ޒީނަތްތެރިވުމާ މޭކަޕް ކުރުމަކީ ގިނަބަޔަކު ލޯބިކުރާ ކަމެކެވެ. އަދި އެއްބަޔަކަށް މިއީ ފުރިހަމައަށް ކުރަން އެނގޭ ކަމެއް ކަމުގައި ނުވެއެވެ. އެހެންކަމުން އެއްބައި މީހުން އަބަދުވެސް އެހެން މީހެއްގެ އެހީތެރިކަން، މޭކަޕް ކުރުމުގައި ހޯދައެވެ. މިފަދައިން މޭކަޕްގެ ހިދުމަތް އެންމެ ފުޅާކޮށް ލިބެން ހުންނަ ތަންތަނީ ސެލޫންތަކެވެ.

ވެރިރަށް މާލޭގައިވެސް އެތައް ސެލޫނެއް ހުރެއެވެ. ނަމަވެސް "ބިއުޓީ އެޓް ޔުއަރ ޑޯސްޓެޕް" އަކީ ތަފާތު "ސެލޫން" އެކެވެ. މިއީ މޭކަޕް ކުރުމުގެ ހިދުމަތް އަމިއްލަ ގޭގޭގެ ސިޓިންރޫމުތަކާއި ހިސާބަށް ގެނެސްދޭ "ސެލޫން" އެކެވެ. އުމުރުން އެއްމެ 29 އަހަރުގެ އައިމިނަތް ރިޝްމާ (ރިޕަންޒިލް) ނުވަތަ އާއްމު ނަމުން ނަމަ "ރިޝް" ގެ މި ކުޅަދާނަ ހިދުމަތަކީ މޭކަޕް އިންޑަސްޓްރީގައި ރާއްޖޭގައި ދެވޭ ތަފާތު ހިދުމަތެކެވެ.

ރިޝްގެ އާއިލާގައި އެންމެ ހަގަށް ހުންނަނީ ރިޝް އެވެ. މާލެއަށް އުފަން ރިޝް އަކީ މިއަދު ހުޅުމާލޭ ފޭސް 2 ގައި ދިރިއުޅޭ ޒުވާން ހުނަރުވެރި އަންހެނެކެވެ. ރިޝް އަކީ އަންހެނުންނަށް ހުރި މިސާލެކެވެ. ޒަވާޖީހަޔާތެއް ފަށާ އާއިލާއެއްގެ ޒިންމާވެސް އުފުލަމުންދާ ރިޝް އަކީ އެންމެ ތުއްތު އިރުއްސުރެ ފަށައިގެން މޭކަޕް ކުރުމަށް ޝައުގުވެެރިކަން ހުރި މީހެކެވެ. ރިޝްގެ މޭކަޕް ހަޔާތް ފެށިގެން އައީ އެ ހިސާބުންނެވެ. ކުޑައިރު މޭކަޕް ސެޓު ނަގައިގެން އަތާއި ފަޔާއި މޫނުގައި ކުރަހަން އުޅުނު ހިސާބުންނެވެ. ރިޝްމެންގެ ގެއަށް އަންނަ އެއްފުރާގެ ކުދިންގެ މޫނުގައި މޭކަޕް ކޮށްދީ އެކުދިންގެ އިސްތަށިގަނޑަށް ފާޑު ފާޑު ގޮތްތަށް ހަދަންފެށި ހިސާބުންނެވެ.

