ދިވެހި ނަރުހުންގެ ތެރޭގައި މިހާރު، މަދުން ނަމަވެސް ފިރިހެން ނަރުހުން އެބަ ފެނެއެވެ. މިއީ ޒަމާންތަކަކަށް މި ރާއްޖޭގައި އަންހެނުންގެ މަސައްކަތެއް ކަމަށް ދެކެވިފައި އޮތް މަސައްކަތެއް ނަމަވެސް މިއަދު ދިވެހި ފިރިހެން ނަރުހުން އުފެދި ގިނަވާކަމީ އުފާކުރާ ކަމެކެވެ. އެގޮތުން މިއީ ށ.މިލަންދޫ، އުމުރުން 21 އަހަރުގެ މުޙައްމަދު ޒިމާމް ގެ ވާހަކައެވެ. މިއީވެސް އެފަދަ ކެރޭ ހީވާގި ދިވެހި ފިރިހެން ނަރުހެކެވެ.

2017ވަނަ އަހަރު ށ. މިލަންދޫ ސުކޫލުން ގުރޭޑު 10 ނިންމާލި ޒިމާމް އަކީ އެއިރު އެ ސުކޫލުގެ ޑެޕިއުޓީ ކެޕްޓަންވެސް މެއެވެ. އަދި އޭގެ ފަހުން 2019ވަނަ އަހަރު، ހަމަ އެ ސުކޫލުން މަތީ ސާނަވީ ފުރިހަމަ ކުރިއެވެ. ޒިމާމް އަކީ އެއިރު މިލަންދޫ ސުކޫލުގެ ކުރެދި ހައުސްގެ ކެޕްޓަން އެވެ. ޖެހިގެން އައި އަހަރު ޒިމާމް ވަނީ ދިވެހި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސުކޫލް އޮފް ނާސިންގެ، އެޑްވާންސް ޑިޕްލޮމާ ކޯހަށް ކުރިމަތިލާފައެވެ.

ޒިމާމް އަކީ އަބަދުވެސް ސިއްހީ ދާއިރާއަށް ޝައުގުވެރިކަން ހުންނަ މީހެކެވެ. އެގޮތުން ސުކޫލު ދައުރުގައިވެސް ބައޮލޮޖީ އަކީ ޒިމާމް އެއްމެ ގަޔާވެގެން ކިޔެވި އެއް މާއްދާއެވެ. މީގެ އިތުރުން ޒިމާމް އަކީ ސިއްހީ ދާއިރާގެ އެކި އެކި ލިޔުންތައް ލިޔުމަށް އެއިރުވެސް ޝައުގުވެރިކަން ހުންނަ މީހެކެވެ. ސިއްހީ ދާއިރާއަށް ހުރި ޝައުގުވެރިކަމާއި އެކީ ބަލި މީހުންނަށް އަޅާލާ އެހީތެރި ވުމަކީ ޒިމާމަށް ވަރަށް ހިތްހަމަ ޖެހޭ ކަމަކަށް ވިއެވެ. އަދި ޒިމާމް ނަރުސްކަން ކިޔަވަން ފެށި އިރު، އެރަށުގައި އެއްވެސް ދިވެހި ފިރިހެން ނަރުހެއް ނުހުރެއެވެ. މި ހުރިހާ ކަމަކުން ނުވަތަ ސަބަބުތަކުން ޒިމާމް ގެ ހިތުގައި ނަރުސްކަން ކިޔެވުމުގެ ޝައުގު އުފެދުނެވެ. އެ ޝައުގާއި އެކީ ކުރިމަތިލާ، އެކަން ކާމިޔާބީގެ އައްސޭރިއަށް ގެނައި ޒިމާމް އަކީ މިއަދު، ރެޖިސްޓާޑް ދިވެހި ފިރިހެން ނަރުހެކެވެ.

2020 ވަނަ އަހަރު ނަރުސްކަން ކިޔަވަންފެށި ޒިމާމްގެ ކިޔެވުމަށް އުނދަގޫ ކުރުވި އެއް ކަމަކީ ކޮވިޑް 19 ގެ ބަލިމަޑު ކަމެވެ. އެއިރު އެ ބަލީގެ ގިނަ ކޭސްތަކެއް ރާއްޖެއިން ފެނިގެން ދިޔަ ދިޔުމަކީ، ކިޔެވުން އޮންލައިން ކުރި ސަބަބެކެވެ. އޮންލައިންކޮށް ނާސިން ފަދަ ކޯހެއް ކިޔެވުމަކީ ޒިމާމް ގަބޫލުކުރާ ގޮތުގައި ވަރަށްވެސް އުނދަގޫ ކަމެކެވެ. އަދި ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ސަބަބުން އަމަލީ ތަޖުރިބާ ކުލާސްތައް ލަސްވެގެން ދިއުންވެސް ވެގެން ދިޔައީ ޒިމާމަށް ލިބުނު ބޮޑު ގޮންޖެހުމަކަށެވެ. މީގެ އިތުރުން ޒިމާމް ނަރުކަން ކިޔަވަމުން ދިޔަ ދުވަސްވަރު، އެމާޖެންސީ ސާޖަރީއެއް ކުރަން ޖެހުމާއި އެކު، އެކަންވެސް ވީ އޭނާއަށް ބަރުދާސްތު ކުރަން އުނދަގޫވި ކަމަކަށެވެ. ނަަމަވެސް މިއިން އެއްވެސް ކަމަކުން، ޒިމާމް ގެ އުންމީދު ތަކަކާ ނުކުޅެވުނެވެ. އެއިރު އޭނާގެ ގާތުގައި އެހީތެރިވެދޭން ތިބި މީހުންގެ ހިތްވަރާއި ޒިމާމް ގެ ވަރުގަދަ އަޒުމާއި އެކީ އެ ދަތި އުނދަގޫ ދުވަސްތަކުންވެސް ޒިމާމް ކުރިއަށް ދިޔައެވެ.

ރަށުގައި ފިރިހެން ނަރުހެއް ނެތުމާއި އެކު ސިއްހީ ދާއިރަށް ހުރި ޝައުގުވެރިކަމަކީ ޒިމާމް ނަރުހަކަށް ވާން ބޭނުންވި ސަބަބެވެ. އެގޮތުން ނަރުސްކަން ކިޔަވަން ފެށުމާއި އެކު އޭނާގެ މަންމަ އާއި ބައްޕަ އަދި މާމަ އާއި ކާފަ އާއި ގާތް އެކުވެރިންގެ ފަރާތުން ލިބުނު ހިތްވަރަކީ މި ދާއިރާގައި ޒިމާމަށް ލިބުނު މި ކުރިއެރުމުގެ އަސްލެވެ. ޒިމާމް އަމިއްލަ އަށް ބޭނުންވެގެން ނަރުސްކަމުގެ ދާއިރާއިން ކުރިއަށްދާން ނިންމި އެ ނިންމުމަށް ޒިމާމްގެ އާއިލާ އާއި އެކުވެރިން މަރުހަބާކީ ޒިމާމް ހީކުރި ވަރަށްވުރެ މާ ފުރިހަމައަށެވެ. އަދި އޭނާގެ މައިންބަފައިން، އޭނާއަށްޓަކައި އެ ވީ ގުރުބާނީ އަކީވެސް ޒިމާމަށް ލިބުނު ބޮޑު ހިތްވަރެކެވެ. އެ މަރުހަބާ އާއި ގުރުބާނީއާއި އަދި އެދިން ހިތްވަރަކީ ދުވަހަކުވެސް ޒިމާމް ގެ ހިތުން ފޮހެވިގެންދާނޭ ކަންކަމެއް ނޫނެވެ.

2022ވަނަ އަހަރު ޑިސެންބަރ މަހު އެޑްވާންސް ޑިޕްލޮމާ އިން ނާސިން ނިންމާލި ޒިމާމް 2023 ވަނަ އަހަރުގެ ފެބުރުއަރީ މަހު، ރެޖިސްޓާޑް ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރަން ފެށިއެވެ. އެއީ ރާއްޖޭގައި ހުރި ހަމައެކަނި އަސްކަރީ ހޮސްޕިޓަލު ކަމުގައިވާ ސެނަހިޔާ މިލިޓަރީ ހޮސްޕިޓަލުގައެވެ. މިއަދު ޒިމާމް އަކީ އެ ހޮސްޕިޓަލުގެ ރަޖިސްޓާޑް ދިވެހި ފިރިހެން ނަރުހެކެވެ.

ނަރުސްކަމުގެ ދާއިރާއިން ސްޕެޝަލައިޒް ނަރުހަކަށް ވުމަށް ނުވަތަ މި ދާއިރާއިން މާސްޓާސް ހެދުމުގެ ޝައުގުގައި ހުރި ޒިމާމް މިހާރު އެދަނީ ނާސިންގެ ބެޗްލާސް އަށް ނުވަތަ ޑިގްރީއަށް ތައްޔާރު ވަމުންނެވެ. ވަޒީފާގައި އުޅެމުން ކިޔެވުމަކީ ބުރަކަމެއް ނަމަވެސް އެކަމާވެސް ޒިމާމް އެދަނީ ކުރިމަތި ލަމުންނެވެ.

ނަރުސްކަން ކިޔަވާ ދިވެހި ފިރިހެނުންނަކީ "ރަނޑުން" ކަމުގައި ސިފަކުރާ ބަޔަކު މަދުން ނަމަވެސް އުޅެއެވެ. މިއީ ހަގީގަތުގައި ބަޔަކަށް ގަބޫލު ނުކުރެވިގެން ދައްކާ ވާހަކަ ތަކެކެވެ. ޒިމާމް އަކީ ކުޅިވަރު ކުޅުމަށް ލޯބި ކުރާ އަދި ސުކޫލު ދައުރުގައްޔާއި ކޮލެޖު ދައުރުގައިވެސް ކުޅިވަރު މުބާރާތްތަކުގައި ވާދަކުރާ ކުޅިވަރު ކުޅުމުގެ ވައްޓަފާޅި ހުރި ނަރުހެކެވެ. މީގެ އިތުރުން ޒިމާމް އަކީ ށ.މިލަންދޫގެ ފުޓްސަލް ޓީމެއް ކަމަށްވާ ޑީ.އެސް.ކިއު ގެ ފައުންޑިން މެނޭޖަރެވެ. 2020 ވަަނަ އަހަރު އުފެދުނު އެ ފުޓަސަލް ޓީމުން ވަނީ އެކި މުބާރާތްތަކުގައި ވާދަކޮށް، 4 ފަހަރެއްގެ މަތިން ތަށި އުފުލާލާފައެވެ. ކުޅިވަރު ކުޅުމަށް ޝައުގުވެރިވާ ޒިމާމް އަކީ މިއަދު އޭނާގެ ސުކޫލު ދައުރުގެ ދެ އެކުވެރިންނާއި އެކު ވިޔަފާރިއެއްވެސް ހިންގާ މީހެކެވެ. އެއީ "ކިޓް-ކްލަބް" ނަމަކަށް ކިޔާ އޮންލައިން ކޮށް، ޖޯޒީ ޑިޒައިންކޮށް އުފައްދައިދޭ ވިޔަފާރިއެކެވެ.

ޑީ.އެސް.ކިއު ފުޓްސަލް ޓީމުން އުފުލާލި ތަށްޓާއެކު. --

ފެށުނީއްސުރެ ސިއްހީ ދާއިރާއަށް ލޯބި ކުރާ އަދި ބަލި މީހުންނަށް އަޅާލުމުގެ ޝައުގުވެރިކަން ހުރި ޒިމާމަށް ނަރުސްކަމުގައި ލިބޭ އެއްމެ ބޮޑު އެއް ހިތްހަމަ ޖެހުމަކީ އޭނާގެ ފަރާތުން އެހީތެރިކަން ލިބޭ ބަލި މީހުންގެ މޫނުމަތިން ފެންނަ ހިނިތުންވުމެވެ. ބަލި މީހަކަށް އެ ފޯރުކޮށްދެވޭ އެހީތެރި ކަމާއި އެކު، ބަލި މީހާ އެ ބަލިން ފަސޭހަވެގެން އަންނަ މަންޒަރަކީ ޒިމާމް ގެ ލޮލަށާއި ހިތަށް ފިނިކަން ގެނެސްދޭ ކަމެކެވެ.

ނަރުހަކަށް ވުމުގެ ޝައުގުގައި ހުރި ހަމަ ކޮންމެ މީހަކަށް ޒިމާމް ފަދަ ނަރުހުންނަކީ ނަމޫނާއެކެވެ. ޒިމާމް ބުނާ ގޮތުގައި މިއީ ކުރިއަށް ދިއުން ވަރަށްވެސް ރަނގަޅު ދާއިރާއެކެވެ. އަންހެނަކަށްވިޔަސް ފިރިހެނަކަށް ވިޔަސް މެއެވެ. އެހެނީ ނަރުހުން އެ ކުރާ މަސައްކަތަކީ ވަރަށް މާތް މަތިވެރި މަސައްކަތެއް ކަމަށް ޒިމާމް ދެކެއެވެ. ވީއިރު ދިވެހި ފިރިހެން ނަރުހުން މަދުކަމާއި އެކު، މި ދާއިރާއަށް ގިނަ ދިވެހި ފިރިހެން ނަރުހުން ނުކުތުމަކީ ިޒިމާމްގެ އުންމީދެކެވެ. އެކުދިންނަށް ޒިމާމް ބުނެދޭ މެސެޖަކީ ހިތްވަރާއި އެކު ކުރިމަތި ލާށެވެ. ހީނުކުރާހާ ގިނަ ސަޕޯޓް ލިބޭނެއެވެ. އިރާދަކުރެއްވިއްޔާ ކުރިއަށްވެސް ދެވޭނެއެވެ.

ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައިވެސް ޝުކުރު އަދާކުރެވޭ މީހުންގެ ލިސްޓެއް އޮންނާނެއެވެ. ޒިމާމް ގެ މި ކާމިޔާބީގައި އޭނާ އެއްމެ ފުރަތަމަވެސް ޝުކުރުވެރިވަނީ އާލަމްތަކުގެ ވެރި ﷲ އަށެވެ. އެއަށްފަހު ޒިމާމް ގެ ލޮބުވެތި މަންމަ އާއި ބައްޕަ އަދި ކާފަ އާއި މާމަގެ ނަން ވަކިން ފާހަގަ ކުރަމުއެވެ. އެމީހުންގެ އެހީތެރިކަމާއި ހިތްވަރާއި އަދި އެމީހުން އެބީ ގުރުބާނީގެ އަގަކީ ޒިމާމް ބުނާގޮތުންނަމަ އަދާކުރެވޭނޭ އެއްޗެއް ނޫނެވެ. އެހެނީ އެމީހުންގެ އެ އެހީތެރިކަމާއި ގުރުބާނީއާއި ނުލާ، މިއަދު އޭނާ އެ ހުރި ހިސާބަށް ނާދެވޭނެތީއެވެ. މީގެ އިތުރުން ޒިމާމްގެ އެކުވެރިންނާ ގާތް ރަހުމަތްތެރިންނާއި، ޒިމާމްގެ ފުޓްސަލް ޓީމް، ޑީ.އެސް.ކިއު ގެ މެންބަރުންގެ ފަރާތުން ޒިމާމް އަށް ލިބުނު އެހީތެރިކަމާއި އެއްބާރު ލުމަކީވެސް ޒިމާމް އުފަލާއެކު ފާހަގަ ކުރާ ކަމެކެވެ. އަދި ޒިމާމް އާއި އެކުގައި ނަރުސްކަން ކިޔެވި އެކުވެރިންގެ ފަރާތުން ކިޔެވުމުގައި ލިބުނު އެހީތެރި ކަމާއި، އެ މީހުންގެ ފަރާތުން ދަސްވި ކަންކަމާއި ލިބުނު ހިތްވަރަކީ ދުވަހަކުވެސް ޒިމާމް ގެ ހިތުން ފޮހެވިގެން ނުދާނޭ ކަންކަމެވެ. ޝުކުރުގެ ލިސްޓުގައި އަދިވެސް ނަންނަން އެބަ ހުއްޓެވެ. އެއްވެސް ނަމެއް އުނިވުމަށް ނޭދޭތީ، ޖުމުލަކޮަށް މިކަމުގައި ޒިމާމް އަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ހިތުގެ އިހުލާސްތެރި ކަމާއި އެކު އޭނާ ޝުކުރު އަދާކުރެއެވެ.

މާތް ﷲ ޒިމާމް ގެ މި މަސައްކަތުގައި ބަރަކާތް ލައްވާ ކާމިޔާބީއާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ.