އިސްލާމީ މުޖުތަމައުތަކުގައި އެހެން ދީންތަކުގެ ޝިއާރުތައް މަތިވެރިވެގެން ދިއުމަކީ އެ މުޖުތަމައެއްގައި އޮންނަ އިސްލާމީ ނޫރު ފަނޑުވެދާނޭ ކަމެކެވެ. ހާއްސަކޮށް ދިވެހި ރާއްޖެފަދަ ސައްތައިން ސައްތަ އިސްލާމީ ގައުމުތަކުގައެވެ. މިފަދަ ސައްތައިންސައްތަ އިސްލާމީ ގައުމުތަކުގައި އެ ގައުމުގެ ފަސްގަނޑުގައި އެ ގައުމެއްގެ ލޭ ހިނގާނޭ ގޮތުން އުފަންވާ ކޮންމެ ދަރިއެއްމެ އުފަންވާނީ އިސްލާމީ އާއިލާއަކަށެވެ. ވީ އިރު އެ ގައުމުތަކުގައި އެހެން ދީނެއްގެ ދީނީ ޝުއޫރެއް ފާޅުކުރުމަށް އެ ގައުމެއްގެ ލޭ ހިނގާ އެއްވެސް ދަރިއަކު ނޫޅޭނެއެވެ. އެފަދަ ކަމެއް ހިނގާނަމަ ހިނގާނީ އެގައުމަކަށް ބޭރުން އައިސް ތިބި ބައެއްގެ ފަރާތުންނެވެ.

އިސްލާމްދީނަކީ އޯގާތެރިކަމުގެ ދީނެކެވެ. ރިވެތި އަޚުލާގުގެ ދީނެކެވެ. މި ދީނަކީ ހަރުކަށިމެއް އަދި މާބޮޑަށް ދޫދިނުމެއް ނުވާ މެދުމިނުގެ ދީނެކެވެ. ކަންކަމުގެ މެދުމިން އިހްތިޔާރު ކުރުމަކީ މި ދީނުގެ އަސާސެކެވެ. އެއްވެސް ކަމެއްގައި ހައްދުފަހަނަ އަޅާ ދިއުމެއް މި ދީނަކު ނުވެއެވެ. ދޫދިނުމުގެ ގޮތުން ފަރުވާކުޑަ ކުރުމާ އަޅާނުލުމަކީވެސް މި ދީނުގައި ވާ ގޮތެއް ނޫނެވެ.

އިސްލާމީ މުޖުތަމައުތަކުގައި އެހެން ޣައިރު ދީންތަކުގެ ޝުއޫރުތައް ފާޅުކަންބޮޑުގޮތުގައި މިއަދު އަންނަނީ ފާޅު ކުރަމުންނެވެ. ދީނީ ޝިއާރުތަކުގެ ނަންނަމުގައެއް ނޫނެވެ. އެހެންނަމަވެސް ބައިނަލްއަގުވާނީ ހައްގުތަކާއި އެފަދަ ކޮންމެވެސް "މޮޅު" ނަމެއްގެ ތެރެއިންނެވެ. ބަވަނަވެފައިވާ ދުނިޔޭގައި އެފަދަ ކަންކަމަށް "އިހްތިރާމް" ކުރުން ވަނީ ސަރުކާރު ތަކަށާއި ބައިނަލްއަގުވާމީ ޖަމުއިއްޔާތަކަށް މަޖުބޫރުވެފައެވެ. ދީނީ މިނިވަންކަން އޮތުމަކީ ހަމަ ކޮންމެ ދީނެއްގެ ބަޔަކަށްވެސް އޮންނަން ޖެހޭ ހައްގެއް ކަމަށް ބުނާ އުސޫލުތަކާއި ގަވާއިދުތައް އެހާމެ ގިނައެވެ. 

އާދޭހެވެ! ދީނީގޮތުން އަދި ސަގާފީ ގޮތުންވެސް އެބަޔަކު ގަބޫލުކުރާ ގޮތްތަކަކަށް އަހަރެމް ހުރަހެއް ނާޅަމުއެވެ. ނަމަވެސް އެ މީހުންގެ ދީނީ ޝިއާރުތައް އިސްލާމީ މުޖުތަމައެއްގައި އާންމުވެގެން ދިއުމަކީ އަހަރެމެން މުސްލިމުން އެދޭނޭ ކަމެއް ނޫނެވެ. އިސްވެ ދެންނެވި ފަދައިން ރާއްޖެފަދަ ސައްތައިންސައްތަ އިސްލާމީ ގައުމެއްގައި އެހެން ދީނެއްގެ ޝިއާރެއް ފާޅުކޮށް އާންމުކުރާނީ އެ ގައުމެއްގައި އުޅޭ އެހެން ދީން ތަކުގެ މީހުންނެވެ. މާނަ އަކީ އެހެން ގައުމަކުން އެ ގައުމަކަަށް އައިސްއުޅޭ އެހެން ގައުމެއްގެ ބައެކެވެ. މިފަދައިން އެހެން ގައުމެއްގެ ބަޔަކަށް އެހެން ގައުމަކަށް އެތެރެވެވޭނީ އެ ގައުމެއްގެ ކޮންމެވެސް ބަޔަކާއި ގުޅިގެންނެވެ. މަސައްކަތެއް ކުރަން ކަމުގައި ވީނަމަވެސް ނުވަތަ ފަތުރުވެރިކަމުގެ ގޮތުންވިޔަސް އެހެން ގައުމުތަކުގެ އެހެން ދީންތަކުގެ މީހުން އިސްލާމީ މުޖުތަމައުތަކުގައި އުޅެއެވެ. މިފަދަ ކޮންމެ މީހެއްގެ ބެލެނިވެރި ފަރާތެއް، އެ ގައުމެއްގައި ހުންނާނެއެވެ. އިސްލާމީ މުޖުތަމައެއް ނަމަ އެމީހަކީ ހަމަ ގައިމުވެސް މުސްލިމަކަށް ވާނެއެވެ. އެހެން ކަމުގައި ވަނީނަމަ، އެހެން ގައުމަކުން އައި އެމީހާއަށް ދޭން ޖެހޭނޭ އިރުޝާދު ތަކަކާއި ނަސޭހަތްތަކެއް ވާނެއެވެ. އިސްލާމީ މުޖުތަމައެއްގައި އުޅޭ އިރު، އިސްލާމްދީނަށް އިހްތިރާމް ކުރަންޖެހޭނޭކަން ބުނެދޭން ވާނެއެވެ. އެމީހެއްގެ ޣައިރު ދީނުގެ ޝުއޫރުތައް އާންމުކޮށް ފާޅުކޮށްގެން ނުވާނޭކަން ބުނެދޭން ވާނެއެވެ. އާންމުންގެ ތެރޭގައި އުޅޭއިރު، ނިވާކަން ކުޑަ ހެދުންހެދުމުގައި އުޅިގެން ނުވާނޭ ކަމަށް ނަސޭހަތްތެރިވާން ވާނެއެވެ. މިއީ އެބަޔަކު އިސްލާމީ މުޖުތަމައަކަށް ގެންނަ ބައެއްގެ ޒިންމާއެކެވެ.

އެހެން ދީންތަކުގެ ދީނީ ޝުއޫރުތައް އިސްލާމީ ނުޖުތަމައުތަކުގައި އާންމުކޮށް ފަތުރާނަމަ އިސްލާމީ މުޖުތަމައު ހަލާކުވެގެން ހިނގައިދާނެއެވެ. ނަމަވެސް މިކަމުގައި ހަރުކަށިކަން އިސްކުރުމެއް ނެތެވެ. މަޑުމައިތިރި ކަމާއި އެކު އޯގާތެރިކަމާއެކު މެދުމިނުން މަސައްކަތްކޮށް ހައްލު ހޯދުން ބުއްދިވެރިއެވެ.