ނޫނެވެ. އެއްމެ އެދެވޭ ގޮތަކީ ހަމަ އެއްގޮތަކަށްވެސް ދުފުމުގައި ފޯއް ބޭނުން ނުކުރުމެވެ. ފޯއް ބޭނުން ކުރާނަމަ، ދުންފަތް އެއް ގޮތަކަށްވެސް ބޭނުން ނުކުރާށެވެ. ދުންފަތަކީ ފޯކަށްވުރެ އެތައް ގުނައަކުން އޭގެ ގެއްލުން ބޮޑު އެއްޗެކެވެ. ދުފުމާއި ބެހޭ ގޮތުން ގިނަ ދިރާސާތަކެއް ކުރެވެން ފެށުނީވެސް ދުފުމުގައި ދުންފަތް ބޭނުން ކުރާތީއެވެ. އެ ދިރާސާތަކުގެ ތެރެއިން ފާހަގަވި އަނެއް ކަމަކީ ފޯކުގައިވެސް ހަށިގަނޑަށް ގެއްލުންދޭ މާއްދާތަކެއް ހުރިކަމެވެ. ދުފުމުގައި ދުންފަތުގެ އިތުރުންވެސް ބައެއް ވިހަގަދަ މާއްދާތަކާއި ތައްޔާރުކޮށްފައި ހުންނަ ބައެއް ތައްޔާރީ ބާވަތްތައް ބޭނުން ކުރެވެއެވެ. މިފަދަ ބައެއް ބާވަތްތަކުގެ ތެރޭގައި ފާޑު ފާޑުގެ ރަހަ ލާ ހަކުރު، ތެޔޮ، ދިޔަ އަދި އެކި ކަހަލަ ކުނޑި ހިމެނެއެވެ. މިފަދަތަކެއްޗަކީވެސް ދުފުމުގައި ފޯކާއި އެކްކޮށް ބޭނުން ކުރުމުން ދުފުންގަނޑުން ލިބޭ ގެއްލުން ބޮޑުވެގެންދާނޭ ތަކެއްޗެވެ. އެހެންކަމުން ފޯއް ބޭނުންކޮށްގެން ދުފަން އެދޭ މީހާ މިފަދަ ތަކެތިބޭނުން ކުރުން މަދުކުރާށެވެ.

ހިރާސް (ރިސްކު) ކުޑަކޮށް ފޯއް ބޭނުން ކޮށްގެން ދުފަން އެދޭ މީހާ ދެން ކުރަންވީ އަނެއް ކަމަކީ މާ ގިނައިން ނުދުފުމެވެ. ބައެއް މީހުން އަބަދާއި އަބަދު ދުފަ ދުފާ ތިބެއެވެ. މިއީ ރައްކާތެރި ގޮތެއް ނޫނެވެ. އެހެންކަމުން ފޯކުން ލިބޭ ގެއްލުން ކުޑަކޮށް ދުފަން އެދޭ މީހާ، އެހާ ގިނައިން ނުދުފާށެވެ. އެއްމެ ގިނަވެގެންވެސް ދުވާލަކު އެއްފަހަރު، ގަދައަށް ދުފާލެވުނީމާ އެ ނިމުނީއެވެ. މާ ގިނައިން ދުފަން ނުހަދާށެވެ.

