ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހު ބާރަވަނަ ދުވަހު ކީރިތި ރަސޫލުاللّٰهُ صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެ ޢީދުމީލާދު ފާހަގަކުރާ ބަޔަކު މުސްލިމުންގެ ތެރޭގައި އުޅެއެވެ. އެމީހުންގެ ދަޢުވާއަކީ އެކަން އެގޮތަށް ކުރަނީ އިތުރު އެކަލޭގެފާނުދެކެ ލޯބިވާތީއެވެ. ރަބީޢުލްއައްވަލް މަހުގެ ބާރަވަނަ ދުވަހަކީ ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ދުނިޔޭގެ އަލިކަން ދެކެވަޑައިގެންނެވި ދުވަސްކަމާ މެދު ތާރީޚު ޢިލްމުވެރިންގެ މެދުގަ ޙިލާފުތައް އެބަހުއްޓެވެ. އެ ދުވަސް ފާހަގަކުރުމަކީ އެންމެ މާތް ތިން ގަރުނުގެ ބޭކަލުން ކުރައްވައިފައިވާ ކަމެއް ވެސް ނޫނެވެ.

ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم އަށް ލޯބިވާ ކަމުގައި ބުނާ ކޮންމެ މީހަކުމެ ވިސްނާލަންޖެހޭ ކަމަކީ، އެކަލޭގެފާނުދެކެ ޙަޤީޤީ ލޯބިވަންޏާ، އެ ލޯބީގެ ސަބަބުން އިތުރު އެކަލޭގެފާނުގެ ސުންނަތަށް ތަބާވުން ލާޒިމުވާނޭ ކަމެވެ.

ތިބާގެ މައިންބަފައިންނާއި ދަރީންނާއި ހުރިހާ މީސްތަކުންނަށްވުރެން ވެސް ބޮޑަށް ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم އަށް ލޯބިވުމުން މެނުވީ އީމާންކަން ޞައްޙަ ނުވާނެ އެވެ. މިފަދައިން ލޯބިވުމަކީ ހަމައެކަނި ލޯބިވަމޭ ބުނުމަކުން ފުއްދާލެވޭނެ ކަމެއް ނޫނެވެ. އެއީ ތިމާގެ ބަހާއި ޢަމަލުން ދައްކުވައިދޭން ޖެހޭ ކަމެއް މެއެވެ.

އައްޝައިޚު ޙުސައިން ޞަލާޙުއްދީން ލިޔުއްވި ކީރިތި ރަސޫލާ صَلَّى اللّٰهُ عَلَيْهِ وَسَلَّم ގެ ސީރަތުގެ އޯޑިއޯގެ 29 ވަނަ ބައިގައި، ކީރިތި ރަސޫލާ ދެކެ ލޯބިވުމުގެ ވާހަކައާ އެކު ލޯބީގެ ތަޢްރީފު ވެސް ވަނީ ހިމަނުއްވައިފައެވެ. އަދި ލޯބިވުމަކީ ކޮބައިކަން ބަޔާންކޮށްދެއްވައި ދިހަ ކަމެއް ވަނީ ލިޔުއްވައިފައެވެ. އެ ދިހަ ކަންތައް މި ތާނގައި ހިމަނައިލާނަމެވެ.

