ދިވެހިންނަކީ ޒަމާނުއްސުރެއް ޒީނަތްތެރި ވުމަށް ލޯބި ކުރާ ބަޔެކެވެ. އެ އިރެއްގައި ދުނީޔެގައި އެންމެ ވިދާލާ “ޓްރެންޑް” އަކަށް ހެދުން އަޅަމުން އަންނަ ބައެކެވެ. ޒީނަތްތެރި ވުމަށްދިވެހިން ދޭ މުހިންމުކަމަށް ހަމަ ޔަގީނުންވެސް ތައުރީފު ހައްގެވެ. ޒީނަތްތެރި ވުމާއި ސާފު ތާހިރު ވުމަކީ އަޅުގަންޑު މެންގެ ލޮބުވެތި އިސްލާމް ދީނުގައި ވެސް ލޯބި ކުރާ ކަމެކެވެ. ނަމަވެސްޒީނަތްތެރި ވުމަށް އަންގާފައިވާ ވަކި ގޮތްތަކެއް އޮވެއެވެ. އައުރަ ކަޝްފުވާ އެއްވެސް ގޮތަކަށް ޒީނަތްތެރި ވުމުގެ ނިޔަތުގައި ހެދުން އެޅޭނީ ހަމަ އެކައި ހުއްދަ ކަމަށް އަންގަވައިފައިވާ މީހުންގެކުރިމަތީގައެވެ. ނިވާކަން ކުޑަކޮށް ހެދުން ލައިގެން މީހުންގެ ތެރެއަށް ނުކުމެ އުޅުމަކީ ހުއްދަ ކަމެއް ނޫނެވެ. 

ފަހަކަށް އައިސް ރާއްޖޭގައި ބުރުގާ އަޅައިފައި ހުންނަ އިރު ބޮލުގައި ހުންނަ އިސްތަށިތައް ފެންނަހެން އަޅާފައި ތިބޭ ކަނބަލުން ވަރަށް ގިނައެވެ. އަދި އޭގެ އިތުރުން ބުރުގާ އަޅައިފައި ހުންނައިރު ކަންފަތުގެ ފޫޅު ފެނަނަހެން އެކި ވައްތަރުގެ ކަންފަތުގައިލާ އެއްޗެހި ލައްވައިފައި ހުންނަ ކަނބަލުންވެސް ފެނެއެވެ. އަންހެނުން ހިޖާބް ވެފައި ހުރުމަކީ އިސްލާމް ދީނުގައި ލާޒިމް ކޮއްފައިވާކަމެކެވެ. އަދި މިކަން ކުރަން އޮންނަ ގޮތް އަޅުގަނޑު މެންނަށް ވަރަށް ސާފުކޮށް އަންގަވައިފާ ވެއެވެ. އަންހެނާގެ އައުރަ ނިވާ ނުކޮށް ހަށިގަނޑުގެ ވަނާތްތައް އިނގޭ ފަދައިން ހެދުން އަޅާނަމައެ އަންހެނަކަށް ސުވަރުގޭގެ ވަސް ވެސް ނުލިބޭނެ ކަމަށް ކީރިތި ރަސޫލާ ހަދީޟް ކުރައްވައިފާ ވެއެވެ. މީގެ މާނައަކީ ރަނގަޅު ގޮތަށް ހިޖާބް ނުވާ އަންހެނެއް ސުވަރު ގެޔަށް ނުވަންނާނެކަމަށްވެސް ބެލެވިދާނެއެވެ. 

ހަނދުމަ ކުރަންވީ ކަމަކީ މި ދުނިޔެއަކީ އަޅުގަނޑުމެން އިމްތިހާން ކުރުމަށް ފޮނުއްވަވައިފާވާ ދުނިޔެއެއް ކަމެވެ. މިއީ ވަރަށް ކުޑަ ކުޑަ ވަގުތު ކޮޅެއް ހޭދަ ކުރާ ތަނެކެވެ. މި ދުނިޔޭގައި މި ހޭދަ ކުރާކުޑަ ކުޑަ ވަގުތު ކޮޅުގައި އަޅުގަނޑުމެންވީ މާތް ٱللَّٰه އަންގަވައިފައި އޮތް ގޮތްތަކަށް ވީހާވެސް އުޅެވޭތޯ މަސައްކަތް ކުރަންށެވެ. މި ދުނިޔޭގައި ޒީނަތްތެރި ވުމަށް ކުރެވޭ ކަމަކުން އާހިރަތް ގެއްލިހިނގައި ގޮސްދާނެއެވެ. އަންހެނުން ހެދުން އަޅަން އޮންނަ ގޮތް ނޭނގޭ ނަމަ ތިރީގައި މިވާ އާޔަތްތަކުގެ މާނަތައް ކިޔާލާށެވެ. އަދި މި އާޔަތް ތަކުގެ މާނައާއި ދޭތެރޭގައި ވިސްނުމަށް ފަހުހެދުން އެޅުން އިސްލާހު ކުރަން މަސައްކަތް ކުރާށެވެ.