ރިޝްގެ އުމުރުން 15 އަހަރާއި 16 އަހަރުގައި، އޭނާގެ ބޭބެގެ އާރުކާޓީކަމުގައި މޭކަޕް ކޯހެއްގައި ރިޝް ބައިވެރިވިއެވެ. އެއީ ލޭކޮކާ ލުކްސް ސެލޫނުން، އާޓިސްޓް ރިޒްނާ ހިންގި ކޯހެކެވެ. މިއީ މޭކަޕް ކުރުމުގެ ދާއިރާގައި ރަސްމީ ސިފައެއްގައި ރިޝް ނެގި ފުރަތަމަ ފިޔަވަޅެވެ. މި ފިޔަވަޅާއި އެކު މޭކަޕް ކުރުމުގެ ދާއިރާގައި ރިޝް ދިޔައީ ފަހަރަކު ފިޔަވަޅެއް ކުރިއަށް އަޅަމުންނެވެ. އޭގެފަހުން ރިޝް ވަނީ ބްރައިޑަލް ފެއާ ތަކުގައި މަސައްކަތް ކޮށްފައެވެ. އަދި އާޓިސްޓް ޝީޒާ އާއި އެކު ޝީޒާ ސެލޫން އާއި އާޓިސްޓް ޝްރެޔާއާއި އެކު ސްޓައިލޯ ސެލޫންގައިވެސް ރިޝް ވަނީ މަސައްކަތްކޮށްފައެވެ. ސްޓައިލޯ ސެލޫންގައި މަސައްކަތް ކުރަމުން ޓީވީ.އެމް ގެ އެކި އެކި އިވެންޓުތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތުވެސް ރިޝް އަށް ލިބުނެވެ. މި ތަޖުރިބާ ތަކާއި އެކު ދެން އަނެއްކާވެސް ރިޝް ނެގީ މޭކަޕް ކުރުމުގައި އިތުރު ފިޔަވަޅެކެވެ. އެގޮތުން ރޮކް ޕޭޕާ ސެލޫންގައި އާޓިސްޓް މައިޝަމް އާއި އެކު ވެސް ރިޝް ވަނީ މަސައްކަތް ކޮށްފައެވެ. މި ތަޖުރިބާ ތަކާއި އެކު ރިޝް ދެން ފެށީ އޭނާގެ އަމިއްލަ މަސައްކަތެވެ.

ކޮވިޑް-19 އާލަމީ ވަބާ ވެގެން ދިޔައީ ގިނަ ކަންތައްތަކެއް ބަންދުވެ އަދި ހަމައެހެންމެ ގިނަ ފުރުސަތުތަކެއްވެސް ފަހިވި ކާރިސާ އަކަށެވެ. އެ ދުވަސްވަރު މޭކަޕް އިންދަސްޓްރީވެސް ހުއްޓުމަކަށް އައެވެ. ލޮކްޑައުންއާއެކު ސެލޫންތައް ބަންދު ކުރަންޖެހުމުގެ ސަބަބުން ރިޝްމެންފަދަ ހެއަރ އެންޑް މޭކަޕް އާޓިސްޓުންނަށް އާމްދަނީ ލިބޭނޭ ގޮތްތައްވެސް ދިޔައީ ބަންދުވަމުންނެވެ. އެއާއި އެކު ރިޝްގެ ވިސްނުމަށް އައީ އަންހެން ބޭފުޅުންނަށް ޚާއްސަކޮށްގެން މޭކަޕް ކުރުމާއި ރީބޮންޑިންގެ ޚިދުމަތް ގޭގެއަށް ގޮސް ފޯރުކޮށްދިނުމަށެވެ. އެއީ އޭރު، މާލޭގަ މިފަދަ ގޮތަކަށް މޭކަޕް ކުރުމާއި ރީބޮންޑިންގެ ހިދުމަތް އެއްވެސް ފަރާތަކުން ފޯރުކޮށްދެމުން ނުދާތީއެވެ.

