"ސުލްހަވެރި މުޖުތަމަޢެއް ބިނާކުރުން" މި މައުޟޫގެ މައްޗަށް މިއަދު ރާއްޖޭގެ ހުރިހާ ރަށެއްގައި އިއްވި ޚުތުބާގައި ބުނެފައި ވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބައިބައިވުމާއި ދެކޮޅުވެރިކަމާއި ހަނގުރާމަތަކާއި އަދި ލޭ އޮހޮރުވުން އާއްމުވަމުންދާ ދުވަސްވަރެއް ކަމަށެވެ. އަދި އިގްތިސާދީ ހީނަރުކަމާއި މަޤާމާއި ނުފޫޒާއި ޖާހައްޓަކައި އެއްބަޔަކު އަނެއް ބައެއްގެ މައްޗަށް ގަދަވެގަތުމަށް މަސައްކަތް ކުރަމުން އަންނަ ދުވަސްވަރެއް ކަމަށާއި މިފަދަ ފިތުނަވެރިކަމުން ރާއްޖެ ފަދަ ކުދި ޖަޒީރާ ޤައުމުތައްވެސް ސަލާމަތް ކުރަން ޖެހޭނޭ ކަމަށެވެ.

އުފެދޭ އެފަދަ ފިތުނަތަކުން ސަލާމަތް ނުވެވިއްޖެނަމަ އެ މުޖުތަމައުގެ އެކުވެރިކަމުގެ ކިއްލާގައި ރެނދުލައި، ފުނޑުފުނޑުވެ ނޭނގިތިއްބައި ޤައުމުގެ އެއްބައިވަންތަކަމާއި ކުރިއެރުމާއި އިޤްތިސާދު ހަލާކުވެދާނެ ކަމަށް ވެސް ހުތުބާގައި ވަނީ ބުނެފައެވެ. އެހެންކަމުން އެންމެ މަތިވެރި ނިޢުމަތް ކަމަށްވާ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފައި، އެފަދަ ގެއްލުންހުރި ފިތުނައިގެ ތެރެއަށް ނުވަދެ އެހުރިހާ ކަމަކުން ދުރުހެލިވުމަށް ޚުތުބާގައި ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ޚުތުބާއި ބުނީ މުސްލިމުން ވާން ޖެހޭނީ ސުލްހަވެރިކަމަށް ލޯބިކުރާ ބަޔަކު ކަމުގައެވެ. ކަންކަން އިސްލާހު ކުރުމުގެ ނިޔަތުގައި ނަމަވެސް އެއްބަޔަކު އަނެއްބައެއްގެ އަބުރާއި ޝަރަފު ނަގާލައި ސިއްރުތައް ހާމަކުުރާނަމަ ބިމުގައި ފަސާދަ އާއްމުވާނެ ކަމަށާއި މުޖުތަމައެއް ފަސާދަވެއްޖެނަމަ މާތް ﷲ އެބަޔަކަށް އޭގެ ޢުޤޫބާތް ދެއްވާނެ ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

މުސްލިމުންގެ މެދުގައި ކަންކަން ކުރަންވާނީ ކަންވޮށިގެންވާ މީހުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. އަދިވެސް ޚުތުބާގައި ބުނެފައިވަނީ ރައްޔިތުންނަށް ދިމާވާ މައްސަލަތައް ހައްލުކުރާނީ އެކަންކަމާ ހަވާލުވެގެން ތިބޭ މުއައްސަސާތަކުގެ ވެރިންގެ މެދުގައި މަޝްވަރާ ކޮށްގެން ކަމަށެވެ. ހައްލެއްގެ ގޮތުގައި އެއްބަޔަކު އަނެއް ބަޔަކަށް އަނިޔާކޮށް، ހުތުރު ބަހުން މުޚާތަބުކޮށް މީސް މީޑިއާގައި ހަގީގަތާ ޚިލާފު ވާހަކަތައް ދައްކާނަމަ ހެދިބޮޑުވަމުން އަންނަ ޒުވާން ޖީލުތަކަށް އެ ދެއްކެވެނީ ހުތުރު ނަމުނާއެއްކަމަށް ވެސް ޚުތުބާގައި ވަނީ ފާހަގަކޮށްފައެވެ.

އިސްލާމީ މުޖުތަމައެއްގައި އޮންނަން ވާނީ ސުލްޙަވެރިކަން ކަމަށާއި ފަސާދަ އާއި ފިތުނައަށް އެއްވެސް އިސްލާމީ މުޖުތަމައުކުން ޖާގަދެވިގެން ނުވާނޭ ކަމަށްވެސް ޚުތުބާގައި ވަނީ ފާހަގަ ކޮށްފައެވެ.