އިންސާނާގެ ހަށިގަނޑު އުފެދިފައިވަނީ ދިފާއީ އެތައް ނިޒާމެއް އޭގައި ތަރުތީބު ކުރައްވާފައެވެ. އެކި ގުނަވަންތަކުގައި ތަފާތު އެކި ދިފާއީ ނިޒާމު ލައްވަވާފައި ވާކަމީ އަދުގެ ސައިންސުވެސް ހެކިވާ ކަމެކެވެ. އެގޮތުން އިންސާނާގެ ހަންގަނޑުގައިވެސް ދިފާއީ އެތައް ނިޒާމެއް ވަނީ ތަރުތީބުވެފައެވެ. އެގޮތުން ހަންގަނޑުގައި ފޮޅު ނެގުމަކީވެސް މިފަދައިން ހިނގާ ދިފާއީ ނިޒާމުގެ ހަރަކާތެކެވެ.

ހަންގަނޑުގައި ފޮޅު ނަގާ އެކި ސަބަބުތައް ހުރެއެވެ. ހޫނު ވުމުގެ ސަބަބުންނާއި ތަކުރާރުކޮށް ހަނގަނޑަށް ކުރާ ބާރެއްގެ ސަބަބުންވެސް ފޮޅު ނަގާފާނެއެވެ. ގަދަ މަސައްކަތްކުރުމާއި އެކު އަތުގައި ނުވަތަ ފައިގައި ފޮނު ނަގާގޮތް ވެއެވެ. މިގޮތަށް ފޮޅު ނަގަނީ ހަގީގަތުގައި ހިނގާ ދިފާއީ ނިޒާމުގެ ހަރަކާތަކުންނެވެ.

ތަކުރާރުކޮށް ހަނގަނޑުގައި ގަދައަށް ބާރުކުރަމުން އެ ކަމަކެއް ތަކުރާރުވަމުންދާނަމަ، ހަންގަނޑުގެ ބޭރުފަށަލަ އާއި އެތެރެފަށަލަ، ނުވަތަ މަސްގަނޑު ގޭނޭނެއެވެ. މިގޮތަށް ތަކުރާރުކޮށް ގޭނޭނަމަ، އެކަމުގެ ސަބަބުން މަސްގަނޑަށް ނުވަތަ ހަންގަނޑުގެ އެތެރެފަށަލައަށް ގެއްލުންތަކެއް ލިބޭނެއެވެ. މި ފަށަލަތަކަކީ އެ ފަށަލަތަކެއްގައި ލޭނާރުވެސް އެކުލެވޭ ފަށަލަތަކެކެވެ. އެހެންކަމުން އެ ލިބޭ ގެއްލުމުގައި ލޭނާރަކަށް އަނިޔާވެ ލޭނުބައިވުން ނުވަތަ ނޫފާގަތުން ފަދަ ކަމެއް މެދުވެރިވެސް ވެދާނެއެވެ.

އެހެންކަމުން މިފަދަ އަނިޔާއަކުން ދުރުވުމަށްޓަކައި ހަންގަނޑުގެ ބޭރު ފަށަލައާއި އެތެރެ ފަށަލަ ވަކިވެއެވެ. އަދި ހަށިގަނޑުގެ ހަތާތަކުގެ ތެރެއަށް ދޫވެފައި ހުންނަ ފެނުގެ މާއްދާތަކެއް އެ ދޭތެރެއަށް އެޅެއެވެ. މިގޮތަށް ހަމުގެ ބޭރު ފަށަލައާއި އެތެރެފަށަލަ ވަކިވެ، އެ ދޭތެރެއަށް ފެނުގެ މި މާއްދާ އެޅުމުން ފޮޅު ނެގައެވެ. މިފަދައިން މި ދެ ފަށަލަ ދުރުވެ، އެ ދޭތެރޭގައި ފެނުގެ މާއްދާއެއް ހުރުމުން، އެ ދެފަށަލަ ކޭތޭ މިންވަރު ކުޑަވާނެއެވެ. މިގޮތަށް ކޭތޭ މިންވަރު ކުޑަވުމުން، ހަންގަނޑުގެ އެތެރެ ފަށަލައަށާއި މަސްގަނޑަށް ކުރާ ބާރު ކުޑަވެ، ލިބޭ ގެއްލުންވެސް ކުޑަވާނެއެވެ. 

ބައެއް ހާލަތްތަކުގައި ފޮޅު ނަގާފައި ހުންނަ އިރު، ފެނުގެ މި މާއްދާގެ ބަދަލުގައި ލޭ ނުވަތަ ދޮސް ވެސް ހުރެދާނެއެވެ. ލޭ ހުންނަނަމަ އޭގެ މާނައަކީ ހަންގަނޑުގެ އެތެރެފަށަލައިގެ ނާރަކަށް ގެއްލުން ލިބި، އެ ނާރުން ލޭއައިސްވާ ކަމެވެ. ދޮސް ލާފައި ހުންނަ ނަމަ އޭގެ މާނައަކީ އެ ފެނުގެ މާއްދާ ނުބައިވެ، ޖަރާސީމު އަށަގަނެފައިވާ ކަމެކެވެ.

ކޮންމެއަކަސް ފޮޅެއް ނަގަނީ ހަށިގަނޑަށް ލިބޭ ގެއްލުމެއް ނުވަތަ ލިބެމުންދާ ގެއްލުމެއް ކުޑަކޮށްދިނުމަށެވެ. މިއީ ފިޠުރަތުގެ ހަމައިން އިންސާނާގެ ހަށިގަނޑުގައި މާތް ﷲ ލައްވަވާފައިވާ ފުރިހަމަ ނިޒާމެކެވެ. އެ ފޮޅު ނުނަގާނަމަ، ހަންގަނޑު ކޭތި، ލިބޭ ގެއްލުން މާ ބޮޑުވާނެއެވެ. ބައެއް މީހުންގެ ހަންގަނޑު ވަރަށް ބޯވެފައި ހަރުވާނެއެވެ. މިފަދަ މީހުންގެ ހަމުގެ މި ދެފަށަލަ ކޭތުމުގެ ފުރުސަތު ކުޑަވާނެއެވެ. އެހެންކަމުން ހަންގަނޑުގެ ބޯމިން ބޯ މީހުންގެ ހަންގަނޑުގައި ފޮޅު ނަގާ މިންވަރު މަދުވާނެއެވެ. އެހެނެއްކަމަކު ހަން ތުނި މީހުންގެ ހަންގަނޑުގައި ފޮޅުނަގާ މިންވަރު އިތުރުވެދެއެވެ.