އިންސާނުންގެ ސިފަތަކުގެ ތެރެއިން އެންމެ މާތް އެއްސިފަޔަކީ، ތެދު ބުނުމެވެ. މި މާތް ސިފަޔަކީ، އިންސާނީ ގުޅުންތައް ހަރުދަނާވުމަށް ވަރަށް ބޮޑަށް ބޭނުންވާ ސިފައެކެވެ. އެހެންކަމުން، މާތްވެގެންވާ އިސްލާމްދީނުގައި ތެދުބުނުމަށް އަންގަވައި އަމުރުކުރައްވާފައި ވެއެވެ. ވަރަށް ބޮޑަށް ބާރު އަޅުއްވާފައިވެއެވެ.
ތެދުބުނުމަކީ، ކަން އޮތް ގޮތަށް ނުވަތަ ހިނގާފައިވާ ގޮތަށް ބުނުމެވެ. ޙަޤީޤަތާ އެއްގޮތަށް ވާހަކަދެއްކުމެވެ. މުޅި ޙަޤީޤަތް ބަޔާންކުރުމެވެ. ތިމާގެ އަމިއްލަ ފައިދާއަށްޓަކައި، ނުވަތަ ވަކި މީހެއްގެ ނުވަތަ ވަކި ބައެއްގެ ފައިދާއަށްޓަކައި، ޙަޤީޤަތުން އެއްބައިބުނެފައި، އަނެއްބައި ވަންހަނާ ނުކުރުމެވެ.
ދުނިޔެ ތަރައްޤީވެ، ޙަބަރު ފަތުރާ ވަސީލަތްތައް ވެސް މިހާރު ކުރިއަރަމުން މިދަނީ، ނުހަނު ހަލުވިކަމާ އެކުގައެވެ. ޙަބަރު ފަތުރާ ބައެއް ދާއިރާތަކުގައި ޙަޤީޤަތް ފާޅުކުރާގޮތާއި އިސްލާމްދީނުގައި ތެދުބުނުމަށް އޮންނަގޮތާ ދެމެދު ވަރަށް ބޮޑު ތަފާތުތަކެއް ވެއެވެ. ބައެއް މީހުން ޙަޤީޤަތް ހާމަކުރަނީ، އެއްބައި ފޮރުވާފައެވެ. މީހަކު ދެއްކި ވާހަކައަކުންނެސް ނަގަނީ، އެ ބަޔަކު ބޭނުންވާ ތަންކޮޅެކެވެ. ދެންއޮތްބައި ވަންހަނާ ކުރަނީ އެވެ.
ބޭރުގެ ޙަބަރު ފަތުރާ ބައެއް ދާއިރާތަކުގައި ގެންގުޅޭ މިފަދަ ނޭދެވޭ އުކުޅުތައް އަޅުގަނޑުމެންފަދަ މުސްލިމު ޤައުމެއްގައި ބޭނުންކުރުމަކީ، ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޙަޤީޤަތް ފޮރުވުމަކީ، ނުވަތަ ކަންހިނގިގޮތް އޮޅުވާލުމަކީވެސް ދޮގު ބުނުމުގެ ބާވަތެކެވެ.
ހިތުގައި އުފެދޭ ޝައްކުތަކާއި ވަސްވާސްތައް، އެކަންކަން ސާބިތުކޮށްދޭ ދަލީލެއް ނެތް ހިނދެއްގައި އެއީ ތެދުކަމަށް ހަދައިގެން ލިޔުމަކީ ވެސް ދޮގު ހެދުމުގެ ތެރެއިން ވާ ކަމެކެވެ. މިފަދަ ކަންކަމަކީ، މުޖުތަމަޢު އަށް ވަރަށް ބޮޑެތި ގެއްލުންތައް ލިބޭނެ ކަންތައްތަކެކެވެ. އެއީ، އިސްލާމްދީނުގައި މަނާ ކުރައްވާފައިވާ ލަޣުވު ގެ ތެރޭގައި ހިމެނޭ ކަންތައްތަކެއްމެއެވެ. މުސްލިމުން ތެދު ބުނަންޖެހޭނީ، ﷲ އަށްޓަކައެވެ. ޤައުމާއި ޖަމާޢަތުގެ ފައިދާއަށްޓަކައެވެ. އެއްވެސް ކަހަލަ އަމިއްލަ ފައިދާއެއް ލިބިގަތުމަށްޓަކައެއް ނޫނެވެ.
(ތެދު ބުނުމަކީ، އެންމެ މާތް އެއް ސިފައެވެ. - އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް – ދީނުގެމަގު، އަހަރު 19، އަދަދު 5، ޞަފްހާ 1، 18 ފެބުރުއަރީ 2005)
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން