ގާތްގަނޑަކަށް 500 އެއްހާ މީހުންގެ އާބާދީއެއް އޮންނަ އއ. ހިމަންދޫން ފަލަސްޠީން ފަންޑަށް އެހީގެ ގޮތުގައި 230،000ރ. (ދެ ލައްކަ ތިރީސް ހާސް) ރުފިޔާ ހަދިޔާކޮށްފިއެވެ.
މިއީ އިޒްރޭލުން ފަލަސްޠީނުގެ ރައްޔިތުންނަށް ދެމުންގެންދާ ލާއިންސާނީ ހަމަލާތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ހިމަންދޫ އިންޖީނުގެ ހިންގާ ސްޓެލްކޯގެ މުވައްޒަފުން އިސްނަގައިގެން މުޅި ރަށުގެ ހުރިހާ ރައްޔިތުން ހިމެނޭގޮތަށް ބޭއްވި ފަންޑް ރެއިޒިންގ އިވެންޓުން އެއްކުރި ފައިސާ އެވެ.

އެގޮތުން، ސްޓެލްކޯ އިން މިއަދު ކުރި އެކްސްގައި ބުނެފައިވަނީ، ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިވެދިނުމުގެ ގޮތުން، ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމުގެ މަތިން އެރަށުގެ ސަރުކާރުގެ މުއައްސަސާތަކާއި، ކުލަބް ޖަމިއްޔާތަކާއި، ޓީމުތަކާއި، ޖުމްލަކޮށް ހުރިހާ ރައްޔިތުން ޝާމިލްވާގޮތަށް "ހިމަންދޫ ރައްޔިތުން ފަލަސްތީނާއެކު" މި ނަމުގައި ހިންގި ފަންޑްރެއިސް ކުރުމުގެ ހަރަކާތުން ލިބުނު 230,000 (ދެލައްކަ ތިރީސް ހާސް) ރުފިޔާ ލިބިފައިވާ ކަމަށެވެ.
އަދި އެ ފައިސާ މިހާރު އިންޓަރނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ)އާ ހަވާލު ކުރެވިފައިވާ ކަމަށް ވެސް ސްޓެލްކޯ އިން ވަނީ ބުނެފައެވެ.
"މިފަދަ ކަންކަމުގައި އަޅުގަނޑުމެންގެ މުވައްޒަފުން އަބަދުވެސް ދައްކަވަމުންގެންދާ ނަމޫނާއަށް ފަހުރުވެރިކަމާއިއެކު ޝުކުރު ދަންނަވަން." އެ ކުންފުނީގެ އެކްސްގައިވެއެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން