އަންނާރަކީ ވަށް، ރަތްކުލައިގެ މޭވާއެކެވެ. މި މޭވާ އެންމެ ބޮޑަށް މަޝްހޫރުވެފައިވަނީ ރީތި ކުލައެއްގައި ހުންނާތީއާއި، ކާލާއިރު މީރު ރަހައެއް ލިބިގެން ދާތީކަމަަށް ވީ ނަމަވެސް މި މޭވާއިން ތަފާތު އިތުރު ގިނަ ކަންތައްތަކެއް ލިބިގެންދެއެވެ.

އެންމެ ފުރަތަމަ ކަމަކަށް އަންނާރުގައި ކެލޮރީ އާއި ސަރުބީ މަދުވެފައި ފައިބަރ، ވިޓަމިން، އަދި މިނަރަލްސް ގިނައެވެ. އަދި އަންނާރުގައި އެންޓިއޮކްސިޑެންޓް އެކުލެވިގެންވާތީ، ފްރީ ރެޑިކަލްތަކުގެ ސަބަބުން ސެލްތަކަށް ލިބޭ ގެއްލުންތަކުން ރައްކާތެރިވުމަށް އެހީތެރިވެދެއެވެ. 

އަންނާރުން ހިތުގެ ސިއްހަތަށް ފައިދާތަކެއް ވެސް ލިބެއެވެ. އެގޮތުން އަންނާރުގެ ސަބަބުން ކެންސަރާއި ދެކޮޅަށް އަސަރުކުރާކަން ވަނީ ފާހަގަކުރެވިފައެވެ. އެއީ ޓިއުމަރު ބޮޑުވުމާއި ފެތުރުން ލަސްވެ، ދުޅަހެޔޮކަން ކުޑަކޮށްދޭ ކަމަކަށް ވިޔަސް، މިކަންކަމާ ބެހޭގޮތުން އިތުރަށް ދަސްކުރުމަށް އިތުރު ދިރާސާތަކެއް ކުރަން ޖެހޭކަންވަނީ ކަމާބެހޭ ފަރާތްތަކުން ބުނެފައެވެ. އަދި އަންނާރުގައި ހިމެނޭ ބައެއް މާއްދާ ތަކުގެ ސަބަބުން ލޭގެ ޕްރެޝަރު ދަށްވެ، މޭގައި ރިއްސުންވެސް ކުޑަވާކަމަށް ވެއެވެ.

އަދި ކުޑަކަމުދާ ނިޒާމުގެ ސިއްހަތަށް އެހީތެރިވުމުގައި ވެސް މި މޭވާ އެހީތެރިވެދެ އެވެ. މި މޭވާގައި ހިމެނޭ ބައެއް މާއްދާގެ ސަބަބުން ކިޑްނީގައި ހިލަ އުފެދުން ހުއްޓުވުމަށްވެސް އެހީތެރިވެދެއެވެ. މީގެ އިތުރުން އަންނާރުގައި ހަށިގަނޑުގައި ހުންނަ ގެއްލުން ހުރި މައިކްރޯއޮގަނައިޒްމަންޓްތަކާ ހަނގުރާމަކުރާ މާއްދާއެއްވެސް އެކުލެވިގެންވެ އެވެ. ވަކިން ހާއްސަކޮށް އަނގައިގައި ހުންނަ ނޭވާއިން ނުބައި ވަސް ދުވުމާއި ދަތް ހަލާކުވުން ފަދަ ކަންކަން މެދުވެރިކުރުވާ ބެކްޓީރިއާތަކުގެ ސަބަބުން ސަލާމަށްވުމަށް އެހީތެރިވެދެއެވެ. 

އެންމެ މުހިންމު ކަމަކީ މި މޭވާއަކީ ސިކުނޑިއަށް ވަރަށް ފައިދާހުރި މޭވާއެކެވެ. އެއީ ސިކުނޑީގެ ސިއްހަތު ރައްކާތެރިކޮށްދީ އަލްޒައިމާ ބައްޔާއި ޕާކިންސަން ބަލިން ރައްކާތެރިވުމަށް އެހީތެރިވެދޭ އެއްޗެކެވެ. އަދި އަންނާރުގައި ފައިބާރގެ ބައި އެކުލެވިގެންވުމުން ހަޖަމުކުރުމުގެ ވަކި ސިއްހީ ހާލަތްތަކަކުން ރައްކާތެރިވުމަށް ވެސް އެހީތެރިވެދެއެވެ.