އިންސާނާ ދުނިޔެއަށް އައީ ހުސް އަތާއެވެ! އެނބުރި ދާނީވެސް ހުސް އަތާއެވެ! މިއީ އަހަރެމެން ގަބޫލުކުރާ ކަމެކެވެ. އާދޭހެވެ! ވަރަށްވެސް ބޮޑު ހަގީގަތެކެވެ. އިންސާނާ ދުނިޔެއަށް އަންނަނީ އެ އިންސާނާގެ މާލާ ނަފްސުވެސް ހުސްކޮށް އޮވެމެއެވެ. އޭނާގެ ސިކުނޑީގައި އިލްމެއް ނެތިވާ ހާލުގައެވެ. އޭނާގެ މާލުގައި އެއްޗެއް ނެތް ހާލުގައެވެ. 

ދެން ދެކިބަލާށެވެ. އޭނާ އެނބުރި ދިއުންވަނީވެސް ހަމަ އެފަދަ ހާލެއްގައެވެ. ނަމަވެސް އޭނާގެ ނަފުސުގައްޔާއި މާލުގައި މުއްސަނދިކަމެއް ވެތެވެ. އެއަކުން ފައިދާ ކުރާނީ ދުނިޔެމަތީގައި އެމީހަކު އެއިން ހޭދަ ކުރި ގޮތެއްގެ މަތިންނެވެ. ނޫންނަމަ އެއީވެސް ހުސް އަތާ ދާން ޖެހިއްޖެ މީހެކެވެ. ދަންނާށެވެ. މިއީ އަހަރެމެން މުސްލިމުންގެ ހައިސިއްޔަތުން ވިސްނާ ފިކުރު ކުރުން މުހިއްމު ކަމެކެވެ.

އާދޭހެވެ! އިންސާނަށް މި ދުނިޔެމަތީގައި ދެއްވާ ތަނަވަސް ކަމަކީ މާތް ﷲ އެ މީހަކަށް ދެއްވާ ތަނަވަސް ކަމެކެވެ. އެހެން ކަމުން އެ ތަނަވަސް ކަމަކީ މާތް ﷲ ރުއްސުން ލެއްވިގޮތުގައު މެނުވީ ހަރަދު ކުރުން ހުއްދަވާނޭ ނިޢުމަތެއް ނޫނެވެ. ދަންނާށެވެ! އަހަރެމެން އާދަވެ ކުރަން ޖެހޭ ހަރަދުތަކަކީ އެ މާލުން ފަހަރުގައި އާޚިރުގައި އެއިން ފައިދާއެއް ކޮށްފާނޭ ހަރަދުތަކެއް ނޫނެވެ. ނަމަވެސް އެ މާލުން ކުރެވޭ ދެމެހެއްޓެނިވި ޞަދަގާތަކީ އެއިން އާޙިރުގައި ފައިދާ ކުރާނޭ މާލެކެވެ. އެހެން ކަމުން ހުސްއަތާ އައިސް، ހުސްއަތާ ދާން ޖެހޭ މި ދުނިޔޭގައި، މި ދުނިޔެ ދޫކުރި ނަމަވެސް ފައިދާކުރާނޭފަދަ ގޮތެއްގައި އެ މުދަލުން ހޭދަކުރާށެވެ. ދެމެހެއްޓެނިވި ޞަދަގާތަކަށެވެ. 

ބައެއް އިންސާނުންނަށް މާތް ﷲ ދަރިން ނުދެއްވާ އިމްތިޙާނު ކުރެތެވެ. އަނެއްބަޔަކަށް މަދުން ނުވަތަ އަނެއްބަޔަކަށް ގިނަ ދަރިން ދެއްވަތެވެ. ދަރިންނަކީ އަމާނާތެކެވެ. އަދި ހެޔޮގޮތުގައި ތަރުބިއްޔަތުކޮށްފި ދަރިޔަކީވެސް މި ދުނިޔެ ދޫކުރުމަށްފަހު އެމީހަކަށް ފައިދާކުރާނޭ ކަމެކެވެ. އެހެނީ ތިމާއަށް ހެޔޮ ދުޢާކޮށްދޭނޭ ޞާލިޙް ދަރިއަކު ދުނިޔެއަށް ދޫކޮށްފާ ދިޔުމަކީވެސް، ހުސްއަތާ ދާން ޖެހޭ މި ދުނިޔޭގައި، ދެމެހެއްޓެނިވި ގޮތެއްގައި ކުރެވިދާ "އިންވެސްޓްމެންޓެކެވެ"!

ދެން އޮތީ އިންސާނާގެ ސިކުނޑިއަށް އަޅަމުން ފައްކާ ކުރަމުންދާ މައުލޫމާތުތަކާއި ޢިލްމުތަކެވެ. ފައިދާ ކުރާ ޢިލްމެވެ. ދުނިޔޭގައި އެމީހަކު ހޯދި ފައިދާ ކުރަނިވި ޢިލްމެއް އެމީހަކު މި ދުނިޔޭގައި ހޭދަކުރި ގޮތަކީ އާޚިރުގައި އެމީހަކަށް އޭގެ ޝަޒާ ލިބޭނެ ދެމިގެންދާނޭ ގޮތެއްގައި އެއްޗެކެވެ. އެހެނީ ދޫކޮށްފައިދާ ފައިދާކުރަނިވި ޢިލްމަކީ އެމީހަކު މަރުވުމަށްފަހުގައިވެސް އެމީހަކަށް އެއިން ފައިދާ ކުރާނޭ އެއްޗެކެވެ.

އާދޭހެވެ! މާލުން ކުރާ ދެމެހެއްޓެނިވި ޞަދަގާތަކާއި ހެޔޮ ދުޢާ ކޮށްދޭނޭ ޞާހިޙް ދަރިއަކާއި އަދި ދޫކޮށްފައިދާ ފައިދާކުރަނިވި ޢިލްމަކުން ނޫނީ މަރުވުމަށްފަހުގައިވެސް އެއިން ފައިދާއެއް ކުރާނޭ އެއްޗެއް ނުވަތަ ކަމެއް ނެތެވެ. އެހެން ކަމުން ހުސްއަތާ އައި މި ދުނިޔޭގައި އެއްކޮށް ޖަމާކުރި މުދަލާއި ޢިލްމު، ﷲ ގެ މަގުގާ ހޭދަކުރަން ފަސް ނުޖެހޭށެވެ. އޭރުން ހުސްއަތާ ދާކަށް ނުޖެހޭނެއެވެ. މިއީ އީމާންތެރިކަމުގެ އަހުލުވެރިންގެ ވިސްނުމެވެ.