ފޯކުގައި ހުންނަ ބައެއް މާއްދާތަކުން އިންސާނާގެ ސިއްހަތަށް ގެއްލުން ވަނީ ގިނަ ވަގުތު އެ ތަކެތި އަނގައިގެ ތެރޭގައި ގެންގުޅޭތީއެވެ. އަނގައިގެ ތެރޭގެ، ކޮލުގެ ހަންގަނޑަކީ އޭގެ ހަތާރުތައް (ޓިޝޫސް) ނިކަން އަވަސް އަވަހަށް އޭގެ "ޝަހުސު" ބަދަލުވަމުން ދާ ހަތާރު ތަކެކެވެ. ހަތާރުތައް އައުވަމުންދާ ހަތާރުތަކެކެވެ. ގިނަވަގުތު އަނގައިގެ ތެރޭގައި ފޯއްތައް ހުންނަނަމަ ބަދަލުވެ، އައުވަމުންދާ މި ހަތާރުތަކުގެ ތެރެއަށް ފޯކުގައި ހުންނަ ވިހަ މާއްދާތައް ވަދެ ކޮލުގެ ހަންގަނޑުގެ ތެރެއަށް ހިނދިގެން ހިނގައިދާނެއެވެ. އެހާރުން އެކިކަހަލަ ބަލިތައް ޖެހުމުގެ ހިރާސް ބޮޑުވެއެވެ. އެހެންކަމުން މި ހިރާސްތައް ކުޑަކޮށް، ފޯއް ބޭނުންކޮށްގެން ދުފަން އެދޭ މީހާ، އެހާ ގިނައިރު ދުފަން ނުހަދާށެވެ. އަދި ދުފާ އަވަދިވެގެން ލަސްނުކޮށް އަނގަތެރެ ރީތިކޮށް ސާފުކޮށް ދޮވެލާށެވެ. އަނގައިގެ ތެރޭގައި، ދަތްތަކުގެ ތެރޭގައި ފޯކުގެ ކުނޑިކޮޅުތައް ނުބަހައްޓާށެވެ. ރީތިކޮށް ސާފުކޮށް ދޮވެލާށެވެ. އެހާރުން އެ ފޯކުގައި ހުންނަ ވިހަ މާއްދާތައް ކޮލުގެ ހަނގަނޑުގެ ތެރެއަށް ހިނދޭ ހިނދުން ހުއްޓިދާނެއެވެ. ނުވަތަ މަދުކުރެވިދާނެއެވެ.

މިކަންކަން މި މަގުން ކުރެވުމަކީ ދުފުމުގައި ބޭނުން ކުރާ ފޯކުގައި ހުންނަ ވިހަ މާއްދާތަކުން ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް އެޅިދާނެ ފިޔަވަޅުތަކެކެވެ. ނަމަވެސް މިއީ ޖުމުލަކޮށް އެ ގެއްލުންތަކާ ނުރައްކާތަކުން އިންސާނާ މުޅިންހެން ދުރުކޮށްދޭނެ ކަންކަމެއް ނޫނެވެ. މުޅިންހެން އެ ނުރައްކާތަކާ ގެއްލުން ތަކުން ދުރުވެވޭނީ ދުފުމުގައި ފޯއް، އެއްގޮތަކަށްވެސް ބޭނުން ނުކޮށްގެންނެވެ. މި ލިޔުމުގައި ފޯކުން ލިބޭ ގެއްލުމުގެ ހިރާސް ކުޑަކުރެވިދާނެ ގޮތްތަކެއް ފާހަގަ މި ކުރީ އަދިވެސް އަހަރެމެންގެ ތެރޭގައި ފޯއް ބޭނުންކޮށްގެން ދުފާ މީހުން، އިންތިހާއަށް ގިނަވީމައެވެ. އެފަދަ މީހުންނަށްވެސް ގަބޫލުކުރެވިދާނެ ފަދަ ނަސޭހަތެއް ދިނުމުގެ ބޭނުމުގައެވެ.

 

ނޯޓު: މި ލިޔުމަކީ ފޯއް ބޭނުން ކުރަން ހިތްވަރުދިނުމަށް ލިޔެފައިވާ ލިޔުމެއް ނޫނެވެ. އަދި މި ލިޔުމުގައި ބައެއް މައުލޫމާތު ހޯދާފައިވަނީ ޕަބްމެޑް، ހެލްތް ލައިން، މަޔޯ ކްލިނިކް ފަދަ އޮންލައިން މަޖައްލާތަކުންނެވެ.