ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް އެޅޭނެ އެންމެ ރަނގަޅު ފިޔަވަޅަކީ ހަށިގަނޑަށް ބޭނުންވާ ވިޓަމިންގެ މާއްދާތައް ހޯދައިދިނުމެވެ. އޭގެތެރެއިންވެސް ވިޓަމިން ސީ އަކީ ދިފާއީ ނިޒާމު ވަރުގަދަ ކުރުމަށް ވަރަށް ބޮޑަށް އެހީވެދޭ އެއްޗެކެވެ.

ދުވާލަކު 65 ނުވަތަ 90 މިލިގްރާމްގެ ވިޓަމިން ސީ ހަށިގަނޑަށް ބޭނުންވެއެވެ. ގިނަވެގެން 2000 މިލިގްރާމެވެ. ނަމަވެސް ވިޓަމިން ސީ އެކުލެވޭ ކާނާމާ ގިނައިން ކައިގެން ހަށިގަނޑަށް ގެއްލުންވުމަކީ ވަރަށް ނާދިރު ކަމެކެވެ. މިހެން ކަންތައް ވާނީ، ވިޓަމިން ސީގެ ސަޕްލްމެންޓު (ބޭސްގުޅަ) ކާއިރު، އެކަށީގެންވާ ވަރަށްވުރެ ޑޯޒް އިތުރުވާނަމައެވެ. ނަތީޖާއެއްގެ ގޮތުން، ބޯއެނބުރުން، ފާހަނައަށް ދެވުން، ބޮލުގައި ރިހުން، މޭ އެނދުން، ހޮޑުލެވުން އަދި ނިދަން އުނދަގޫވުން ފަދަ ކަންކަން ވެއެވެ. 

ވީމާ، ވިޓަމިން ސީ ސަޕްލްމެންޓަށް ވުރެ، ވިޓަމިން ސީ އެކުލެވޭ ކާނާގެ ބާވަތްތައް ކެއުން ބުއްދިވެރިވާނެއެވެ. ދުވާލެއްގެ މައްޗަށް އެއްތަށީގެ ތާޒާ އޮރެންޖް ޖޫސް، ނުވަތަ ބްރޮކޮލީ އިން ހަށިގަނޑަށް ބޭނުންވާ ވަރަށް ވިޓަމިން ސީ ލިބޭނެއެވެ. ނަމަވެސް މިއީ ކުރަން އުނދަގޫ ކަމެއްނަމަ، މިފަހަރު މި ކިޔައިދެނީ އެއަށްވުރެ ފަސޭހަ ގޮތެކެވެ.

ލުނބޯއަކީ ވިޓަމިން ސީ އިން މުއްސަނދިވެފައިވާ އެއްޗެކެވެ. އެގޮތުން، އެއް ލުނބޮލުގައި (ތޮށްޓާ އެކީގައި) ގާތްގަނޑަކަށް 83 މިލިގްރާމްގެ ވިޓަމިން ސީ އެކުލެވެއެވެ. އެއީ ގާތްގަނޑަކަށް ދުވާލެއްގެ މައްޗަށް ވިޓަމިން ސީ ހަށިގަނޑަށް ބޭނުންވާ ވަރުގެ 92 އިންސައްތައިގެ މިންވަރެކެވެ. އެހެންކަމުން، ފަސޭހައިން ވިޓަމިން ސީ ހޯދޭނެ އެއް ގޮތަކީ، ބަތް/ރޮށި/ނޫޑްލްސް ކާއިރު ލުނބޯ ހުތް ފިތައިގެން ކެއުމެވެ. އެގޮތުން، ލުނބޯ ފިތައިގެން ރަހަ ނުގެއްލޭ ފަދަ ކޮންމެ ކެއެމަކަށް ލުނބޯ ފިތަން އާދަކުރާށެވެ. އެގޮތުގެ މަތިން، ދުވާލެއްގެ މައްޗަށް ލުނބޮއަކާއި ފަޅިއެއް ކެވޭތޯ ބަލާށެވެ. މިއީ އާދައަކަށް ހަދައިފި ނަމަ، ވިޓަމިން ސީ ހަށިގަނޑަށް ހޯދާކަށް މާ ބުރައެއް ނުވާނެއެވެ.