މަސްޖިދުލް އަޤްސާ އަށްޓަކައި އިސްލާމީ އުންމަތުގެ އަމަލުތަކަކީ މުސްލިމުންގެ އީމާންކަމާއި އިސްލާމީ އުއްމަތުގެ އެއްބައިވަންތަކަމާއި ހޭލުންތެރިކަން މިނެދޭ ތަރާދެއް ކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ފަލަސްޠީނާއި އަޤްސާ މިސްކިތް" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިއްވި ހުކުރު ޚުތުބާގައި ބުނީ ފަލަސްޠީނަކީ އިސްލާމީ އެތައް ޒަޢީމުންނެއް އެ ބިމަށްޓަކައި ޤުރުބާނީތަކެއް ވެވަޑައިގެންފައިވާ ބިމެއް ކަމަށެވެ. އަދި އެ ބިމުގެ މިނިވަންކަމަށްޓަކައި އިސްލާމީ އެތައް ބަޠަލުންނެއް ޝަހީދު ވެވަޑައިގެންފައިވާ ބިމެއް ކަމަށެވެ.

އައްސުލްޠާނުލް ޢާދިލް މަހްމޫދު ނޫރައްދީން ޒިންކީ ވިދާޅުވި ކަމަށް ޚުތުބާގައި ބުނެފައި ވަނީ ބައިތުލް މަޤްދިސް އަޅުވެތިކަމުގައި އޮއްވާ ހިނިތުންވުމަށް އަހުރެން ލަދުވަތިވާކަމަށެވެ.

ޚުތުބާގައި ބުނީ ސަލާހުއްދީނުލް އައްޔޫބީ ސަލީބީންގެ ވަކިތަކުން މުސްލިމުންގެ ބިންތައް މިނިވަން ކުރެއްވުމަށްޓަކައި ޖިހާދު ކުރެއްވި މައިގަނޑު ސަބަބަކީ މަސްޖިދުލް އަޤްސާ އާއި ފަލަސްތީން މިނިވަން ކުރެއްވުމަށް ކަމަށެވެ. އެގޮތުން ސަލީބީން ބަލިކުރައްވާ މާތް ﷲ އެކަލޭގެފާނަށް ނަސްރު ދެއްވި ކަމަށެވެ. އެހެނަސް އެކަލޭގެފާނު އެއްވެސް އަންހެނަކު އެއްވެސް ކުޑަ ކުއްޖަކު އެއްވެސް މުސްކުޅިއަކު ޤަތުލެއް ނުކުރައްވާ ކަމަށާއި އެއްވެސް ގެއެއް، ފައްޅިއެއް ފުނޑުފުނޑެއް ނުކުރައްވާ ކަމަށެވެ.

ފަލަސްޠީނުގައިވާ އަލްމަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ އަޤީދާ އާއި ދީނާ ގުޅިފައިވާ މާތް ﷲ ގެ ގެކޮޅެއް ކަމަށާއި ޣައްޒާ އަކީ މާތް ރަސޫލާ އިސްރާ ކުރެއްވި މަސްޖިދުލް އަލްއަޤްސާ ހުންނަ ފަލަސްޠީނުގެ ބައެއް ކަމަށް ޚުތުބާގައި ބުންޏެވެ. އަދި މަސްޖިދުލް އަޤްސާ އަކީ މުސްލިމުންގެ ފުރަތަމަ ޤިބްލައެވެ.

ފަލަސްޠީނުގެ މުޤައްދަސް މިސްކިތާ ކުޅޭ މީހުންނާއި މި މިސްކިތްތަކުގެ ހުރުމަތްކަނޑާ މީހުންގެ ކިބައިން މިސްކިތް ރައްކާތެރިކުރުމުގެ ބުރަ މަސްއޫލިއްޔަތު މި އުންމަތުގެ ކިބައިގައި އެޅިފައިވާކަމަށް ވެސް ޚުތުބާގައި ބުންޏެވެ.