ބަޔަކަށް މާތްﷲ ލައްވާނެ އެންމެ މަތިވެރި ނިޢުމަތަކީ، އެކަލާނގެ ހައްޤު ތެދުމަގަށް އެބައިމީހުންނަށް ހިދާޔަތު ދެއްވައި އެބައިމީހުންނީ، މުސްލިމުން ކަމުގައި ލެއްވުމެވެ. މިގޮތުން ބަލާއިރު، އަޅުގަނޑުމެން ދިވެހިންނަކީ، މި މަތިވެރި ނިޢުމަތުން އެކަލާނގެ ޝަރަފުވެރި ކުރައްވާފައިވާ ވަރަށް ނަސީބުގަދަ ބަޔަކީމުއެވެ. މި ނިޢުމަތު އެކަލާނގެ އަޅުގަނޑުމެންނަށް ނުދެއްވިނަމަ އަޅުގަނޑުމެންވާނީ ގެއްލެނި ކުރައްވާފައިވާ އަބާއްޖަވެރިންގެ ތެރެއިންނެވެ. އެކަލާނގެ ވަހީ ބަސްފުޅުގައިވާ ފަދައިންނެވެ. ( وَمَن يَبْتَغِ غَيْرَ ٱلْإِسْلَـٰمِ دِينًۭا فَلَن يُقْبَلَ مِنْهُ وَهُوَ فِى ٱلْـَٔاخِرَةِ مِنَ ٱلْخَـٰسِرِينَ ) (އާލް އިމްރާން: 85) މާނައީ: "ދީނެއްގެ ގޮތުގައި އިސްލާމްދީން ނޫން ދީނެއް އެދޭމީހާ (ދަންނާށެވެ!) ފަހެ، އެމީހާގެ ކިބައިން (އެކަން) ގަބޫލުނުކުރައްވާ ހުއްޓެވެ. އަދި އާޙިރަތުގައި އޭނާ ވާހުށީ ގެއްލެނިވެގެންވާ މީހުންގެ ތެރެއިންނެވެ." މިފަދަ އަބާއްޖަވެރިންގެ ތެރެއިން އެކަލާނގެ އަޅުގަނޑުމެން ނުލައްވާށިއެވެ!

ދެން ފަހެ، މި ނިޢުމަތަށް ރައްކާތެރިވުމުގެ ގޮތުން މުސްލިމުން ކުރަންޖެހޭކަމަކީ، މި މާތް ދީނުގައި އަންގަވާފައިވާ ހުރިހާ އިރުޝާދުތަކަކަށް ފުރިހަމައަށް އިޖާބަދީ، އެ އެންގެވުންތަކާ އެއްގޮތްވާ ގޮތުގެ މަތިން އެއުރެންގެ ބަހާއި އަމަލާއި ތަޞައްރަފުތައް ބައްޓަން ކުރަމުން ގެންދިއުމެވެ. ކޮންމެ ކަމަކާމެދުވެސް، ދީނުގައި އައިސްފައިވަނީ ކޮންގޮތަކަށްތޯ ބަލައި އެގޮތަކަށް އަމަލުކުރަމުން ގެންދިއުމެވެ.

މި މަތިވެރި ރޫހުގައި މަސައްކަތްކުރާއިރު، މުސްލިމުން ވިސްނައި ފިކުރު ކުރަންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް އެބަހުއްޓެވެ. އޭގެތެރެއިން އެންމެ މުހިއްމު އެއްކަމަކީ، ކޮންމެ މުސްލިމު ފަރުދަކުމެ، އިސްލާމީ އެއްބައިވަންތަކަމުގެ މައްޗަށް ރައްކާތެރިވުމެވެ. ބައިބައިވުމާއި، ދެބަސްވުމާއި، ފިތުނަފަސާދަ އުފެއްދުމާއި، މުޅި އުންމަތުގެ އަމަން އަމާންކަމާއި، އާންމު މަސްލަހަތަށް ގެއްލުން ލިބޭފަދަ އެއްވެސް ކަމެއް ނުކުރުމެވެ. އަދި އެއިން ކަމަކަށް ބާރު ލިބިދާފަދަ އެއްވެސް ކަމެއް ނުކުރުމެވެ. މިފަދަ އެންމެހައި ކަންތައްތައް މާތްﷲ ވަނީ، މުސްލިމުންގެ މައްޗަށް ހަރާމް ކުރައްވާފައެވެ. އެކަލާނގެ ވަހީ ބަސްފުޅެއްގެ މާނައިގައިވެއެވެ. "އަދި ހެޔޮ ކަންތައް ކުޅައުމާއި ތަޤުވާވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި އަދާވާތްތެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ!"

އަދި މުސްލިމުންގެ ކަންތައްތައް ބެލެހެއްޓުމާ ހަވާލުކުރައްވާފައިވާ، އެބައިމީހުންގެ ވެރިންނަށް އިހްލާސްތެރި ކަމާއެކު ކިޔަމަންތެރިކަމާއި ޠާއަތު އަދާކުރުމުގައި ދެމިތިބުމަކީވެސް، ކޮންމެ މުސްލިމު ރައްޔިތެއްގެ މައްޗަށް އިސްލާމްދީން ލާޒިމުކުރައްވާފައިވާ ކަމެއްކަން ވެސް ހަނދާން ކުރަންޖެހެއެވެ. އަދި  ހާކިމް އާ، އޭނާގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރައްވަމުން ގެންދަވާއިރު، އޭނާ އަށް ހުރިހާ ގޮތަކުން އެހީތެރިވެ އެއްބާރުލުމަކީ ވެސް، އިސްލާމްދީން ލާޒިމުކުރައްވާފައިވާ ކަމެއްކަން ހަނދާން ކުރަންޖެހެއެވެ.

 

("އުންމަތުގެ ކުރިމަގު އުޖާލާކުރުމަށްޓަކައި ވިސްނަންވީ ބައެއް ކަންތައް" - އާދަމް މުޙައްމަދު އަބްދުﷲ، ދީނުގެމަގު އަހަރު 18، އަދަދު 7، ޞަފްހާ 3، 05 މާރިޗް 2004)