ކަދުރަކީ ދިވެހިންގެ ސުފުރާ މަތިން އާންމުކޮށް ފެންނަ މޭވާއެކެވެ. ހާއްސަކޮށް ރަމަޟާން މަހުގައި ކަދުރު ނުހުންނަ ގެއެއް މަދުވާނެއެވެ.

ކީރިތި ރަސޫލާ صلى الله عليه وسلمގެ ހަދީޘްއެއްގައި ރޯދަވީއްލުމަށްވެސް ކަދުރު ބޭނުންކުރުމަށް އަންގަވާފައި އޮވެއެވެ. ހޫނު ގައުމުތަކުގައި ހެދޭ މި މޭވާއަކީ ހަށިގަނޑަށް ބޭނުންތެރި އެތައް މާއްދާައަކުން ފުރިގެންވާ މޭވާއެކެވެ. މިއީ އެއްގޮތަކަށްވެސް ނުކައި ދޫކޮށްލާ ވަރުގެ އެއްޗެއް ނޫނެވެ. 

ކަދުރުން ލިބޭ ބައެއް ފައިދާތައް:

1. ފައިބަރ ގިނަވުން.
ފައިބަރ އަކީ ހަށިގަނޑަށް ނުހަނު މުހިންމު މާއްދާއެކެވެ. ފައިބަރއިން ކާނާ ހަޖަމު ކުރުމަށް އެހީވެދީ، ބޮޑުކަމު ދިޔުމަށް ފަސޭހަކޮށްދެއެވެ: މީގެ އިތުރުން ފައިބަރ އަކީ ކާނާ ހަޖަމުވުން ލަސްކޮށްދޭ އެއްޗަކަށްވާތީވެ ކާ ވަގުތު ކުއްލިޔަކަށް ލޭގައި ހަކުރު މަތިވުމުން ދުރުކޮށްދެއެވެ.

2. ބަލިތަކާއި ހަނގުރާމަ ކުރާ އެތައް އެންޓި އޮކްސިޑަންޑްސްއެއް ހިމެނުން.
ކަދުރުގައި ހިމެނޭ ބައެއް އެންޓި އޮކްސިޑަންޑްސް އަކީ ހިތުގެ ބަލިތައް، ކެންސަރު އަދި ޑައެބެޓީސް ފަދަ ބަލިތަކާ ދުރުކޮށްދޭ މާއްދާތަކެކެވެ. 

3. ސިކުނޑީގެ ސިއްހަތު ރަނގަޅުވުން.
ކަދުރު ކެއުމުން ސިކުނޑީގެ މަސައްކަތް ރަނގަޅުވެއެވެ. މީގެ މައިގަނޑު ސަބަބަކީ ކަދުރުގައި ހިމެނޭ ގިނަ އެންޓި އޮކްސިޑަންޑްސް ކަމަށް ދިރާސާ ކުރާ މީހުން ގަބޫލު ކުރެއެވެ.

4. މާބަނޑު މީހުން ވިހެއުމަށް ފަސޭހަވުން.
މާބަނޑު އިރުގައި ކަދުރު ކެއުމުން ވިހެވުމަށް ފަސޭހަވާކަން ބޭރުގެ އެތައް ދިރާސާތަކަކުން ދައްކައެވެ. ކީރިތި ޤުރުއާނުގައި ސޫރަތުލް މަރްޔަމްގެ 25-26 ވަނަ އާޔަތުގެ މާނައިގައި ވެއެވެ:

﴿25﴾ وَهُزِّي إِلَيْكِ بِجِذْعِ النَّخْلَةِ تُسَاقِطْ عَلَيْكِ رُطَبًا جَنِيًّا

"އަދި ކަމަނާއާ ދިމާޔަށް ކަދުރުރުކުގެ ގަސްގަނޑު ހަލުވައިލައްވާށެވެ! އޭރުން ދޮންވެ ފައްކާވެފައިވާ ކަދުރުތައް، ކަމަނާގެ އަރިހަށް ފައިބާނެތެވެ."

﴿26﴾ فَكُلِي وَاشْرَبِي وَقَرِّي عَيْنًا ۖ فَإِمَّا تَرَيِنَّ مِنَ الْبَشَرِ أَحَدًا فَقُولِي إِنِّي نَذَرْتُ لِلرَّحْمَٰنِ صَوْمًا فَلَنْ أُكَلِّمَ الْيَوْمَ إِنسِيًّا

"ފަހެ، ކަމަނާ ފަރީއްކުޅުއްވައި، ފެންފޮދު ހިއްޕަވައި، އަދި ހިތްޕުޅު ހަމަޖައްސަވާށެވެ! ފަހެ، އިންސާނުންކުރެ އެއްވެސްމީހަކު ކަމަނާއަށް ފެނިވަޑައިގެންފިނަމަ، ވިދާޅުވާށެވެ! ހަމަކަށަވަރުން، رحمن ވަންތަ ރަސްކަލާނގެއަށްޓަކައި، ރޯދައަށް ހުރުމަށް (އެބަހީ: ހަނުހުރުމަށް) އަހުރެން ނަދުރުގެންފީމެވެ. ފަހެ، މިއަދު އަހުރެން އެއްވެސް އިންސާނަކާ ވާހަކައެއް ނުދައްކާހުށީމެވެ."

މި އާޔަތްތަކުގެ އަލީގައިވެސް މާބަނޑުދުވަސްވަރު ކަދުރު ކެއުމުން ވިހެއުމަށް ފަސޭހަވާކަން އިނގެއެވެ.

5. ކަށީގެ ބާރު ގަދަވުން.
ކަދުރުގައި ހިމެނޭ ކެލްސިއަމް، ފޮސްފޮރަސް އަދި މެގްނީސިއަމްގެ ސަބަބުން ކައްޓަށް ޖެހޭ އޮސްޓިއޯޕޮރޯސިސް ފަދަ ބައެއް ބަލިތަކުން ދުރުކޮށްދެއެވެ. 

 

މި ހުރިހާ ސަބަބުތަކަށް ބަލާލާއިރު ވެސް ކަދުރުން ލިބޭ ފައިދާތައް ނުހަނު ގިނައިރު، މި ފައިދާތައް ހޯދުމަށްޓަކައި ދުވާލަކު ކޮންމެވެސް މިންވަރަކަށް ކަދުރު ކެއުމަށް އާދަ ކުރަމާއެވެ.