އެކެއް: ލޯބިވެރިކަމީ ލޯބިވެރިޔާގެ ޙާޟިރުގައްޔާއި ނެތްތާނގައި އެ މީހާޔާއި އެއްގޮތްވެގެން ހުރުމެވެ. ދޭއް: ލޯބިވެރިކަމީ ތިމާގެ ކިބައިގައި ހުރި ހުރިހާ ސިފައެއް ނެއްތާލައިފައި އެ ލޯބިވެރިޔާގެ ސިފަތަކަށް ތިމާ އެނބުރިގަތުމެވެ. ތިނެއް: ލޯބިވެރިކަމީ ތިމާގެ ކިބައިންވެވޭ ގިނަ ހެޔޮކަންތައް މަދުކަމުގައި ދުށުމާއި، ލޯބިވެރިޔާގެ ކިބައިން ހުރި މަދު ހެޔޮކަން ވެސް ގިނަ ކަމުގައި ދުށުމެވެ. ހަތަރެއް: ލޯބިވެރިކަމީ ތިމާގެ ކިބައިންވެވޭ މަދު ކުށް ގިނަ ކަމުގައި ދެކެފައި، ގިނަވެގެންވާ ކިޔަމަންގަތުން މަދުކަމުގައި ދުށުމެވެ. ފަހެއް: ލޯބިވެރިކަމީ އަބަދާއި އަބަދުގައި މަޙްބޫބާގެ ކިޔަމަންތެރިކަން މަތީގައި ދެމިހުރުމާއި، ކިތަންމެ ކުޑަ ހިނދުކޮޅަކު ވެސް ޙިލާފު ނުވެ ހުރުމެވެ. ހައެއް: ލޯބިވެރިކަމީ އިބަގެ މުޅި ފުރާނަޔާއި ހަށިގަނޑު މަޙްބޫބާޔަށް ހިބައިންދީގެން އިބަގެ އެއްވެސް އަމިއްލަ ކަމެއް ނެތި ހުރުމެވެ. ހަތެއް: ލޯބިވެރިކަމީ އިބަގެ ހިތުން މަޙްބޫބާ ނޫންހާ ތަކެއްޗެއް ހަމަ މުޅީން ފުހިއްޖައުމެވެ. އަށެއް: ލޯބިވެރިކަމީ މަޙްބޫބާ ނޫން އެހެން ކޮންމެ ކިބަޔަކަށް އިބަގެ ހިތާއި ލޯ ބަންދުވެގެން ވުމެވެ. ނުވައެއް: ލޯބިވެރިކަމީ ކޮންމެވެސް އެއްޗަކަށް އިބަގެ ހަށިގަނޑާއި ފުރާނަ މުޅީން ދެމިގަތުމެވެ. ދެން އެ އެއްޗެއް އިބަގެ ހަށިގަނޑާއި ފުރާނަޔަށްވުރެ ކުރިއަރައިގެން ވުމެވެ. ދެން ސިއްރާއި ފައުޅުގައި އެ އެއްޗަކަށް ކިޔަމަންތެރިވެގެން ވުމެވެ. އަދި މިކަމާ އެކު އަދިވެސް އިބައަށް ވެވޭވަރު ކުޑަކަމުގައި ފެނުމެވެ. ދިހައެއް: ލޯބިވެރިކަމީ އެކަމުގެ ވެރިޔާއަށް ޖެހޭ ޒާތުގެ މަސްތެކެވެ. އެ މަސްތުވެއްޖެއްޔާ ހޭއަރާ ހުށީ މަޙްބޫބާ ފެނި މަޙްބޫބާގެ ކައިރިޔަށް ވާޞިލުވެވުނު އިރަކުންނެވެ.

ލޯބިވެރިކަމީ މި ޒާތުގެ ކަމެއް ކަމުގައި ވީ ހިނދު، އަހަރުގެ ދުވަސްތަކުގެ ތެރެއިން އެންމެ ދުވަހެއް ފާހަގަކުރުމަކީ ޙަޤީޤީ ލޯބިވުން ކަމުގައި ބުނެވިދާނެ ހެއްޔެވެ؟

 

("ރަސޫލުاللّٰهُ صَلَّى اللّٰهُ عَلَيْهِ وَسَلَّم ދެކެ ލޯބިވުމަކީ އެކަލޭގެފާނަށް ކިޔަމަންގަތުމެވެ." އައްޝައިޚް ހަސަން މޫސާ ފިކްރީ – އަހަރު 4، އަދަދު 37، ޞަފްހާ 2، 13 ސެޕްޓެންބަރު 2024)