މާތް ﷲ އިންސާނުން މި ދުނިޔެއަށް ފޮނުއްވަވާފައި މި ވަނީ ދުނިޔޭގައި އިންސާނުންނަށް ދިމައިވާ ކަންކަމުގެ ހައްލުވެސް ލައްވަވާފައެވެ. ދިރިއުޅުމުގައިވާ އެކިކަހަލަ މައްސަލަތަކާއި ސިއްހީގޮތުން ޖެހޭ އެކިކަހަލަ ބަލިތަކަށްވެސް މެއެވެ. ނަމަވެސް އަދިވެސް އިންސާނުންނަށް އޭގެ ފަރުވާ ހޯދިފައިނުވާ ބަލިތައް އެބަހުއްޓެވެ. އިންސާނުން އިންސާނުންގެ ޠަބީއަތާއި ފިޠުރަތާ ހިލާފަށް އުޅޭނަމަވެސް މިފަދަ ބަލިތައް ފެނުމުގެ ފުރުސަތު އޮވެއެވެ. މިފަދައިން ފަރުވާއެއް ހޯދިފައިނުވާ އެއް ބައްޔަކީ ކެންސަރެވެ. ކެންސަރަށް ސީދާ ފަރުވާއެއް ނެތެއް ކަމަކު، އެކިކަހަލަ ފަރުވާތައް ކުރެވި، ކެންސަރު ބައްޔަށްވެސް ޝިފާ އެއް ލިބެމުން އެބަދެއެވެ.

ކެންސަރުބައްޔަށް ދެވޭ އެކިކަހަލަ ފަރުވާތަކުގެ ތެރޭގައި ބައެއް ކަހަލަ ބޭސް ހިމެނެއެވެ. ކާ ބޭހާއި ލޭގެ ތެރެއަށް ޖަހާ އިންޖެކްޝަން ހިމެނެއެވެ. މިފަދަ ބޭސްތަކުގައި ގިނައިން އެކުލެވެނީ އެންޓި-ކެންސަރުގެ މާއްދާތަކެވެ. އަދި އެންޓި-ޓިއުމަރުގެ މާއްދާތައްވެސް ހުރެއެވެ.

ދިރާސާވެރިން ހޯދި ހޯދުންތަކަކުން، ލަފާކުރެވުނު ގޮތުގައި ބައެއްކަހަލަ ސޫފިތަކުގައި ހުންނަ ވިހައިގެ ތެރޭގައި އެންޓި-ޓިއުމަރުގެ މާއްދާތަކެއް ހުރެދާނެއެވެ. އެގޮތުން އެ ދިރާސާވެރިން ކުރި އިތުރު ދިރާސާތަކުން ހާމަވެގެންދިޔަ ގޮތުގައި އިންސާނުންގެ ގަޔަށް ކުޅަނދުރު ކަށި ޖެހުމާއި އެކު، އިންސާނާގެ ގައިގެ ތެރެއަށް ދޫވެގެންދާ ވިހައިގެ ތެރޭގައި އެންޓި-ޓިއުމަރުގެ މާއްދާތަކެއް ހުރެއެވެ. އެގޮތުން މެލައިޓިން ނަމަކަށް ކިޔާ މާއްދާއެއް ކުޅަނދުރުގެ ކަށީގެ ވިހައިގެ ތެރޭގައި ހުރެއެވެ. މިއީ އެންޓި-ޓިއުމަރުގެ މާއްދާއެކެވެ. މިއީ އެކިކަހަލަ ހަތާތައް ހެދިބޮޑުވުން ހުއްޓުވާ ނުވަތަ މަޑުޖައްސުވާ މާއްދާއެކެވެ. އެގޮތުން ދިރާސާވެރިން ދެކިލައްވާގޮތުގައި މި މާއްދާގެ ސަބަބުން ޓިއުމަރު ނުވަތަ ކެންސަރުގެ ހަތާތައް ހެދިބޮޑުވުން ހުއްޓުވާލަދޭނެއެވެ.

މި ހޯދުމާއި އެކު ދިރާސާވެރިންގެ ގިނަ ބައެއްގެ ޝައުގު މިކަމަށްވަނީ ހުއްޓިފައެވެ. އެކިކަހަލަ މަހާސިންތާތަކުގައި މިކަމަށް ބަހުސްވެސް ކުރެވިފައި އެބަހުއްޓެވެ. އެއާއިއެކު މިކަމުގައި އިތުރު ދިރާސާތައް ކުރުން އިތުރުވެސް ކޮށްފިއެވެ. މިކަމުގެ މައްޗަށް ބަހުސްކުރަމުން، ބައެއް ދިރާސާވެރިން ފާހަގަ ކުރިގޮތުގައި އަދުގެ މި ތަހުޒީބީ ދުނިޔޭގައި ކެންސަރުފަދަ ބަލިތައް ގިނަވަނީ އިންސާނުންނާ ވަލު ސޫފިތަކާ އޮންނަ ގުޅުން ކުޑަވުމުންނެވެ. 

އެކިކަހަލަ ސޫފިތައް އަހަރެމެންގެ ގެދޮރުން މިއަދު ނެރެލައިފިއެވެ. ބާރުގަދަ ކެމިކަލްތައް ބޭނުންކޮށްގެން ކިރިޔާވެސް ފެންނަން ހުރި ސުއިއްޕެއްވިއްޔާ މަރަމުން އެބަ ދެއެވެ. އަދުގެ ތަހުޒީބު ދިރިއުޅުމެއްގައި އުޅޭ އިންސާނެއްގެ ގައިގާ ހިންޏެއްވެސް ނުހަފައެވެ. މަދިރިއެއްވެސް ނުހަފައެވެ. ބިޗުލެއް ނަގުލަންދާޓެއް ކައްޓެއް ނުޖަހައެވެ. މަކުނެއް އެއްޗެއް ނުހަފައެވެ. ތަތްމަކުނާ ސެއްޅިއެއްގެ އުނދަގުލެއް ނުޖެހެއެވެ. ގާވިހަމަހެއް ފަންހާމަހެއް ކައްޓެއް ނުޖަހައެވެ. ތަތަންފުޅިއެއްގެ ދިލައެއް އިހުސާސްކުރާކަށް ނުޖެހެއެވެ. ކުޅަނދުރެއްވެސް ކަށިޖަހަނީ ހާލަކުން ފަހަރަކުއެވެ. ނަމަވެސް މިއަދު މި ދެކޭ ތަހުޒީބީ ދުނިޔޭގެ ކުރިން، އެއީ އާއްމު ކަންކަމެވެ. އާދަވެ ހިނގާ ތަކުރާރުވަމުންދާ ކަންކަމެވެ. މި ދިރާސާވެރިން ފާހަގަކުރި އެއް ނުކުތާ އަކީ މިއީއެވެ. ވަލު ސޫފިތަކާ އެޒަމާނުގެ އިންސާނުން ގާތެވެ. ނަމަވެސް މިޒަމާނުގެ އިންސާނުން އެ އެއްޗެއްސަށް ކުރަނީ ނަފުރަތެވެ. އެ ތަދާ ވޭނުގައި އަދު ކެތްކޮށްލެވޭ ކަމަކަށް ނުވެއެވެ.

އާދޭހެވެ! މި ދަންނަންވަނީ އެފަދަ ސޫފިތައް ގައިގާ ހަފިޔަ ދޭންވީ ވާހަކައެއް ނޫނެވެ. ކަށި ޖެހިޔަ ދޭންވީ ވާހަކައެއް ނޫނެވެ. މިހިރަ މިހިރަ ކަންކަމަކީ އިސްވެ ބުނެވުނު ބުނުމަށް ބާރުލިބިދާނެ ކަންކަމެވެ. 

މި ދިރާސާވެރިން ދެކިލައްވާ ގޮތުގައި މިފަދަ ކޮންމެ ސުއިއްޕެއްގެ ވިހައިގައި މި ހުންނަ މާއްދާތަކުގެ ތެރޭގައި ކޮންމެވެސް މިންވަރަކަށް އެންޓި-ޓިއުމަރުގެ މާއްދާތަކެއް ހުރެދާނެއެވެ. ފަހަރުގައި މި މާއްދާތަކުން އިންސާނުންގެ ހަށިގަނޑަށް އަސަރުތަކެއް ކުރުވަފާނެއެވެ. ބަދަކުތަކެއް ގެނުވަފާނެއެވެ. ކެންސަރާއު ޓިއުމަރުގެ ހެދިބޮޑުވުން ހުއްޓުވާލަދީފާނެއެވެ. ހުރިހާކަމެއް މޮޅަށް ދެނެވޮޑިގެންވަނީ ހަމަ އެކަނި ﷲ އެވެ. އިންސާނުންނަށް އޮތީ ހޯދާ ބެލުމެވެ. ދިރާސާތައް އިތުރުކޮށް އިތުރު ދިރާސާތައް ކުރުމެވެ.

 

ހަވާލާ: ރަޗިޑް ސްކައުޓާ (2023)، "ކެން ބީ ވެނޮމް ބީ ޔޫސްޑް އޭޒް އެންޓިކެންސަރ އެޖެންޓް އިން މޮޑާން މެޑިސިން" -ޕަބްމެޑް-