"ހަނުހުރުމުގެ އަޚުލާޤު" މި މައުޟޫއަށް ރާއްޖޭގެ އެކި ކަންކޮޅުގައި އިއްވި ހުކުރު ހުތުބާގައި ބުނެފައިވަނީ ކަމަކާ މެދު އިންސާނާ ވިސްނައި، އޭނާގެ ޢަމަލުތައް މުރާޖަޢާކޮށް، އޭނާގެ ކަންތައްތަކަށާއި ޙާލަތްތަކަށް ބަލައި ވަޒަންކުރާ އިރު، އޭނާ ހަނުހުރުމުގެ އަތަށް ލެނބޭ ކަމަށެވެ. އަދި ހަނުހުރުމަކީ މުއުމިނުންގެ ސިފަތަކުގެތެރޭގައި ހިމެނޭ ސިފައެއް ކަމަށާއި، އެއީ ބުއްދިވެރީންނާއި ވިސްނުންތެރީންގެ ސިފައެއް ކަމަށެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ﷲ تَعَالَىއާއި އެކަލާނގެ ރަސޫލާ މީސްތަކުންނަށް ގޮވައިލައްވަނީ ހަނު ހުރުމަށް ކަމަށެވެ. އަދި އަނގަގަދަ ނުކުރުމަށާއި، ބުއްދިވެރި ގޮތަކީ މަޞްލަޙަތެއް ނެތް ނަމަ، ހަނުހުރުން ކަމަށެވެ. އަދި ބޭކާރު ވާހަކަތައް ނުދެއްކުމަށެވެ.

ހުކުރު ހުތުބާގައި ބުނެފައިވަނީ ނަބިއްޔާ ހަދީސްކުރެއްވީ "ﷲ އަށާއި އާޚިރަތް ދުވަހަށް އީމާންވާ މީހާ ފަހެ ހެޔޮ ބަސް ބުނާށެވެ! ނުވަތަ އެމީހަކު ހަނުހުންނަހުށްޓެވެ!" ހެޔޮ ނޫން ބަހެއް ބުނުމަކީ ބާޠިލު ބަހެއް ބުނުން ކަމަށާއި، ވިސްނައިނުލައި އެއްޗެއް ބުނުމަކީ ކުށް ބަހެއް ބުނުން ކަމަށް ހުތުބާގައި ބުނެފައިވެއެވެ.

ހުތުބާގައި ބުނެފައިވަނީ އިންސާނާ ވަޒަން ކުރެވޭނީ އޭނާގެ ދުލުން ބުނާ ބަސްތަކުންނެވެ. އޭނާ ހަނުހުރެއްޖެ ނަމަ އޭނާއާ މެދު، ނިޔާއެއް ކަނޑައަޅާކަށް ނޭނގޭނެ ކަމަށެވެ. އަދި އޭނާ ވަހަކަދައްކައިފި ނަމަ، އޭނާގެ ޝަޚްޞިއްޔަތު ފާޅުވާނެއެވެ. ހަރުދަނާކަމާއި ދޯހަޅިކަން ފެނިދާނެ ކަމަށެވެ. އެގޮތުން ނަބިއްޔާ ޙަދީޘްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ "އާދަމުގެދަރިޔާ ހެނދުނު ހޭލާ އިރަށް އޭނާގެ ގުނަވަންތައް އާދޭހާއެކު ބުނާނެތެވެ. އަހަރެމެންގެ ޙައްޤުގައި، ތިބާ މާތް ﷲ އަށް ބިރުވެތިވާށެވެ! ފަހެ އަހަރެމެންނަކީ ތިބާގެ ސަބަބުން ޖަޒާ ލިބޭނެ ބައެކެވެ. ތިބާ ސީދާވެގެންފި ނަމަ އަހަރެމެންނަށް ސީދާކަން ލިބޭނެތެވެ. ތިބާ ކަސިޔާރުވެއްޖެ ނަމަ، އަހަރެމެން ވެސް ކަސިޔާރުވެދާނެތެވެ."

ހުތުބާގައި ބުނެފައިވަނީ ހަނުހުރުމުގެ އިމަކީ ތިބާއާ ބެހޭ ކަންކަމުގައި ރިވެތި ބަހުން ބަސްބުނުމެވެ. ތިބާ މިއަދު ބުނާ ކޮންމެ ކަލިމައަކާ ބެހޭ ގޮތުން ޤިޔާމަތްދުވަހުން ތިބާއާ ސުވާލުކުރެވޭނެ ކަމަށާއި، އެހެންކަމުން ވާހަކަދައްކަންވާނީ މި ކަމަށް ސަމާލުވެގެން ކަމަށެވެ. މާތް ﷲ ވަޙީކުރައްވައިފައިވަނީ "އަދި ކޮންމެ އިންސާނަކުމެ، އޭނާ ކުޅަ عمل، އޭނާގެ ކަރުގައި ތިމަންރަސްކަލާނގެ އެޅުއްވީމެވެ. އަދި قيامة ދުވަހުން، ތިމަންރަސްކަލާނގެ އެމީހަކަށް ފޮތެއް ނެރުއްވާހުށީމެވެ. އެ ފޮތް ނިއުޅައިލެވިގެންވާ حال ގައި، އޭނާ ދެކޭނެތެވެ."

ހުތުބާގައި ބުނެފައިވަނީ މުއުމިނާއަކީ އޭނާގެ ދޫ ހެޔޮކަމުގެ ވަސީލަތެއްކަމުގައި ހަދައި އެއިން ފަނާނުކޮށް އާރާސްތުކުރާ މީހެކެވެ. އެއިން މީސްތަކުން ބައިބައިނުކޮށް އެކުވެރިކުރާ މީހެއް ކަމަށެވެ. ހުތުބާގައި ގޮވާލާފައިވަނީ މާތް ﷲއަށް تَقْوَىވެރިވުމަށާއި، ހަނުހުރުމުގެ ޚުލްޤުން ޒީނަތްތެރިވެ، ބޭނުންވާ މިންވަރަށް ވާހަކަދެއްކުމަށެވެ. އަދު މި ޒަމާނުގެ މީސްމީޑިޔާތަކުގެ ޕްލެޓްފޯމްތަކަށް ވަދެ ވަގުތުތައް ބޭކާރު ގޮތުގައި ހޭދަނުކުރުމަށާއި، ވަގުތަކީ މާތް ﷲ ދެއްވި ނިޢުމަތެއް ކަމަށެވެ. އަދި މި ނިޢުމަތާމެދު ޣާފިލުވާ މީހުން ވަރަށް ގިނަ ކަމަށާއި، މި ނިޢުމަތުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށް އަޒުމުކަނޑައެޅުމަށެވެ.