އެމްއެންޑީއެފްގެ މެރިންކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގްރޫޕް (އެސްއޯޖީ)ގެ ފަރާތުން 23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ރެއިޑް ޑެމޯއެއް ދައްކާލައިފިއެވެ.
 
އެމްއެންޑީއެފް މެރިންކޯރގެ އިސްނެގުމާއެކު، 23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ދައްކާލުމުގެގޮތުން އެމްއެންޑީއެފްގެ މެރިންކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕް (އެސްއޯޖީ)ގެ ފަރާތުން ޑިސެންބަރު 27 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޚާއްޞަ ހަރަކާތް ބާއްވާފައިވަނީ ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގެ ފަޔަރިންގ ރޭންޖްގައެވެ.

މި ޚާއްޞަ ޑެމޯ ބައްލަވާލެއްވުމަށްޓަކައި މެރިންކޯރގެ ކޮމަޑާންޓް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް އާއި މެރިން ކޯރ ގެ ޕްރިންސިޕަލް ޑައިރެކްޓަރ ކާނަލް ޢަބުދުލް މުއީޒް މުސްތަފާގެ އިތުރުން މެރިން ކޯރ ހެޑްކްއޯޓަރޒް އަދި އެންސީއޯ އެކެޑެމީގެ ސިފައިން ބައިވެރިވެލެއްވިއެވެ. 
 
24 ޑިސެންބަރު 2023 ވަނަ ދުވަހުން ފެށިގެން ދެ ހަފުތާގެ މުއްދަތަށް ކ.ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ކުރިއަށްގެންދާ މި ކެޑޭޓް ކޭމްޕްގައި ކުރިއަށް ގެންދިޔަ މި ޚާއްޞަ ޑެމޯ އަށްފަހު، މެރިންކޯރގެ ކޮމަޑާންޓް އަދި މޯލްޑިވްސް ނޭޝަނަލް ކެޑޭޓް ކޯރ (އެމްއެންސީސީ) ގެ ކޮމާންޑިންގ އޮފިސަރ، ބްރިގޭޑިއަރ ޖެނެރަލް އަޙްމަދު ޣިޔާސް ނެޝަނަލް ކެޑޭޓް ކޭމްޕްގެ ދަރިވަރުންނާއި މުޚާޠަބުކޮށް ވާހަކަ ދައްކަވާފައިވެއެވެ. މިގޮތުން ދެއްކެވި ވާހަކަފުޅުގައި ކެޑޭޓްޝިޕްގެ މުހިންމުކަމާ ބެހޭގޮތުންނާއި އަޚުލާޤް ރަނގަޅު، ކެރޭ ހީވާގި ކެޑޭޓުން ދިވެހި އަސްކަރިއްޔާއާ ގުޅުމުގެ މުހިންމުކަމަށް ބައްލަވާލައްވާފައެވެ.
 
ކޮމަޑާންޓްގެ ވާހަކަފުޅަށްފަހު މެރިން ކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕްގެ މެރީންސް ބޭނުންކުރާ ބައެއް ހަތިޔާރުތައް 23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް ދައްކާލުން އޮތެވެ. އަދި މިދައްކާލުމުގެ ތެރެއިން 23 ވަނަ ޤައުމީ ކެޑޭޓް ކޭމްޕްގެ ދަރިވަރުންނަށް، މެރިންކޯރގެ ސްޕެޝަލް އޮޕަރޭޝަންސް ގުރޫޕް މެރީންސްއާއެކު ފޮޓޯނެގުމުގެ ސެޝަނެއްވެސް ވަނީ ބޭއްވިފައެވެ.