ވައްކަމުގެ މައްސަލަތަކާއި މަކަރާއިހީލަތުން ފައިސާއާއި މުދާ ހޯދުމުގެ މައްސަލަތަކުން ތ. ވޭމަންޑޫ ވިޔަފާރިވެރިން ރައްކާތެރިކޮށް ހޭލުން ތެރިކުރުވުމަށް މައުލޫމާތުދިނުމުގެ ޕްރޮގްރާމެއް އެރަށު ޕޮލިސް ސްޓޭޝަނުން ކުރިޔަށް ގެންގޮސްފިއެވެ.

މި ޑިސެމްބަރު މަހުގެ 3 އަދި 4 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމްގައި، އާންމުގޮތެއްގައި ފުލުހުންނަށް ހުށަހެޅޭ އެ ބާވަތުގެ މައްސަލަތައް މަދުކުރުމަށްޓަކައި، ވިޔަފާރިތަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވެއެވެ.

އެގޮތުން، ވައްކަމުގެ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި އެޅެންހުރި ފިޔަވަޅުތައް ބުނެދީ އަދި މަކަރާއި ހީލަތްހަދައި ފައިސާ ޓްރާންސްފަރ ކުރުމަށް ބުނާ މައްސަލަތަކުގައި އަމަލުކުރާނެ ރައްކާތެރި ގޮތްތައް ބުނެދީފައިވެއެވެ.

އަދި މިފަދަ މައްސަލަތައް ފުލުހުންނަށް ރިޕޯޓުކުރުމަށް ގުޅާނެ ނަމްބަރުތަކާއި، ބެންކަށް މިފަދަ މައުލޫމާތުތައް ހިއްސާކުރެވޭނެ ނަމްބަރު ހިއްސާކޮށްފައިވެއެވެ. އަދި ފިހާރަތަކުގައި ބޭނުންކުރާ މޮބައިލް ފޯނުގެ މޮޑެލް އާއި ސިމް ނަމްބަރާއި އައިއެމްއީ ނަމްބަރު ނަގައި އެ މައުލޫމާތު ފުލުހުން ރައްކާކޮށްފައިވެއެވެ.

މި ޕްރޮގްރާމްގެ ތެރެއިން އެ ރަށު ފިހާރަތަކާއި ސައިހޮޓާ އަދި ރެސްޓޯރަންޓުތަކަށް ޒިޔާރަތްކޮށް މައުލޫމާތުދީފައިވެއެވެ.