 

އައްނޫރު ސޫރަތުގެ 31 ވަނަ އާޔަތުގެ މާނައިގައި ވެއެވެ:

“އަދި مؤمن އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ فرج ތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ! އަދި އެކަނބަލުންގެ ޒީނަތުގެ ތެރެއިންފާޅުވެގެންވާތަން ފިޔަވައި (އެބަހީ: މޫނާއި ދެއަތްތިލަ ފިޔަވައި) އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ބުރުގާތައް، އެކަނބަލުންގެ ކަރުވަޅުތަކުގައިއަޅައިނިވައިކުރާހުށިކަމެވެ! އަދި އެކަނބަލުންގެ ފިރިންނަށް، ނުވަތަ އެކަނބަލުންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ބަފައިންނަށް، ނުވަތަ އެކަނބަލުންގެ ފިރިހެންދަރިންނަށް، ނުވަތަ އެކަނބަލުންގެ ފިރިންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ أخ ންނަށް، ނުވަތަ އެކަނބަލުންގެ أخ ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެأخت ންގެ ފިރިހެން ދަރިންނަށް، ނުވަތަ އެކަނބަލުންގެ ތެރެއިންވާ އަންހެނުންނަށް، ނުވަތަ އެކަނބަލުންނަށް މިލްކުވެގެންވާ އަޅުންނަށް، ނުވަތަ ފިރިހެނުންގެ ތެރެއިން އެދުންވެރިކަމެއް ނުހިނގާވަރުގެ ގެންގުޅޭ މީހުންނަށް، ނުވަތަ އަންހެނުންގެ عورة ތައް ނޭނގޭވަރުގެ ކުޑަކުއްޖާއަށް މެނުވީ، އެކަނބަލުންގެ ޒީނަތް ފާޅުނުކުރާހުށިކަމެވެ! އަދި އެކަނބަލުންގެ(ގަހަނާއާއި) ޒީނަތުގެ ތެރެއިން، ވަންހަނާވެފައިވާ ތަކެތި އެންގުމަށްޓަކައި، ފައިތިލަތަކުން (ބިމުގައި) އެކަނބަލުން ނުތަޅާހުށިކަމެވެ! އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށްتوبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ.” 

 

އަލް އަޙްޒާބް ސޫރަތުގެ 59 ވަނަ އާޔަތުގެ މާނައިގައި ވެއެވެ: 

އޭ ނަބިއްޔާއެވެ! ކަލޭގެފާނުގެ އަނބިއަނބިކަނބަލުންނާއި، ކަލޭގެފާނުގެ ދަރިދަރިކަނބަލުންނާއި، مؤمن ންގެ އަންހެނުން، އެކަނބަލުންގެ ފޭރާންތަކުން ނިވައިވެތިބުމަށް ކަލޭގެފާނުއެކަނބަލުންނަށް ވިދާޅުވާށެވެ! އެކަނބަލުން އެނގިގެން ވުމަށާއި، އެކަނބަލުންނަށް އުނދަގޫ ނުލިބުމަށް އެގޮތް މާގާތްކަން ބޮޑެވެ. اللَّه އީ، ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަރަސްކަލާނގެ ކަމުގައި ވޮޑިގެންވެއެވެ.

 

އަލް ޢަޢްރާފް ސޫރަތުގެ 26 ވަނަ އާޔަތުގެ މާނައިގައި ވެއެވެ:

އޭ آدم ގެދަރިންނޭވެ! ތިޔަބައިމީހުންގެ عورة ތައް ނިވައިކުރަނިވި ހެދުމާއި، ޒީނަތްތެރި ފޭރާން، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވީމެވެ. އަދި تقوى ގެ ފޭރާން މާހެޔޮކަންބޮޑެވެ. އެކަންތައްތައްވަނީ، اللَّه ގެ آية ތަކުގެ ތެރެއިންނެވެ. (އެއީ) އެއުރެން ހަނދުމަ ކުރުމަށްޓަކައެވެ.