ހަޖަމު ކުރާ ނިޒާމަކީ ހަމައެކަނި ކާތަކެތި ހަށިގަނޑުގެ ތެރޭގައި ބަދަލުވުމުގެ ދައުރު އަދާކުރާ ނިޒާމެއް ނޫނެވެ. ހަޖަމުގެ ނިޒާމު ގުޅިފައިވަނީ މީހާގެ މުޅި ސިއްޙަތާއެވެ. އެ ނިޒާމެއް ކުޑަވެސް ލޮޅުމެއް އަރައިފި ނަމަ، ހަށިގަނޑުގެ އެހެން ގުނަވަންތަކަށް ސިގްނަލް ފޮނުވައި، އޭގެ އަލާމާތްތައް ދައްކަން ފަށައެވެ.

މިފަހަރު އަލިއަޅުވައިލަން މިއުޅެނީ، ހަޖަމު ކުރާ ނިޒާމުގައި މައްސަލައެއް އުޅޭނަމަ ފެނިދާނެ ބައެއް އަލާމާތްތަކަށެވެ. 

ގޮތް ނޭނގި މޫޑު ބަދަލުވުން:

މީހާގެ ބަނޑަކީ އެމީހެއްގެ "ދެވަނަ ސިކުނޑި" އޭ ކިޔައި އުޅެއެވެ. އެއީ ބަނޑުގައި ވާ ނިއުރޯންސް ތަކުގެ ގިނަ ކަމުންނާއި، ނިއުރޯޓްރާންސްމީޓާރސް (މިސާލަކަށް ސެރޮޓޮނިން) އުފެއްދުމުގެ ބާރު ލިބިފައިވާތީއެވެ. ސެރޮޓޮނިން އަކީ މީހާގެ މޫޑު ރަނގަޅުކޮށް، އެއް ހަމައެއްގައި ހިފަހައްޓައިދޭ ހޯމޯން އެވެ. ނަމަވެސް މި ހޯމޯން މާ ގިނަ ވެއްޖެ ނަމަ ހަށިގަނޑުން އޭގެ ނޭދެވޭ އަސަރު ވެސް ފެނިގެންދެއެވެ. ވުމާއެކު، މީހާގެ މޫޑަށް ގޮތްނޭނގި އަންނަ ކުއްލި ބަދަލަކީ ކެވޭ އެއްޗަކުން ވާ ކަމަކަށް ވުން އެކަށީގެންވެއެވެ. 

ހަމުގެ މައްސަލަތައް:

މޫނުގައި ބިހި ނެގުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ ކަމަކަށް ވާއިރު، އެއީ ބައެއް ފަހަރު ހަޖަމުގެ ނިޒާމާ ނުގުޅޭ ކާ އެއްޗެއް އެތެރެވުމުން، އެއަށް ހަދާނެ ގޮތް ނޭނގިގެން އެ ނިޒާމު އުޅެން ފެށުމުގެ ސަބަބުން ދިމާވާ ކަމެކެވެ. ބިހި ނަގާތީ ޑޮކްޓަރަށް ދެއްކުމުން ތެޔޮ އެއްޗިސާއި އެހެނިހެން ބައެއް އެއްޗެހި ނުކެއުމަށް ޑޮކްޓަރު ލަފާދެނީ އެހެންވެގެންނެވެ.

އަވަސް އަވަހަށް ބަލިވުން:

ތިމާގެ ދިފާޢީ ނިޒާމުގެ 70% ގުޅިފައިވަނީ ބަނޑާ ކަން އެނގޭ ހެއްޔެވެ؟ މާ އަވަސް އަވަހަށް ބަލިވާ ނަމަ، އެއީ ފަހަރުގައި ހަޖަމުގެ ނިޒާމަށް ކޮންމެވެސް ލޮޅުމެއް އަރައިފި ކަމުގެ އަލާމާތަކެވެ. 

ބްލޯޓިންގ:

ބްލޯޓިންގ ގެ މާނައަކީ ގޭހުގެ ސަބަބުން ބަނޑު ފުފުމެވެ. މިއީ ވަރަށް އާންމު ކަމަކަށް ވާއިރު، ގިނަ ފަހަރަށް މިހެން ދިމާވަނީ ހަޖަމު ކުރާ ނިޒާމުގެ ބެލެންސް ކެޓުމުންނެވެ. ނުވަތަ ވަކި ވައްތަރެއްގެ ކާ އެއްޗެހި ހަޖަމުކުރަން އުނދަގޫ ވުމުންނެވެ. 

ވަރުބަލިވުން:

ކުރިއަށް ވުރެ ގިނައިން ވަރުބަލި ކަން އިޙުސާސް ވާ ނަމަ، އެއީ ހަޖަމު ކުރާ ނިޒާމުގައި މައްސަލައެއް އުޅޭ ކަމުގެ ނިޝާނަކަށް ވެދާނެއެވެ. އެގޮތުން އެ ނިޒާމަށް ލޮޅުން އަރާ ކަމެއް ދިމާވުމުން، ހަށިގަނޑަށް އެތެރެކުރަން ޖެހޭ މާއްދާތައް ރަނގަޅަށް އެތެރެކުރުމުގެ ކުޅަދާނަކަން ގެއްލޭ ގޮތް ވެއެވެ. ނަތީޖާއަކީ މީހާއަށް ކޮންމެދުވަހަކު ލިބެންޖެހޭ ނިއުޓްރިއެންޓްސް ނުލިބި، ހަކަތަ މަދުވުމެވެ. އެހެންކަމުން ވަރުބަލިކަން އިޙުސާސް ކުރެވޭ ގޮތް ވެއެވެ. 

ގޮތްނޭނގި ބަރުދަން އިތުރުވުން:

ތިމާ ކާ އެއްޗަކާ ނުބައްދަލު މިންވަރަށް ބަރުދަން އިތުރުވުމަކީ (އެހެން ބޮޑު ބައްޔެއް ނެތް ނަމަ) ހަޖަމު ކުރާ ނިޒާމުގެ މައްސަލައެކެވެ. އެ ނިޒާމުގައި ހުންނަ "ގަޓް ބެކްޓީރިއާ" ގެ ބެލެންސް ގެއްލުމަކީ ބަރުދަން އިތުރުވާ ކަމެކެވެ. އަދި ބަރުދަން ލުއިކުރަން ވެސް ތަކުލީފަކަށް ވެގެންދެއެވެ. 

ހަޖަމުގެ ނިޒާމު ދުޅަހެޔޮކޮށް ބެހެއްޓުމަށް ރަނގަޅު ކާނާ ކެއުން ވަރަށް މުޙިއްމެވެ. އޭގެތެރޭގައި ދޮންކެޔޮ ފަދަ މޭވާ އާއި، ފެހި ތަރުކާރީ އާއި، ލޮނުމެދު އަދި ޔޯގަޓް ފަދަ ތަކެތި ފާހަގަކޮށްލެވެއެވެ.