ރިޝް ފާހަގަކުރާ ގޮތުގައި ބައެއް މީހުންނަކީ ސެލޫންތަކަށް އައިސް ހިދުމަތް ހޯދަން ދަތި މީހުންނެވެ. އެމީހުންގެ އަމިއްލަ ކަންކަތައްތަކުގެ ސަބަބުން ސެލޫންތަކަށް އައިސް ހިދުމަތް ހޯދަން އުނދަގޫވާ ފަރާތްތަކަށް ރިޝްގެ މި "ބިއުޓީ އެޓް ޔުއަރ ޑޯސްޓެޕް" އަކީ ވަރަށްވެސް ކަމުދާނެ ޚިދުމަތެކެވެ. މިއީ މޭކަޕް ކުރުމާ ރީބޮންޑިން ހެދުމާއި ފޭޝަލް ހެދުމާ އިސްތަށިގަނޑުގައި ކުލަ ޖެއްސުމާއި ބޯކޮށުމާއި ވެސްކް ކުރުމާ އަދި މިނޫނަސް ސެލޫންތަކުން ލިބޭ ހުރިހާ ޚިދުމަތެއް ލިބިދޭނެ "މޯބައިލް ސެލޫނެކެވެ". ގޭގައި ދަރިން ކައިރީ ތިބެގެން އާއިލާ އާއި އެކު ތިބެގެން، ސެލޫންތަކުގެ ލެވެލްގައި މޭކަޕް ކުރުމުގެ ފުރުސަތު ރިޝް މިވަނީ ފަހިކޮށްދީފައެވެ. 

އާއިލާ މީހުންނާ ރައްޓެހިންގެ މަދަދާއި އެކު، ފޭސްބުކް އަދި އިންސްޓަގުރާމްގައި ޕޭޖެއް ހަދައި، ރަޖިސްޓާރ ކޮށްގެން ފެށި މި ހިދުމަތް މިހާރު ވަނީ ފުޅާވެފައެވެ. ފެށިގެން އައިިއިރުވެސް ގިނަ ބައެއްގެ ތަހުރީބު ރިޝްގެ މި ހިދުމަތަށް އައީ ލިބެމުންނެވެ. އަދި މިހާރުވެސް މިއީ ގިނަ ބައެއްގެ ތަރުހީބު ލިބޭ ހިދުމަތެކެވެ.

ހިދުމަތް ހޯދާ ކަސްޓަމަރުންނާ ވާހަކަ ދައްކައިގެން، ދެފަރާތަށްވެސް ފަސޭހަ ވަގުތެއް ކަނޑައެޅިގެން ދެވޭ މި ހިދުމަތަކީ ކަސްޓަމަރުންނަށްވެސް ރައްކާތެރި ހިދުމަތެކެވެ. ރިޝްގެ އަމިއްލަ ތަކެތީގައި ދެވޭ މި ހިދުމަތަކީ ސާފު އަދި ރައްކާތެރި ހިދުމަތެކެވެ. އެގޮތުން އެއް ކަސްޓަމަރަކަށް ބޭނުން ކުރާ ސާމާނު، އެހެން ކަސްޓަމަރަކަށް ބޭނުން ކުރުމުގެ ކުރިން ސާފުކޮށް ސްޓެރަލައިޒްކޮށް ހަދައެވެ. އަދި ހިދުމަތް ދިނުމުގެ ކުރިން ސެނިޓައިޒާ ބޭނުން ކުރުމާއި ހިދުމަތް ދިނުމުގައި މާސްކު އަޅައިގެން ހުރުން ފަދަ ކަންތައްތަކަކީ ރިޝް ފަރުވާތެރިކަމާއެކު ކުރަމުން އަންނަ ކަންކަމެވެ.

ރިޝްގެ މި މަސައްކަތުގައި އިތުރު އެއްވެސް މުވައްޒަފެއް ބޭނުމެއް ނުކުރެއެވެ. ނަމަވެސް ޝައުގުވެރިކަން ހުންނަ ބައެއް ފަރާތްތައް، ރިޝް އާއި އެކު މަސައްކަތުގައި ބައިވެރި ކުރުވައެވެ. "ބިއުޓީ އެޓް ޔުއަރ ޑޯސްޓެޕް" ގެ ހިދުމަތް ހޯދުމަށް ފޭސްބުކް އަދި އިންސްޓަގްރާމުގެ ބޭނުން ކުރެވިދާނެއެވެ. މީގެ އިތުރުން 7421849 ނުވަތަ 9466009 ނަންބަރު ފޯނާއި ގުޅައިގެންވެސް މި ހިދުމަތަށް އެދިލެއްވޭނެއެވެ.

ކަސްޓަމަރުންގެ ފަރާތުން ލިބޭ ފައްސި ހިޔާލުތަކާއި ބަސްތަކަކީ ރިޝްއަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެކެވެ. މޭކަޕް ކުރުމުގެ ދާއިރާގައި ރިޝް ކުރާ އުންމީދަކީ މިހާރަށްވުރެ ފުޅާކޮށް މިކަން ކުރުމެވެ. އަދި މި މޯބައިލް ސެލޫނުން މިހާރަށްވުރެ އިތުރު ހިދުމަތްތައް ދިނުމަކީވެސް ރިޝް ކުރާ ވަރަށްބޮޑު އުންމީދެކެވެ.

މޭކަޕް ކުރުމުގެ ދާއިރާއަށް ނުކުންނަ ފަރާތްތަކަށް ރިޝް ދޭން ބޭނުންވާ މެސެޖަކީ ކޮންމެ ކުއްޖެއްގެވެސް އެކުއްޖެއްގެ ކިބައިގާ ހުންނަ ހުނަރެއް އަމިއްލައަށް ފާހަގަ ކޮށް އަޒުމެއް ކަނޑައަޅާ އެ އަޒުމުގައި ސާބިތުވެ ކުރިއަށް ދާށެވެ. އަދި ބިއުޓީ އިންޑަސްޓްރީ އަކީ ރަނގަޅު އާމްދަނީ އެއް ލިބޭ ދާއިރާއެއްކަން ފާހަގަކޮށް ރިޝް ބުނީ ކެރިގެން ހިތްވަރާއެކު ކުރިމަތިލާނަމަ މިއީ ކޮންމެ ކުއްޖަކަށްވެސް ކުރިއަށް ދެވޭނެ ދާއިރާއެއް ކަމަށެވެ. މީގެ އިތުރުން ބެލެނިވެރިންނަށް ހާއްސަކޮށް ރިޝްގެ ވަރަށް މުހިންމު މެސެޖެއް އެބަ އޮތެވެ. ބެލެނިވެރިންނަށް ރިޝް ދޭ މެސެޖަކީ ކުއްޖާގެ ކިބައިގައި ހުންނަ ހުނަރުތައް ހޯދާ، އެ ކުއްޖާ ޝައުގުވެރިވާ ކަންކަން ދެނެގަނެ، އެ ކަންކަމުން ކުރިއަށް ދިއުމަށް އެ ކުދިންނަށް މަގުފަހިކޮށްދިނުމެވެ.

ރިޝްގެ މި ހިތްވަރުގަދަ މަސައްކަތުގައި އޭނާއަށް ލިބޭ ހިތްވަރަކީ އޭނާގެ އާއިލާއެވެ. ރިޝްގެ މި ކަމިޔާބީގައި އޭނާ އެއްމެ ފުރަތަމަވެސް ޝުކުރުވެރިވަނީ މާތް ﷲ އަށެވެ. އޭގެ ފަހުގައި އޭނާގެ މަންމަ އަށެވެ. އަދި އޭނާގެ ބައްޕަ އާއި ބޭބެ (ފާފަތައް ފުއްސަވާ ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރު ކުރައްވާށި) އަށެވެ. އެއަށްފަހު އޭނާގެ އާއިލާ އަށާއި ފިރިމީހާ އަށެވެ. މީގެ އިތުރުން މޭކަޕް ކުރުމުގެ ދާއިރާއަށް ނުކުތުމަށް އެހީތެރިވި ހުރިހާ ފަރާތްތަކަށް ރިޝް ޝުކުރު އަދާކުރެއެވެ.

އައިމިނަތް ރިޝްމާ (ރިޝް) އަކީ ޒުވާނުންނަށް ނަމޫނާ އެކެވެ. އަންހެނުންނަށް މިސާލެކެވެ. ހިތްވަރާ ކެރުންތެރިކަމުގައި ވިދާ ތަރިއެކެވެ. މާތް ﷲ ރިޝްމާގެ މި މަސައްކަތުގައި ކާމިޔާބާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ!