އޭ މިހިރަ ގަބު އިންސާނާ އެވެ. ތިބާއީ ތިބާގެ ވެރިރަސްކަލާންގެއަށް ހަރާންކޯރުވުން ބޮޑު އިންސާނެއް ކަމަށް ޤުރުއާނުގައިވެސް ﷲ ބަޔާންކުރައްވާފައިވެއެވެ. ގަބު ކަމުގައި އިންސާނާ ދިރިއުޅެމުން ދަނީ ނިޢުމަތްތަކަށް ޝުކުރުވެރިވުމެއް ނެތިއެވެ. އޭ މިހިރަ ގަބު އިންސާނާއެވެ. ނިކަން ދެކެބަލާށެވެ. ތިބާގެ އަމިއްލަ ނަފުސާއި މެދު ވިސްނާލަބަލާށެވެ. ތިބާގެ ހަށިގަނޑާއި މެދު ވިސްނާލަބަލާށެވެ.

ނެތުމުގެ ތެރެއިން މި ޢާލަމަށް އިންސާނާ އުފަންވި ގޮތާމެދު ވިސްނާލާށެވެ. އޮހޮރިގެންދާ މަނި ފޮދަކުން އިންސާނާ އޭނާގެ މައިމީހާގެ ރަހިމުގައި ގަރުބަގަނެ، ހެދިބޮޑުވަމުންދާ ގޮތާމެދު ވިސްނާލަބަލާށެވެ. އެ މައިމީހާގެ ހަރިމުގެ ތެރޭގައި އޮއެމެ، އިންސާނާގެ ގުނަންތައް ފުރިހަމަވެ، ފުރާނަ އެޅިގެންދާ ގޮތާމެދު ވިސްނާލަބަލާށެވެ. އެ ރަހިމުގެ ތެރެއިން އިންސާނާ މި ދުނިޔެއަށް ނޭވާލާ ގޮތާމެދު ވިސްނާލަބަލާށެވެ. ކޮންފަދަ ބޮޑު ނިޢުމަތެއްތޯއެވެ.

ފެނުމުގެ ނިޢުމަތަކީ ކޮންފަދަ ބޮޑު ނިޢުމަތެއް ތޯއެވެ. ތިބާ ލޮލުން ތިބާ ބޭނުން ތަނެއް އެބަ ބަލަމުއެވެ. އެ ލޯ ތިބާގެ ކިޔަމަނުގައި އެބަ ހުރެއެވެ. ހަރަކާތް ކުރެއެވެ. އޭގެ މަގާމުން ޒައްރެއްވެސް ކަސިޔާރު ނުވެއެވެ. އެ ލޮލުން ފެންނަ ތަކެތި ތިބާގެ ސިކުނޑިން މަންޒަރުކޮށް އެ ތަކެތީގެ މަފްހޫމެއް ތިބާއަށް ފަހުމުކޮށްދެއެވެ. އެހާރުން ތިބާއަށް އެ ފެންނަ އެއްޗަކާ ފެންނަ މަންޒަރެއްގައި ވާނުވާ އެނގެން ފަށައެވެ. މިއީ ކޮންފަދަ މަތިވެރި ނިޢުމަތެއް ތޯއެވެ.

އޭ މިހިރަ ގަބު އިންސާނާއެވެ. ތިބާގެ ކަންފަތަށް އިވޭ އަޑުތަކާއި ނޭފަތުގައި ޖެހޭ ވަސްތައް ތިބާގެ ސިކުނޑިން ދިރާސާކޮށް އެ އަޑުތަކާ ވަސްތައް ވަކިކޮށްދީ ފަހުމުކޮށްދެނީ ކޮންފަދަ އަކުން ހެއްޔެވެ؟ ތިބާގެ ދޫ ތިބާ ކިޔަމަންކުރި ގޮތަކަށް ތެޅި ފޮޅެއެވެ. ހަރަކާތް ކުރެވޭ ދުލާއި އެކު، އަޑު ފޮށިން ނުކުންނަ ވަޔާއި އެކު އުފެދޭ އަޑާއި އެކު އިންސާނާ އަށް ވާހަކަ ދެއްކޭ ގޮތާއިމެދު ވިސްނާލަބަލާށެވެ. އެ އަނގައާއި ނޭފަތުން ތިޔަ ނޭވާލާ ގޮތާއި މެދު ވިސްނާލަ ބަލާށެވެ. އެ އަނގައިން ކައި އުޅޭ ގޮތާއި، އެ އަނގައިން ހޮޑުލެވޭ ގޮތް ނިކަން ދެކެބަލާށެވެ. 

އޭ މިހިރަ ގަބު އިންސާނާއެވެ! ނުހުއްޓި ތެޅޭ ތިބާގެ ހިތާމެދު ވިސްނާލަބަލާށެވެ. އެ ހިތަށް އޮތީ ތިބާގެ ކޮން އިހްތިޔާރެއް ހެއްޔެވެ. އެ ހިތުގެ ފުރިހަމަ އިހްތިޔާރު ވަނީ ތިބާގެ ވެރި ރައްބުގެ ހަޟްރަތުގައެވެ. އެ ހިތުގެ ހިނގުން ހުއްޓިއްޖެނަމަ، ތިބާގެ ފުރާނަ، ތިބާގެ ހަށިގަނޑާ ވަކިވެދާގޮތް ނިކަން ދެކެބަލާށެވެ. އިހްތިޔާރެއް ނެތެއްކަމަކު، ނުހުއްޓި އެ ހިތް ތެޅޭ ތެޅުމަކީ ކޮންފަދަ މަތިވެރި ނިޢުމަތެއްތޯއެވެ. ސިކުނޑިން ވިސްނާ ބުއްދީގެ ބޭނުން ކުރުމުގެ އިހްތިޔާރާ ފުރިހަމަ ބާރުވެރިކަމަކީވެސް ކޮންފަދަ ބޮޑު ނިޢުމަތެއް ތޯއެވެ. އިންސާނާ ކާ ކާނާތަކާއި ބޯތަކެކި، މައިދާއަށް ގޮސް ގޮހޮރުގެ ތެރެއިން ދައުރުވެ، އެއިން ފައިދާ ނަގާ، ނަޖިހުގެ ގޮތުގައި ބޭރުވާ ގޮތަކީ ކޮންފަދަ އަޖައިބެއް ހެއްޔެވެ؟ 

އިންސާނާ ހެލިފެލިވެ އުޅުމާ، ހަރަކާތްތެރި ވުމާ މިއީ ކޮންފަދައަކުން އިންސާނާގެ ހަށިގަނޑުގައި ލައްވާފައިވާ ނިޢުމަތްތަކެއް ހެއްޔެވެ؟ އެކި ހުޅު ތަކުގައި ވަނީ އެކި ހަރަކާތްތަކެވެ. ހަރަކާތް ކުރާ ގޮތާއި މިންވަރު ތަފާތެވެ. އޭ މިހިރަ ގަބު އިންސާނާއެވެ. ނިކަން ވިސްނާލަ ބަލާށެވެ.

އިންސާނާގެ ގައިގާ ފަޅާ އިސްތައްޓާއި، ހެދޭ ނިޔަފައްޗަކީވެސް ކޮންފަދަ ނިޢުމަތެއް ހެއްޔެވެ؟ ތިބާގެ ހަޔާތުގައި ކިހާ އިސްތައްޓެއް ކޮށައިފިން ހެއްޔެވެ؟ ކިހާ ނިޔަފައްޗެއް ކަނޑައިފިން ހެއްޔެވެ؟ އަދިވެސް ފަޅަނީއެވެ. ދިގުވަނީއެވެ. ކޮންފަދަ ނިޢުމަތެއް ހެއްޔެވެ؟ ހޭލުމާ ނިދުމުގައި އިހްތިޔާރެއް އޮތެއްކަމަކު މިއީ އިހްތިޔާރު ގެއްލިވެސްދާ ކަންކަމެވެ. ރޭވެ އަނދިރިވުމުން ނިދީގެ އިހުސާސް ކުރެވޭ ގޮތާއި، އަރާމު ކުރުމުން ހަށިގަނޑަށް ބާރުޖެހޭ ގޮތާ މެދު ވިސްނާލަބަލާށެވެ. 

އޭ މިހިރަ ގަބު އިންސާނާއެވެ! މި ނިޢުމަތްތަކަށް ޝުކުރުވެރި ނުވަނީ ކީއްވެ ހެއްޔެވެ؟ މިއިން އެއްމެ ނިޢުމަތެއްވެސް ތިބާގެ ހަޔާތުން އުނިވެއްޖެނަމަ، ތާ އުމުރު އެ ޝަކުވާ ކުރުމުގައި ތިބާ ހުންނާނެއެވެ. އެހެނަސް ޝުކުރުވެރިވުން އެއީ ތިބާ ނުދަންނަ ބީރައްޓެހި ކަމަކީ ހެއްޔެވެ؟ އޭ މިހިރަ ގަބު އިންސާނާއެވެ. މިފަދަ ނިޢުމަތްތަކަށް ޝުކުރުވެރި ވެވޭނީ ނިޢުމަތްތަކުގެ ބޭނުން ހެޔޮ ގޮތުގައި ހިފައިގެންނެވެ. ﷲ ހަރާމް ކުރެއްވި ކަންކަން ނުކޮށް، އެކަންކަމުން ދުރުހެލިވެގެންނެވެ. ގަބު ކަންމަތީ ޣާފިލްކަންމަތީ ނިޢުމަތްތަކަށް ފުރަގަސް ދޭ ބަޔަކު ކަމުގައި އަޅަމެން ނުލައްވާށިއެވެ!