މިރުހު ކުޅި އަކީ ބައެއް މީހުންނަށް ކެތްކުރަން އުނދަގޫ އެއްޗެއް ކަމުގައި ވެއެވެ. ނަމަވެސް އަނެއްބަޔަކު ކުޅި ކަނީ އިންތިހާއަށެވެ. ކޮންމެއަކަސް މިރުހު ކުޅި އަކީ އޭގެ ސަބަބުން އިންސާނުންގެ ސިއްހަތަށް ފައިދާތަކެއް ކުރުވާ އެއްޗެކެވެ. މި ލިޔުމުގައި މި ބަލާލަނީ ކުރުގޮތަކަށް، ކުޅި މިރުހުން އިންސާނާގެ ސިއްހަތްށް ކުރާ ފައިދާތަކަށެވެ.

މިރުހު ކުޅި އަކީ އޭގެ ސަބަބުން ހަށިގަނޑުގެ މެޓަބޮލިޒަމް އިތުރުކޮށްދީ ރަނގަޅުކޮށްދޭ އެއްޗެކެވެ. އިތުރުވެގެންދާ މި މެޓަބޮލިޒަމްގެ ސަބަބުން ހަށިގަނޑުގައި އަންދާ ވިރުވާ ކެލަރީސްގެ މިންވަރު އިތުރުވެދެއެވެ. މީގެ އިތުރުން މިއީ ހަށިގަނޑުގައިވާ ތާމޯޖެނެސިސް ނަމަކަށް ކިޔާ ފިނިހޫނުމިން ކިޔަމަންކުރާ ނިޒާމެއްވެސް ހަރަކާތްތެރި ކުރުވާ ކަމެކެވެ. މިކަމުގެ ސަބަބުން ހަށިގަނޑުގައި ހޫނުކަމެއް އުފައްދައެވެ. އަދި އެ ހޫނުގެ ސަބަބުން ސަރުބީ ވިރުވުމަށް އެހީތެރިވެ، ހަށިގަނޑުގެ ބަރުދަން ލުއިވުމަށްވެސް އެހީތެރިކަމެއް ވެދެއެވެ.

މިރުހުގައި ހުންނަ ބައެއް މާއްދާތަކުގެ ސަބަބުން ހިތާއި ލޭދައުރުކުރާ ނިޒާމަށް ގިނަ ފައިދާތަކެއް ކުރެއެވެ. މިރުހު ކުޅީގެ ސަބަބުން ހަށިގަނޑުގެ ލޭނާރުތަކުގެ ފާރުތަކަށް ލުއިކަމެއް ވެރިވެ، އެ ލޭނާރުތަކުގެ އެތެރޭގެ ޖާގަ ތަނަވަސް ވެދެއެވެ. މިކަމުގެ ސަބަބުން އެ ލޭ ނާރުތަކުގެ ތެރޭގައި ދައުރުވާ ލޭގެ ބާރުމިން ދަށްވެއެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ، ލޭގެ ޕުރެސަރު ދަށްވެއެވެ. އިސްވެ ދެންނެވުނު ފަދައިން މިރުހު ކުޅީގެ ސަބަބުން ހަށިގަނޑުގައި ހޫނުކަމެއް އުފައްދައިދެއެވެ. މި ހޫނުކަން ހަށިގަނޑުގައި ދައުރުވާ ލޭގައިވެސް ހުންނާނެއެވެ. ނަތީޖާ އަކަށް ވަނީ ލޭ ނާރުތަކުގެ ތެރޭގައި ހުންނަ ސަރުބީގެ ފަށަލަތައް ވިރުވައި ދިނުމަށް އެހީތެރިވުމެވެ. އެހެން އިބާރާތަކުން ދަންނަވާނަމަ ކޮލެސްޓްރޯލް ދަށްކޮށްދިނުމަށް އެހީތެރިވެދިނުމެވެ. މީގެ އިތުރުން ލޭނާރު ތަކުގެ ޖާގަ ތަނަވަސްވުމާއި އެކު، ލޭ ދައުރު ވުމަށް އަންނަ ފަހިކަމުގެ ސަބަބުން ލޭނާރުތަކުގައި ލޭ ގަނޑުވުމުގެ ފުރުސަތުވެސް ކުޑަކޮށްދެއެވެ. އެހެންކަމުން މިރުހު ކުޅި ފާހަގަ ކުރެވެނީ ލޭގެ ޕުރެސަރު ދަށްކޮށްދީ، ކޮލެސްޓްރޯލް ދަށްކޮށްދީ އަދި ލޭގަނޑުވުންފަދަ ކަންކަމުން ދުރުކޮށްދިނުމަށް އެހީތެރިވެދޭ އެއްޗެއްގެ ގޮތުގައެވެ.

އެންޓި އިންފްލެމޭޓަރީ އާއި އެންޓި އޮކްސިޑަންޓްސް އަކީ މިރުހު ކުޅީގައި ގިނައިން ހުންނަ މާއްދާތަކެކެވެ. މިއީ އެކިކަހަލަ އިންފެކްޝަންތަކާއި އަދި އެކިކަހަލަ ވިހަ މާއްދާތަކާއި ދެކޮޅަށް މަސައްކަތް ކުރާ މާއްދާތަކެކެވެ. އެހެންކަމުން ހަށިގަނޑުގައި ހުންނަ އެކި ކަހަލަ އިންފެކްޝަންތަކާއި އެކިކަހަލަ ވިހަ މާއްދާތައް ބޭރުކޮށްދިނުމަށް ކުޅި އަކީ މުހިންމު ރަހައެކެވެ. ދިރާސާވެރިން ދެކިލައްވާގޮތުގައި ރާއްޖެ ބައްޔާއި ކެންސަރުބަލި ފަދަ ބަލިތަކުން ރައްކާތެރިވުމަށްވެސް ކެއުމުގައި މިރުހު ކުޅި ބޭނުން ކުރުން ވަރަށްވެސް މުހިއްމެވެ.

ހަށިގަނޑުގެ ދިފާއީ ނިޒާމު ހަރަކާތްތެރިކޮށްދީ ވަރުގަދަކޮށްދޭ އެއް މާއްދާ ކަމަށްވާ ވިޓަމިން ސީ އަކީ މިރުހުގައި ހުންނަ މާއްދާ އެކެވެ. މީގެ އިތުރުން ވިޓަމިން އީ އަދި ބީ6 ވެސް ގިނަ އަދަދަކަށް އެކުލެވިގެން ވެއެވެ. ހަމައެއާއި އެކު ޕޮޓޭސިއަމް އަކީވެސް މިރުހުގައި އެކުލެވޭ ފައިދާ ހުރި މާއްދާއެކެވެ.

ހަޖަމުގެ ނިޒާމުގެ ފަހި ތަރުތީބަށްވެސް މިރުހު ކުޅި އަކީ ބޭނުންތެރި އެއްޗެކެވެ. މިރުހުގައި ހުންނަ ފައިބަރާއި އަދި އެހެނިހެން އެންޓި އިންފްލެމޭޓްރީ މާއްދާތަކުގެ ސަބަބުންނާއި މިރުހުގެ ކުޅީގެ ސަބަބުން މައިދާގައި ހުންނަ ހަޖަމުގެ ދިޔައަށް އެހީތެރިވެ، ގޮހޮރުގެ ފަހިކަން އިތުރުކޮށްދީ އަދި އެކިކަހަލަ ޖަރާސީމު މަރާލުމަށްވެސް އެހީތެރިވެެދެއެވެ.

ކުޅި އަކީ އޭގައި އާވިކަމެއްވެސް އެކުލެވޭ އެއްޗެކެވެ. އެހެންކަމުން މިއީ ސައިންސް އަދި އަރިދަފުސް ރޯގާއަށްވެސް އެތައް ފައިދާތަކެއް ކުރުވާ އެއްޗެކެވެ. ސައިނަސް ގްލޭންޑު ތަކާއި ނޭފަތާއި އަރުތެރެ ސާފުކޮށްދިނުމަށްވެސް ކުޅި އަކީ ބޭނުންތެރި ރަހައެކެވެ.

ކެއުމުގައި ކުޅި ބޭނުން ކުރުން ސިއްހީ ގޮތުން ފައިދާހުރި ކަމެއް ކަމުގައި ވީނަމަވެސް، މި ލިޔުމުގައިވެސް ގިނައިން މި ބުނެވުނީ މިރުހު ކުޅީގެ ވާހަކައެވެ. އެކި ކަހަލަ ހަވާދާއި ސޯސް ގައި ހުންނަ ކުޅި އަކީ ހަށިގަނޑަށް މާ ފައިދާ ކުރުވަފާނެ އެއްޗެއް ކަމުގައި ނުވެދާނެއެވެ. ނަމަވެސް ރޯ މިރުހުގައި މި ހުންނަ ކުޅި އަކީ ހަމަ ޔަގީނުންވެސް ހަށިގަނޑަށް ގިނަގުނަ ފައިދާތަކެއް ކުރުވާ ރަހައެކެވެ. ކުޅި ކާން އުނދަގޫ މީހެއްނަމަވެސް ހިތްވަރުކޮށް، ދުވާލަކު އެއްފަހަރު ނަމަވެސް ކުޅިކޮށް ކެއުން އެއީ ބުއްދިވެރި ކަމެކެވެ.

 

ހަވާލާ: ވިލިއަމް އެމާކް (2022)، ހެލްތް ލައިން