ދިވެހި ރާއްޖެއަކީވެސް ބިމުގެ ޖާގައިގެ ދަތިކަން ބޮޑު ގައުމެކެވެ. އެއާއެކު ވާރުތަ މުދަލުން ލިބޭ ބިންކޮޅުގެ އިންތިޒާރުގައި ކިތަންމެ ބަޔަކު ތިބެއެވެ. މިފަދައިން ވާރުތަ މުދަލާއި ބެހޭގޮތުން، މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް އޭނާގެ ދަރުސެއްގައި ވަރަށް އަސަރުގަދަ ވާހަކަފުޅެއް ވަނީ ދައްކަވާފައެވެ. މިއީ ކޮންމެ މީހަކުވެސް ހަގީގަތުގައި ވަރަށް ފުންކޮށް ވިސްނަން ޖެހޭ ކަމެކެވެ. މުފްތީ މެންކުގެ މި ވާހަކަ ކޮޅުގެ ހުލާސާ ދިވެހި ތަރުޖަމާއެއް ހިއްސާކޮށްލާނަމެވެ.

މުފްތީ މެންކް ވިދާޅުވަނީ މިފަދައިންނެވެ:

މިއަދު މީސްތަކުން މުދަލާއި ހެދި ތަޅާފޮޅަނީއެވެ. ބިންކޮޅަކާއި ހެދި ތަޅާފޮޅަނީއެވެ. ބިމުން ވާރުތަވާންޖެހޭ މީހުންނަށްވެސް އެމީހުންގެ ހައްގު ނުދޭން ގަދަ ދައްކަނީއެވެ. ހެދުނުހައި މަކަރަކާއި ސިހުރެއްވެސް ހަދަނީއެވެ. މިކަންކަން އިސްލާމީ މުޖުތަމައުތަކުންވެސް އިންތިހާއަށް ފެންނަމުން ދެއެވެ.

ރަސޫލާގެ އަމަލުފުޅަށާއި ސަހާބީންގެ ހަރަކާތްތަކަށް ބަލާލާށެވެ. މައްކާއިން މަދީނާއަށް ހިޖުރަކުރެއްވި މުހާޖިރުންނަށް މަދީނާގެ އަހުލުވެރިން، އަންޞާރުން އެބޭކަލުންގެ ގެދޮރާއި ބިމާއި އަދި އަނބިންނާއި، ހުރިހާ އެއްޗަކުން ބައެއް ދެއްވެވީ ރުހި ތިއްބަވައިގެންނެވެ. ލޮލާއި ބޮލުން އެކަން ގަބޫލުފުޅު ކުރައްވާ ހާލުގައެވެ.

ވިސްނާށެވެ! އެބޭކަލުންގެ މުދައު ދޫކޮށްލެއްވީ ހަމަ އެންމެ ކަމަކަށެވެ. އެކަމަށް ރަސޫލާ ޙަދީޘްފުޅު ކުރެއްވެވީތީއެވެ. އަހަރެމެންގެ އަޚުންނާއި އުޚުތުންނަށް، އެމީހުންނަށް ޙައްޤުވާ މިންވަރު ނުދޭން މިމަސައްކަތްކުރަނީ އެކަމަށް ސީދާ ﷲ ތަޢާލާގެ އަމުރުފުޅު ނެތީމާ ހެއްޔެވެ؟ 

މިއަދު މައިންބަފައިންގެ މުދައު ބަހަންވުމުން ޙައްޤު މިންވަރަށްވުރެ ގިނައިން ހޯދަންވެގެން އެކުރާ މަސައްކަތަކީ ރަޙިމުގެ ގުޅުން ކެނޑުން ނޫން ދެން ކޮން ކަމެއް ތޯއެވެ؟ މިއީ ހިތާމަ ހުރި ކަމެކެވެ. މުދަލާއިގެން މިހާވަރަށް ފައި ވިއްދާފައި މިއުޅެނީ އެ މުދާތައް ހިފައިގެން ކިހައި ދުވަހަކު މި ދުނިޔޭގައި އުޅޭނަމޭ ހިތާ ހެއްޔެވެ؟

މަރު މަތިން ހަނދާން ނުވަނީ ހެއްޔެވެ؟ ހަނދާން ކޮށްބަލާށެވެ! ވިސްނަބަލާށެވެ! އިއްޔެ ކިތައް މީހުން މަރުވިހެއްޔެވެ؟ މިއަދުގެ މިވަގުތާއިހަމައަށް ކިތައް މީހުން މަރުވެއްޖެ ހެއްޔެވެ؟ ހަމަ އެއްވެސް ޢިބްރަތެއް ހާސިލްނުވަނީ ހެއްޔެވެ؟ އެހާވެސް މި މުސްލިމު އިންސާނާ ބުއްދި ކޮށީ ހެއްޔެވެ؟

އެންމެހާ މުސްލިމުންނޭ! ﷲ އަށް ބިރުވެތިވާށެވެ! އަނެކާގެ ޙައްޤުތަކަށް ރައްކާތެރިވެ، އެ އަދާކުރާށެވެ! ތިބާއަށް ތަންކޮޅެއް މަދުކޮށްފައި ދޭންޖެހުނު ނަމަވެސް އަނެކާގެ ޙައްޤު ފުރިހަމައަށް އަދާކުރެވުނުކަން ޔަޤީންކުރާށެވެ! އެގޮތަށް ކަންތައް ކޮށްފިނަމަ، އެ އިލާހުގެ މަދަދާއި އޯގާތެރިކަމުން ތިބާގެ ހިތް އުފަލުން ފޮޅިގެންދާ ވަރަށް ދެއްވަވާނެތެވެ! އިސްކުރަންވީ ހިކުމަތާއި ކެތްތެރިކަމެވެ. ހިތްތިރިކަމާއި އޯގާތެރިކަމެވެ. ލޯތްބާއި ހަމްދަރުދީއެވެ.!"