ދިވެހިންނަކީ އެކި މުނާސަބާތައް ފާހަގަ ކުރުމަށް ނުހަނު ކުޅަދާނަ ބައެކެވެ. މީގެ ކުރީގައި ގިނައިން އުފަން ދުވަހާއި ކައިވެނި ހަފްލާތައް އެކަނި ފާހަގަ ކުރި ނަމަވެސް މިހާރު ފާހަގަ ކުރާނެ އިތުރު އެތައް ކަމެއް ހުރެއެވެ. އޭގެ ތެރެއިން ކައިވެންޏަށް ތައްޔާރު ވަމުން އަންނަ އަހަރުގައި ބާއްވާ “ބްރައިޑަލް ޝަވަރ”، “އެނިވަރސަރީ”ތައް، މާބަނޑުއިރު ބާއްވާ “ބޭބީ ޝަވަރ” އަދި މިނޫންވެސް ބައިވަރު ކަންނަން ހިމެނެއެވެ. މީގެން ކޮންމެ މުނާސަބަތެއް ވެސް ފުރިހަމަ ކޮށްދެނީ ކޭކަކުންކަން ދެބަސްވެވޭކަށްނެތެވެ.
ކޭކަކީ ޒަމާނުން ސުރެއް މުޅި ދުނިޔޭގައިވެސް ގިނަ މީހުންގެ މަގުބޫލުކަން ލިބިފައިވާ އެއްޗެކެވެ. ރާއްޖޭގައި ވެސް ކޭކު އެޅުމުގެ މަސައްކަތް ކުރަމުން އަންނަ އެތައް ބޭފުޅުންނެއް އުޅެއެވެ. އޭގެ ތެރެއިން ފާހަގަ ކޮއްލެވޭ ކުޅަދާނަ އެެއް ކޭކު އެޅުންތެރިޔަކީ “ހޯމް މޭޑް ބައި ޝާއިލާ”ގެ ވެރިޔާ އައިމިނަތު ޝާއިލާއެވެ. ޝާއިލާ އަކީ ކޭކު އެޅުމުގެ މަސައްކަތް ފާއިތުވީ 15 އަހަރުން ފެށިގެންކުރަމުން އަންްނަ ހުނަރުވެރި ކަނބަލެކެވެ. 3 ދަރިން ބަލަމުން ކޭކު އެޅުމަށް ފެށި ދަތުރުވީ ހީވެސް ނުކުރާހާ އާންމުންގެ ތަރުހީބާއި ލޯބި ލިބުނު ދަތުރަކަށެވެ.
ކޭކު އެޅުމަށް އަބަދުވެސް ޝައުގުވެރިކަން ހުރި ނަމަވެސް އާމްދަނީއެއް ހޯދުމުގެ ގޮތުން މި މަސައްކަތް ޝާއިލާ ފަށާފައި ވަނީ 3 ވަނަ ދަރިފުޅު ލިބުނު ފަހުންނެވެ. ގިނަ ދުވަސްތަކެއް ސަރުކާރުގައި ވަޒީފާ އަދާކުރަމުން އައިސް، 3 ވަނަ ދަރިފުޅު ލިބުމާއި ގުޅިގެން ވަޒީފާ ދޫކޮށްލަން ނިންމި ހިސާބުން ޝާއިލާ މިސްރާބު ޖެހީ ކޭކު އެޅުމުން އަމިއްލަ ވިޔަފާރިއެއް ފަށާށެވެ. އަލަށް ކޭކު އަޅަން ފެށި އިރުގައި ޝާއިލާ އަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ކުދިން ކުޑަވެފައި ވަގުތު މެނޭޖް ކުރަން ދަތިވުމެވެ. އޭގެ އިތުރުން ދެން ކުރިމަތިލާން ޖެހުނީ ދާއިރާއަށް އާ ވުމުން ދިމާވި ދަތިތަކާއެވެ.
ޝާއިލާ އަޅާ ކޭކުތަކަކީ ބަލާލަން ރީތި، ރަހަ މީރު ކޭކުތަކެއް ކަމަށް ގިނަ ކަސްޓަމަރުން ބުނެއެވެ. ކޭކުގެ އިތުރުން ޝާއިލާ ހަދާ އެކްލެއަރސް އަކީވެސް ވަރަށް ގިނަ ކަސްމަޓަމަރުންނަށްކަމުދާ އެއްޗެކެވެ. “ހޯމް މޭޑް ބައި ޝާއިލާ” ގެ އެންމެ ހާއްސަ އެކައްޗަކީ ބެންޓޯ ކޭކެވެ. ޝާއިލާ އަކީ ރާއްޖޭގައި ބެންޓޯ ކޭކު އަޅަން ފެށި އެންމެ ފުރަތަމަ އެއް ބޭފުޅެވެ. ގިނަ ބަޔެއްގެމަގްބޫލުކަން ލިބިފައިވާ ބޭންޓޯ ކޭކަކީ ކޮވިޑް-19 ދުވަސްވަރުގައި ގޭގައި ތިބެގެން ކުދި ކުދި ކަންކަން ފާހަގަ ކޮއްލުމަށް ރަނގަޅު އެއްޗެއް ކަމަށް ޝާއިލާ ދެކިގެން އަޅަންްފެށި އެއްޗެކެވެ. އެންމެފުރަތަމަވެސް ބޮޑު ތަރުހީބެއް ލިބުނު ޝާއިލާގެ ބެންޓޯ ކޭކަކީ އޭނާ އަޅާ ބޮޑެތި ކޭކާއި ބޮޑުކުޑަމިން ނޫން އެހެން އެއްވެސް ތަފާތެއް ނެތް އެއްޗެއް ކަމަށް ގިނަ ކަސްޓަމަރުން ބުނެއެވެ.
ތަފާތު އެކި ވައްތަރުގެ ކޭކު އަޅާފައިވާ އިރުގައި އޭގެ ތެރެއިން ޝާއިލާ އެންމެ އަޅާ ހިތްވަނީ ކަސްޓަމް ކޭކާއި ކުދި ފިގަރިންސް ލާފައި ހަދާ ކޭކެވެ. މިހާ ތަނަށް އެޅި އެންމެ އުނދަގޫ ކޭކަކަށް ޝާއިލާ އަޅާފައިވަނީ 12 ޕައުންޑުގެ 2 ބައި އިންނަ ކޭކެކެވެ. ސަބަބަކީ އެއީ ދެބައިވެސް ކެވޭ ގޮތަށް އެހާ ބޮޑު ކޭކެއް އެޅި އެންމެ ފުރަތަމަ ފަހަރަށް ވާތީވެ ކަމަށް ޝާއިލާ ދެންނެވިއެވެ. އެންމެ ފާހަގަ ކޮށްލެވޭ ކޭކެއް އަހާ ލުމުން ޝާއިލާ ފާހަގަ ކޮއްލީ މިދިޔަ އަހަރު ފިރިހެނުންގެ ދުވަހު ރެއިންބޯ އެންޓަރޕްރައިސަސްއަށް 3 ދުވަހުގެ މަސައްކަތުން އަޅައިދިން ކޭކުތަކެވެ. ޝާއިލާގެ ކާމިޔާބީތަކުގެ ތެރެއިން މިއަހަރު ބޭއްވުނު ބޭކް ޝޯވްގައި “ޑްރެސް ދި ކޭކް” ގެ ދަށުން ޝާއިލާ ވަނީ ރިހި މެޑެލް ހާސިލް ކޮށްފައެވެ. މީގެ އިތުރުން ޝާއިލާގެ އެންމެ ބޮޑު ކާމިޔާބީ އަކީ ކޮންމެދުވަހަކުވެސް ލިބޭ ކާމިޔާބީއެކެވެ. އެއީ ކަސްޓަމަރުންގެ ޕޮޒިޓިވް ފީޑްބެކްއެވެ.
ފާއިތުވީ 15 އަހަރު ތެރޭގައި އެތައް ސަތޭކަ ކޭކެއް އަޅާފައިވާއިރު އޭގެން ކޮންމެ ކޭކަކީވެސް ޝާއިލާ ހިތްހަމަ ޖެހޭ ފެންވަރަށް އެޅިފައިވާ ކޭކުތަކެކެވެ. މި މަސައްކަތް ކުރާއިރު އެންމެބޮޑަށް ވިސްނަނީ ކޮލިޓީ ދެމެހެއްޓުމަށާއި ކަސްޓަމަރުން ބޭނުންވާ ޑިޒައިނަށް އަދި ވަގުތަށް ނިންމުން ކަމަށް ޝާއިލާ ފާހަގަ ކުރިއެވެ. ކަސްޓަމަރުންނާއި ޝާއިލާ ބާއްވާ ގާތް ގުޅުމަކީ “ހޯމްމޭޑް ބައި ޝާއިލާ” ކުރިއެރުމުގެ އެންމެ ބޮޑު އެއް ސިއްރެވެ. ކޭކު އޯޑަރު ކުރާ ހިސާބުން ފެށިގެން ކަސްޓަމަރުގެ އަތަށް ކޭކު ލިބުމަށް ދާންދެން އެއްވެސް ޝަކުވާއެއް ކުރާނެ ފުރުސަތެއް ޝާއިލާ ނުދެއްވައެވެ.
ކޭކު އެޅުމަކީ ގޭގައި ހުރެ އާއިލާގެ ހުރިހާ ކަމެއް ބަލަހައްޓަމުން އާމްދަނީ ހޯދަން ކުރެވިދާނެ ވަރަށް ރަނގަޅު މަސައްކަތެކެވެ. ޝާއިލާ ދެކޭ ގޮތުގައި ކޭކު އެޅުމަކީި ބުރަ މަސައްކަތެއް ކަމުގައި ވިޔަސް މިއީ ކޮންމެ މީހަކަށްވެސް ޝައުޤާ އެކީ ކުރަން އުޅެފިއްޔާ ވާނެ ކަމެކެވެ.
ޝާއިލާގެ އެންމެ ބޮޑު ހިތްވަރަކީ ޝާއިލާގެ ފިރިމީހާ، ކުދިން، އާއިލާ، ރައްޓެހިން އަދި އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް އެކީގައި ތިބި ކަސްޓަމަރުންނެވެ. މި މަސައްކަތުން ޝާއިލާއަށް ލިބޭ އެންމެ ބޮޑު ހިތްހަމަ ޖެހުމާއި އުފަލަކީ ކަސްޓަމަރުނަށް ކޭކު ކަމުގޮސްގެން ބުނާ ބަހެވެ. ހިތްވަރާއި ބުރަ މަސައްކަތުން ގޭގައި ކުރާ ވިޔަފާރިންވެސް އެކަށީގެން ވާވަރުގެ އާމްދަނީއެއް ހޯދޭނެކަން ޝާއިލާ ސާބިތުކޮށްދީފިއެވެ. “ހޯމް މޭޑް ބައި ޝާއިލާ” ގެ ކުރިއެރުމަކީ ގަދަ އަޅައި މަސައްކަތް ކުރުމުން ކާމިޔާބު ވާނެކަމުގެ ހެއްކެކެވެ.
ހިޔާލު
ފޮނުއްވާ ޚިޔާލުތައް ޝާއިޢުކުރެވޭނީ އާންމު އިޖުތިމާއީ މިންގަނޑަށް ފެތޭތޯ ބެލުމަށް ފަހު ކަމުގައި ދަންނަވަން