ކުރެހުމަކީ އަބަދުވެސް އޭނާ ކުރާ ހިތުން ކުރާ ކަމެކެވެ. އޭނާގެ ހަޔާތުން ބައެކެވެ. ކުރެހުމަކާ ނުލާ އޭނާގެ ދުވަސް ވެސް ފުރިހަމަ ނުވާނެއެވެ. މިހާރުވެސް ދުވާލުގެ ބޮޑުބައި ހޭދަ ކުރަނީ ކުރެހުމުގެ ތެރޭގައެވެ. ރާއްޖޭގެ އެންމެ ފުންނާބު އުސް ކުރެހުންތެރިންގެ ތެރޭގައި އޭނާ ހިމެނޭކަމީ ޔަގީން ކަމެކެވެ. މި ދައްކަނީ އދ. އޮމަދޫ އަށް ނިސްބަތްވާ ހުސައިން ހަބީބް އާންމު ނަމުންނަމަ ހައްބެގެ ވާހަކައެވެ.
އެންމެ ކުޑައިރުއްސުރެ ކުރެހުމަށް ޝައުގުވެރިކަން ހުންނަ ހައްބެ ކުރަހަން ލިބޭ އެންމެ ފުރުސަތެއް ވެސް ދޫކޮށެއްނުލައެވެ. ހުރިހާ ވައްތަރެއްގެ ކުރެހުމެއްވެސް ކުރަހާ ކަމަށާއި އެންމެ ގަޔާވާ ވައްތަރުގެ ކުރެހުމަކީ އެބްސްޓްރެކްޓް ކަމުގައި ހައްބެ ބުނެއެވެ. އަދި ސަބަބެއް ކަމަށް، ކުރަހަން ފަސޭހަވެފައި ކުރަހަން ހޭދަވާ ވަގުތު މަދުވެފައި އަދި އޭގެ ކޮންމެ ކުރެހުމެއްގެ މާނަ ފުންވުން ކަމުގައި ބުނެފައިވެއެވެ.
ރައްޓެއްސެއް ދިން ހިޔާލަކަށް ލިބުނު ފުރުސަތެއްގައި ކުރުނބާ މޯލްޑިވްސް ރިސޯޓުގައި އެ ރަހުމަތްތެރިޔާ އާއެކު ސްޓޫޑިއޯ އެއް ހުޅުވިގެން ދިޔުން ވެގެން ގޮސްފައިވަނީ ހައްބެ ވަރަށް ގިނަ ދުވަހު ކަޅާއި ހުދުކުލައިން ދެކުނު ހުވަފެންތަކެއްގައި ހަޤީޤީ ކުލަ ޖެހުން ކަމުގައެވެ. އަދި އެ ދުވަސް ވެގެން ގޮސްފައިވަނީ އޭނާގެ ހަޔާތަށް އައި އެންމެ އުފާވެރި ދުވަސް ކަމުގައެވެ. ސްޓޫޑިއޯ ހުޅުވިތާ އަދި އަހަރެއްވެސް ނުވެއެވެ. ސްޓޫޑިއޯގައި މަސައްކަތްތައް އަދި ކުރިއަށް ދަނީ އާދައިގެ ގޮތަކަށް ކަމުގައާއި އަދި ކުރެހުމުގެ އިތުރުން މި ސްޓޫޑިއޯގައި އާރޓް ކުލާސްތަކެއް ކުރިއަށް ގެންދާކަމުގައި ވެސް ހައްބެ ބުނެއެވެ.
މި ދާއިރާއިން ކުރިއަށް ދިއުމަށް ހައްބެއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ ރައްޓެހިންނެވެ. ސަބަބަކީ ކުރިއަށް ދިޔުމަށް ކެނޑިނޭޅި އެމީހުން ވަމުންދާ އެހީ އާއި ދޭ އެއްބާރުލުމެވެ. ހަމަ އެއާއެކު ކުރިއަށް ދިއުމަށް ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ދިވެހި މުޖުތަމައުގައި އާރޓް އެޕްރިޝިއޭޓް ނުކުރުން ކަމުގައިވެސް ބުނެއެވެ. ހައްބެ މި ދާއިރާއިން ދެން ހާސިލް ކުރަން ބޭނުންވާ ކަމަކީ އިތުރު ސްޓޫޑިއޯ ހުޅުވައި މި ވިޔަފާރީގައި ކުރިއެރުން ހޯދައި މި ދާއިރާއަށް އާ ކުދިން ނެރުމެވެ.
މި ދާއިރާއިން ކުރިއަށް ދާން ބޭނުންވާ ފަރާތްތަކަށް ހައްބެ ދޭން ބޭނުންވާ މެސެޖަކީ "އުންމީދު ކަނޑާ ނުލާށޭ އަދި ފުރުސަތު ނެތޭ ހީނުކުރާށޭ... ސަބަބަކީ ރިސޯޓުތަކުގައި ފުރުސަތު ފަހިވެފައި އޮތުން. ދެން ގިނައިން ހަމަ ކުލައިގެ ތެރޭގައި އުޅެ ޕްރެކްޓިސް ކުރި ވަރަކަށް ބޮޑަށް މީހާ ކުރިއަރާނެ."
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން