އިސްލާމްދީނުގައި ކަންކަން ހުއްދަކުރައްވާ، މަނާ ކުރައްވާފައި ވަނީ ކުޅިވަރަކަށް ނޫނެވެ. އެއިން ކޮންމެ ކަމެއް ހުއްދަ ކުރެއްވުމާއި މަނާވުމުގައި އެތައް ޙިކުމަތެއް ވާނެއެވެ. ބުއްދީގެވެސް އެތައް ޙިކުމަތެއް ވާނެއެވެ. މިކަންކަމުން ފިލާވަޅާއި ދަރުސްތައް ލިބުން ވަނީ ވިސްނާ ފިކުރު ކުރާ ބަޔަކަށް އެކަންޏެވެ.

އިސްލާމްދީނުގައި ވިޔަފާރިކުރުން ވަނީ ހުއްދަ ކުރައްވާފައެވެ. އަދި ރިބާ ވަނީ ހަރާމް ކުރައްވާފައެވެ. ވިޔަފާރީގައި ފައިދާ ލުމުގައިވެސް ވަކި އިމެއް ނެތި ހުއްދަ ކުރައްވާފައި ވުމުގައިވެސް ސަބަބުތަކެއް ވާނެއެވެ. ވިޔަފާރި ފައިދާ އަކީ ވިޔަފާރި ކުރާ މީހާ ބޭނުންވަރަކަށްލުމުގެ ހުއްދަ ދެވިފައިވާ ވުމަކީ ހަގީގަތުގައި އެކަމާމެދު ވިސްނާ ފިކުރު ކުރަން ޖެހޭނޭ ކަމެކެވެ.

މިފަދައިން މިކަމާއި މެދު ވިސްނާ ފިކުރު ކުރުން ހާމަވެގެންދާ އެއްކަމަކީ، މިއީ އިންސާނާ އިމްތިހާނު ކުރުވުމަށްޓަކައި ދެއްވާފައިވާ ފުރުސަތެއް ކަމެވެ. އާދޭހެވެ! އެކަން ހުއްދައެވެ. ނަމަވެސް އިންސާނާ ނުވަތަ އިންސާނުންގެ ތެރެއިން ވިޔަފާރި ކުރާމީހާ ދަންނަން ޖެހޭނެ އެއް ކަމަކީ ވިޔަފާރީގައި ތިމާ ބޭނުން ފައިދާއެއް ލުމުގެ ހުއްދަ ދެއްވާފައިވަނީ ކީއްވެކަމެވެ.

ވިޔަފާރި ކުރުމުގައި ވިޔަފާރި މުދާ ގަންނަ ފަރާތުގެ ހިތްހަމަޖެހުމަކީ ވަރަށްވެސް ބޮޑު އެއްޗެކެވެ. މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ވިދާޅުވާ ގޮތުގައި، މުދާ ގަންނަ ފަރާތުގެ މޫނުމަތިން އެ ފެންނަ ހިނިތުންވުމަކީ އޭގެ ސަބަބުން އެ މުދާ ވިއްކި މީހާގެ މައްޗަށް އޮތް ބަރަކާތެއް ކަމަށެވެ. އަދި އެ މުދާ ވިއްކުމަށްފަހު އެ ލިބޭ ފައިސާ ނުވަތަ ފައިދާގައިވެސް ބަރަކާތް ލެއްވިގެންވާނޭ ކަމެކެވެ. އަހަރެމެން އިންސާނުންގެ މުދަލުގައި މާތް ﷲ ބަރަކާތް ލައްވައިފިނަމަ، އެ މުދަލެއް އިތުރުވެގެންދާނޭ ގޮތް ނުވަތަ އެ މުދަލަކުން ފައިދާކުރާނޭ ގޮތަކީ އަހަރެމެން އިންސާނުންނަށް ތަޞައްވަރުވެސް ނުކުރެވޭނޭކަމެކެވެ.

ކަން އޮތީ މިހެން ކަމުގައި ވުމާއި އެކު، ވިޔަފާރި މުދަލުގައި ފައިދާ އިތުރުކުރުމުގައި ސަމާލުކަން ދޭން ވާނެއެވެ. ބޭނުން މިންވަރަކަށް ފައިދާ ލާފައި ވިއްކާއިރު، އެ މުދާ ގަންނަ މީހުންގެ ހާލަތަށް ރިއާޔަތް ކުރަންވާނެއެވެ. އެ މީހުންގެ އިހުސާސްތައް އެނގިގެން ތިބެންވާނެއެވެ. އެ މުދަލެއް ވިއްކާލެވޭ އަގަކީ، އެ މުދަލެއް ގަންނަ ފަރާތައް ބުރައަކަށް ނުވަތަ ބޮޑު ތަކުލީފަކަށް ވިޔަ ދީގެން ނުވާނެއެވެ. އެހެނީ އެކަން އެހެން ވެއްޖެނަމަ، އެ މުދާ ގަންނަ ފަރާތުގެ މޫނު މަތިން ހިނިތުންވުމެއް ނުފެންނާނެއެވެ. ހިތްހަމަޖެހުމެއް ނުވާނެއެވެ. އެހެންކަމުގައި ވާނަމަ، އެ މުދަލެއް ވިއްކައިގެން އެ ލިބުނު ފައިސާގައި ނުވަތަ ފައިދާގައި ﷲ ގެ ބަރަކާތް ލިބުމެއް ނުވާނެއެވެ. އާދެހެވެ! ބޭނުން މިންވަރެއްގެ ފައިދާއެއް ލާފައި ވިއްކުމުގެ ހުއްދަ އޮތްނަމަވެސް ކަން އޮތީ މިހެން ކަމުގައި މުފްތީ މެންކް ފާހަގަ ކުރެއްވިއެވެ. އެހެން ކަމަށް ވާނަމަ، ﷲ ގެ ބަރަކާތް އުނިވެފައިވާނަމަ، ނުވަތަ އެ ބަރަކާތް ނުލިބޭނަމަ، އެ މުދަލަކުން ލިބޭނޭ ހިތްހަމަ ޖެހުމެއް، އަދި ފުއްދޭނޭ ހާޖަތެއްގެ ތަސައްލީއެއް ނުވާނެއެވެ.

އިންސާނާ ދުނިޔޭގައި އުޅެމުން ދަނީ އަނެކުންގެ ހާޖަތްތައް ދަނެ އެކަމަށް އެހީތެރިވަމުން ކަމަށް މި އިންސާނާ އަބަދުމެ ވަކާލާތު ކުރެެއެވެ. ނަމަވެސް ވިޔަފާރިއާއި ހިސާބުން، އަނެކާގެ ހާލަށް ބެލުމެއްނެތި ވިޔަފާރި މުދަލުގެ އަގު ބޮޑުތަނުން އިތުރު ކުރެވޭތަން އާދެއެވެ. މިއީ ހުއްދަ ކަމެއް ނަމަވެސް، މިއީ މިކަމުގެ ރީތި ގޮތެއް ނޫނެވެ. މިކަމުން އިބުރަތް ލިބިގަންނަ މީހާ މިކަން ކުރާ ހުށީ ވިސްނުމާއި ބުއްދި އިސްކޮށްގެންނެވެ. އަނެކުންގެ އިހުސާސްތައް ދެނެގެން ވިޔަފާރިކުރާ މީހާއީ، ކާމިޔާބު ވެއްޖެ ވިޔަފާރި ވެރިއެކެވެ. ހަގީގީ ކާމިޔާބީ އަކީ ދެދުނިޔޭގެ ކާމިޔާބީއެވެ. އެކަން ހުރިހާ ވިޔަފާރިވެރިން ދަންނަން ވާނެއެވެ.

ރަމަޟާން މަހަކީ އެ މަހެއްގައި ތަކެތީގެ އަގު އުފެލޭ މަހެކެވެ. އެހެން ވަނީ ސަބަބުތަކެއް އޮވެގެންނެވެ. ނަމަވެސް މިކަމުގައި ވިޔަފާރިވެރިން ހިކްމަތުގެ ބޭނުން ކުރާނަމަ، އެބައިމީހުން ވާހުށީ ކާމިޔާބު ވިޔަފާރިވެރިންތަކެއް ކަމުގައެވެ. އަދި މިއަދު އިވެމުންދާ އެއް އަޑަކީ މިނިމަމް ވޭޖާއި ގުޅިގެން ވިޔަފާރިވެރިން މުދަލުގެ އަގު ބޮޑު ކުރި ވާހަކައެވެ. އެކަން ކުރުން ވިޔަފާރިވެރިޔާއަށް ހުއްދައެވެ. ނަމަވެސް އެކަކުގައި ވިސްނުން އިސްކޮށްފި ދެދުނިޔޭގެ ބާއްޖަވެރިކަން އޮތީ ކޮން މަގަކުން އަމަލުކޮށްގެން ކަން އެނގޭނެއެވެ. ވިޔަފާރީގައި ތިމާ ބޭނުން ފައިދާއެއް ލުމުގެ ހުއްދަ ދެއްވާފައި ވަނީ ހަގީގަތުގައިވެސް ވިޔަފާރިވެރިޔާ އިމްތިހާނު ކުރެއްވުމަށްޓަކައެވެ. އެކަން ދެނެގެން ނޫން ގޮތަކަށް ވިޔަފާރި ކުރެވޭނަމަ، އެކަން އަދި ތިކުރެވެނީ އެންމެ ރަނގަޅަކަށް ނޫނެވެ. ވިސްނާށެވެ! ރައްކާވެ ތިބިއްޔާ ދަތުރެވެ! އަހަރެމެން މި ދުނިޔޭގައި މި ހޭދަކުރާ ވަގުތަކީ ދާއިމީ ގޮވަށްޗަށް ދިއުމަށް ކުރެވޭ ދަތުރެކެވެ!