ސޯޝަލް މީޑިޔާ ބަލާނަމަ އެންމެ ބޮޑު ސަމާލުކަމެއް ދެވެނީ، ހުނަރުވެރި ޒުވާނުން ކޮށްފައިވާ މަސައްކަތް ފެންނަން ހުންނަ ޕޭޖްތަކަށެވެ. މިހެން ބަލަމުން ދަނިކޮށް މީގެ ދުވަސްކޮޅެއް ކުރިން އަޅައިގެން ފޮޓޯއެކެވެ. އަނިޔާވެރިއެއްގެ ރަޙުމެއްނެތް އަތުން ޒަޚަމްކޮށްލާފައިވާ އަންހެން ކުއްޖެއްގެ މޫނެވެ. ފެނުމާއި އެކު މުޅި ގައިން ހީބިހި ނަގައި ގަތެވެ. ފޮޓޯގެ ތިރީގައިވާ ލިޔުމުގައި ގެވެށި އަނިޔާފޮރުވައިގެން ނުހުރެ އެކަން ހާމަކުރުމަށް ހިތްވަރު ދީ ލިޔެލާފައިވާ ލިޔުން ކޮޅެއް އިނެވެ. އެއްކޮށް ލިޔުންކޮޅު ކިޔާކަށް ނުހަދަމެވެ. އަވަސް އަވަހަށް އެ ފޮޓޯ ޕޯސްޓްކޮށްފައިވާ އެކައުންޓަށް މެސެޖް ކޮށްލީމެވެ. އެއީ އަސްލެއްތޯ ޔަގީންކޮށްލުމަށެވެ. އޭގެ ދެތިން ދުވަސްފަހުން ކުރެހުން ޕޯސްޓް ކުރި ފަރާތުގެ ޖަވާބު އައެވެ. ކިތަންމެ ތަދަކާއި ވޭނެއް ފޮރުވިފައިވީ ނަމަވެސް އެއީ އަޞްލެއް ނޫނެވެ. ކުރެހުމެވެ. އަޅުގަނޑަށް ފުރަތަމަ އެ ފޮޓޯ ފެނުނު އިރު އެ ޕޯސްޓްގައި ޑިސްކްލެމަރ އެއް ނެތެވެ.

ދައްކަން މިއުޅެނީ ކުޅަދާނަ ފޭސް ޕެއިންޓަރ ނުވަތަ މޭކަޕް އާޓިސްޓް ޝައުގެ ވާހަކަ އެވެ. ޝައުގެ ފޭސްބުކް ނުވަތަ އިންސްޓަގްރާމް ބަލާލައިފިނަމަ ވަރަށް ފުރިހަމަ އަދި ވަރަށް ތަފާތު މޭކަޕްތައް ފެންނާނެއެވެ. ޝައު މީހުންގެ ސަމާލުކަން ހޯދީ 100 ދުވަހުގެ ތަފާތު 100 މޭކަޕް ކޮށްގެން އޭގެ ފޮޓޯތައް މީސްމީޑިޔާގައި ހިއްސާ ކުރުމުންނެވެ. ތަޢުރީފް ހައްޤު ކުޅަދާނަ މަސައްކަތެކެވެ. އެހެންކަމުން ތީރުގެ ފަރާތުން ޝައު އާ ބައްދަލުކޮށް އޭނާގެ މި ހުނަރާއި ބެހޭގޮތުން އިތުރަށް ވާހަކަ ދައްކާލީމެވެ.

ކޮންމެ މަސައްކަތެއްވެސް ކުރާނީ އެކަން ކުރިއަރުވާ ނުވަތަ އެކަމުން އާމްދަނީއެއް ލިބޭނެ މަގު ތަނަވަސްވެފައި ވުމުން ނުވަތަ އެކަމަށް އުއްމީދު އޮތުމުންނެވެ. "ރާއްޖެއަކީވެސް ވަރަށް ބައިވަރު އިންވެންޓްތައް ތަކާއި ޕާޓީތައް ބާއްވާ ތަނެއް. ޚާއްސަކޮށް ކުޑަކުދިންގެ ޕާޓީތަކުގައި ޕޭސްޕެއިންޓިން އަށް ވަރަށް ޑިމާންޑް ބޮޑު. ހަމަ އެގޮތަށް ބޮޑެތި މީހުންގެ ޕާޓީތަކަށް މޭކަޕްގެ ޑިމާންޑް އޮވޭ. ތީމް ޕާޓީތަކަކީ ވެސް މިހާރު ވަރަށް ވައިގައި ހިފަމުން އަންނަ ކަމެއް. އެހެން ކަމުން ރަގަޅު ގޮތުގައި މިކަން ކުރެވިއްޖެ ނަމަ މިކަމަށް މުސްތަޤްބަލު އެބައޮތް" ޝައުގެ ޚިޔާލު ފާޅުކުރިއެވެ.

" މޭކަޕްތައް މީހުނަށް ކަމުދަނީ ކިހިނެތްކަން އެއީ ބުނަން ނޭނގޭކަމެއް. ވަރަށް ބުރަ މަސައްކަތުން ކުރާ މޭކަޕެއް ނިމުމުން އެ މަސައްކަތް ބަލާފައި ވަރަށް ފުރިހަމަ އޭ އަމިއްލައަށް ހިތަށް އެރި ނަމަވެސް ބަލާ މީހުނަށް އެހާ ކަމުނުގޮސްފާނެ. ހަމަ އެގޮތަށް ވަރަށް އަވަހަށް ވަރަށް ސިމްޕަލްކޮށް ކޮށްލާފަ އިންނަ މޭކަޕަށް ވަރަށް ގިނަ ބައެއްގެ ތަޢުރީފް ލިބިދާނެ." ކަމަށް ޝައު ކިޔާދިނެވެ. މިއީ ހަމަ ކޮންމެ ފަންނެއްގެ ފަންނާނުންވެސް ފާހަގަ ކުރާ ކަމެކެވެ. މިއީ ފަންނު ނޭގޭތީ ވާކަމެއް ނޫނެވެ. ކޮންމެ މަސައްކަތެއް ބަލާ އިންސާފު ކުރުމަށްވެސް ބޮޑު އޯޑިއަންސެއް އޮވެއެވެ. މީގެ ތެރޭގައި ތަފާތު ވިސްނުމުގެ، ތަފާތު ރަހައިގެ މީހުން ހިމެނެއެވެ. ޝައުވެސް އަންނަނީ މިކަން ނަގައިގަންނަން މަސައްކަތް ކުރަމުންނެވެ. ގިނަ ބަޔަކަށް އެންމެ ކަމުދާނެ ގޮތަށް ނުވަތަ ވަކި މީހަކު ހަވާލުކުރި މަސައްކަތެއް ނަމަ އެމީހަކު އެންމެ ހިތް ހަމަ ޖެހޭގޮތަށް ކުރުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭ ކަމަށް ޝައު ކިޔާދިނެވެ.

27 އަހަރުގެ ޒުވާން ޝައު ބޭނުންވަނީ މި ދާއިރާއިން ލިބެން ހުރި ފުރުސަތުތަކުގެ ބޭނުން ހިފައިގެން މިކަމުގައި ދެވެން އޮތް އެންމެ ކުރިއަކަށް ދިއުމަށެވެ. ތީރުގެ އުންމީދަކީވެސް ޝައު ހުވަފެން ހަގީގަތަކަށް ވުމެވެ.

މިހިސާބުން ޝައު އަކީ ކިހާ ކުޅަދާނަ ފަންނާނެއްކަން މިވަނީ ވަރަށް ރަގަޅަށް ހާމަވެފައެވެ. ނަމަވެސް ޝައުގެ އެންމެ ފުރަތަމަ މަސައްތަކުގެ ގޮތުގައި ފެނުނު އެ ކުރެހުމުގައި ފޮރުވިފައިވާ ތަދު އެއީ ހަގީގަތް ނޫންކަމަށް ގަބޫލެއް ނުކުރެވުނެވެ. އެހެންކަމުން ޖެހިލުން ކަނޑާލާފައި ސުވާލު ކޮށްލީމެވެ. ޖަވާބުއައީ ހީކުރި ގޮތަށެވެ. ނަމަވެސް ހިތްކުދިކުދިވާ ފަދަ ޖަވާބެކެވެ. ޝައުގެ މި ފޮޓޯއަކީ ކުރެހުމެއް ނަމަވެސް ޝައުއަކީ ގެވެށި އަނިޔާގެ ވޭން ތަޙައްމަލުކޮށްފައިވާ ހިތްވަރު ގަދަ އަންހެންކުއްޖެކެވެ. ނަމަވެސް އެކަމަށް ހައެއްކަ އަހަރުވެފައި ވުމުން އެކަމާ ގުޅޭގޮތުން މާ ތަފްޞީލްކޮށް ވާހަކަ ދައްކާކަށް ޝައު ބޭނުމެއް ނުވެއެވެ. އެ ޒަޚަމްތައް އަލުން ރޯ ކުރުމުގެ ނިޔަތެއް އަޅުގަނޑުގެވެސް ނެތެވެ.

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 

#tb Avatar make-up ??‍♀️ . Thinking of recreating some of the looks I’ve done before. What do you guys think ? Should I ? ?

A post shared by diya (@diya.artistry) on

ކޮންމެ ފަންނާނެއްގެ މަސައްކަތްވެސް އެމީހެއްގެ ޒާތީ ދިރިއުޅުމާއި ގުޅޭ ހިސާބުން އެ މަސައްކަތެއްގައި ވަރަށް ތަފާތު ކުލައެއް ޖެހޭނެއެވެ. ކިތަންމެ ފޮރުވަން އުޅުން ކަމުގައި ވިޔަސް އެކަން ވަންހަނާ ނުކުރެވޭނެއެވެ. މޮޅު ޅެންވެރިއަކު ވަރަށް ފުރިހަމަ ޅެންތަކެއް ހަދާފާނެއެވެ. ނަމަވެސް ސީދާ އޭނާގެ ހިތުގެ ކެކުޅުން ބަޔާންކޮށް ހަދާފައިވާ ޅެމެއްނަމަ އެކަން ވަރަށް ސާފުކޮށް ހާމަވާނެއެވެ. އަޑުއަހާ މީހުންގެ ހިތުގެ ހިމަނާރަށް ފޯރާނެއެވެ. ޝައުގެ މަސައްކަތްވެސް ވަރަށް ފުރިހަމަ އެވެ. ނަމަވެސް ޝައުގެ ޒަޚަމްތަކުން ފޭބި ލެޔާއި ކަރުނަ އެކުވެގެން ކުރެހި ކުރެހުން ނުވަތަ މޭކަޕް ގިނަ ބައެއްގެ ލޯ ފެންކަޅި ކޮށްފިއެވެ. ޝައުގެ ހުރިހާ މަސައްކަތް އެއް ކޮޅަށް ލާފައި ހަމަ އެކަނި މި މޭކަޕް އަނެއްކޮޅަށް ލިޔަސް ގިނަ ބައެއްގެ ހިތަށް އަސަރުކޮށްލާނެ އަދި ފާހަގަ ކޮށްލެވޭނެ ކުރެހުމަކަށް މި ކުރެހުން ވާނެއެވެ.