އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑާއި ލ.މާބައިދޫ ވިމެންސް ޑިވެލޮޕްމަންޓް ކޮމިޓީ ގުޅިގެން، ލ.މާބައިދޫގައި "މޫދު ކަސްރަތު" ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

އޮކްޓޫބަރު 25 އިން ނޮވެންބަރު 25 އަށް ކުރިއަށްގެންދިޔަ މި ޕްރޮގްރާމުގައި އެ ރަށުގެ 31 ފަރާތަކުން ޕްރޮގްރާމް ފުރިހަމަކޮށްފައިވެއެވެ. ލ.މާބައިދޫ ބީޗު ސަރަހައްދުގައި ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި މުދައްރިބުންގެ ގޮތުގައި ހަރަކާތްތެރިވީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ މުދައްރިބުންނެވެ.

މި ޕްރޮގްރާމް ނިންމުމުގެ ގޮތުން ލ.މާބައިދޫގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، ޕްރޮގްރާމުން ވަނަތައް ހޯދި ފަރާތްތަކަށް ޓްރޮފީއާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް މުޙައްމަދު ފަސީހުއެވެ. އަދި ޕްރޮގްރާމްގެ ބައިވެރިންނަށް ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ، އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ އެސް 1، ކެޕްޓަން ޙުސައިން ޝިފާޢުއާއި ލ.މާބައިދޫ ކައުންސިލް ރައީސް، އިބްރާހީމް ވިޝާމްއެވެ.

މި ރަސްމިއްޔާތުގައި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑް، މެރީން ޑިޕްލޯއިމަންޓް ޔުނިޓް 7 ގެ އެކްޓިންގ ކޮމާންޑަރ، ފަސްޓް ލެފްޓިނެންޓް އިބްރާހީމް ނަޒީހްގެ އިތުރުން ލ.މާބައިދޫ ކައުންސިލް މެންބަރުންނާއި، ވިމެންސް ޑިވެލޮޕްމެންޓް ކޮމިޓީގެ އިސްމެންބަރުންނާއި، ޕްރޮގްރާމްގައި ކިޔަވައިދެއްވި އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ މުދައްރިބުން ބައިވެރިވެލެއްވިއެވެ.

އެމްއެންޑީއެފުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކަކީ، މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ސިފައިން ހިންގާ މަދަނީ ހަރަކާތްތަކުގެ ދަށުން ކުރިއަށް ގެންދާ ހަރަކާތެކެވެ.