މަސްތުވާ ތަކެތީގެ އަސަރު، އިންސާނާގެ ހަށިގަނޑުގެ އެއްމެ ކުދި ނާރުތަކަށްވެސް ކުރާނޭ ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވަނީ ބުނެފައެވެ.

މަސްތުވާތަކެތީގެ ނުރައްކަލާ ގުޅޭގޮތުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ޚުތުބާގައި ބުނީ މަސްތުވާތަކެއްޗަކީ މީހާ ހަމަބުއްދިއާއި ހެޔޮ ވިސްނުމުން އެއްކިބާކޮށްލާ އެެއްޗެއްކަން މިޒަމާނުގެ ދިރާސާތަކުން ވެސް ދައްކާއިރު އެފަދަ ތަކެތި ބޭނުންކޮށްގެން ލިބޭ ގެއްލުންތަކަކީ އަލުން ފޫބެއްދޭ ވަރުގެ ގެއްލުންތަކެއް ނޫން ކަމަށެވެ. އަދި އެފަދަ ތަކެއްޗަކީ އެއަށް އިންސާނާ އަޅުވެތިވެ، ދެވިހިފާ އެއްޗެއް ކަމަށާއި ސިކުނޑީގެ އެންމެ ކުދި ނާރުތަކަށް އަސަރު ކުރުމުގެ ސަބަބުން އެއިން ދުރަށްދާން ބޭނުން ނަމަވެސް އެތައް އަހަރެއް ފަހުން ވެސް އެނބުރި ބޭނުން ކުރުމުގެ ފުރުސަތު އޮތް އެއްޗެއް ކަމަށް ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ރަލަކީ ވެސް ނުރައްކާތެރި އެއްޗަކަށްވާއިރު މަސްތުވާ ހިކިތަކެއްޗާއި އޮލަ ތަކެއްޗަކީ އެއަށްވުރެ ނުރައްކާތެރިކަން ބޮޑު ތަކެތިކަން ޚުތުބާގައި ފާހަގަކުރިއެވެ. ރާއްޖޭގައި ވެސް މަސްތުވާތަކެތީގެ ވަބާގައި ގިނަ ޒުވާނުން ޖެހެމުން އަންކަން ފާހަގަކޮށް ޚުތުބާގައި ބުނީ އެފަދަތަކެތި ބޭނުން ކުރާ މީހުން ގެންދަނީ އަމިއްލައަތުން އަމިއްލަ ހަޑިގަނޑު ހަލާކު ކުރަމުން ކަމަށެވެ. އަދި އެއީ އިސްލާމް ދީނުގައި ވެސް ހަރާމް ކުރައްވާފައިވާ ކަމެއް ކަން ވެސް ޚުތުބާގައި ވަނީ ބުނެފައެވެ.

ދުނިޔޭގެ މުސްލިމް އަދި ޣައިރު މުސްލިމް ޤައުމުތަކުން މިއަދު މަސްތުވާތަކެއްޗާ ދެކޮޅަށް މަރުގެ އަދަބުވެސް ދެމުން އަންނަކަން ފާހަގަކޮށް ޚުތުބާގައި ބުނެފައިވަނީ ރާއްޖޭގައި ވެސް މަސްތުވާތަކެތި އެތެރެކުރާ މީހުންނާއި އޭގެ ވިޔަފާރި ކުރާ މީހުންނަށް މިހާރު އޮތް އަދަބަށްވުރެ ހަރުކަށި އަދަބެއް ދޭން ޖެހޭ ކަމަށެވެ. އަދި މި ވަބާއިން ސަލާމަތްވުމަށް އެންމެން އެކުވެގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވެސް ވަނީ ބުނެފައެވެ.

ޚުތުބާގައި ފާހަގަކޮށްފައިވާ ގޮތުގައި މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ މީހަކު އަމިއްލައަށް އެއާ ދުރަށްދާން އުޅޭކަން އޭގެ ވިޔަފާރި ކުރާ މީހަކަށް އެނގުމުން އެކަން ވިޔަ ނުދިނުމަށް ކޮންމެ ކަމެއް ވެސް ކުރާނެ ކަމަށެވެ. މަސްތުވާ ތަކެތީގެ ތެރެއަށް މީހާ ދިއުމާއި އެއިން ސަލާމަތް ވުމުގައި އެކުވެރި ރަހުމަތްތެރިންގެ ދައުރު ބޮޑުކަންވެސް ޚުތުބާގައި ވަނީ ބުނެފައެވެ. އަދި ކޮންމެ ކޮންމެ މީހަކު ތިމާގެ ރަހުމަތްތެތިއެއް ކަމަށް ނުހެދުމަށްވެސް ޚުތުބާގައި ވަނީ ނަސޭހަތްތެރި ވެފައެވެ.