އަބަދުވެސް ދިވެހިން ދައްކާ އެއް ވާހަކަ އަކީ އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމުގައި ވަކި ޝަރުތެއް ނޯންނަ ވާހަކައެވެ. އާދޭހެވެ! ވަރަށްވެސް ބޮޑު ތެދެކެވެ. އިންތިހާބީ މަގާމުތަކަށް ކުރިމަތިލުމުގައި ތައުލީމީ ގޮތުން ވަކި ޝަރުތުތަކެއް ނޯވެއެވެ. އެއްވެސް ތައުލީމެއް ނެތް، ހިލްމެއް ނެތް މީހާވެސް ކުރިމަތިލުމުގެ ފުރުސަތު އޮވެއެވެ!

އާއްމުން ދައްކާ އަނެއް ވާހަކައަކީ މިފަދަ ތައުލީމެއް ހިލްމެއް ނެތް މީހުން އިންތިހާބީ މަގާމުތަކަށް ހޮވި، އެފަދަ މަގާމުތަކުގެ ޒިންމާ ނުއުފުލި، އެތައް އަތުކޮހެއް ހަދާ ވާހަކައެވެ. ބަލި ތާވަޅައެއްހެން ފެނުމައްޗަށް ބޯ ހިއްކައިގެން ލަކިލަތްކަށް އެކޮޅު މިކޮޅަށް ޖެހޭ ވާހަކައެވެ. ދޮގެއްވާ ނޫނެވެ! މިއީވެސް ހަމަ ތެދު ވާހަކައެކެވެ! މި ހުރިހާ ވާހަކައެއް ދައްކަނީ އާއްމުންނެވެ. އިންތިހާބު ތަކުގައި ވޯޓުލާން ތިބޭ މީހުންނެވެ. ވާހަކައެއްގެ ގޮތުން މި ދައްކަނީ ވަރަށްވެސް ހެޔޮ ވާހަކައެވެ. ނަމަވެސް ހިތާމަ އަކީ އިންތިހާބުތަކުގައި މިކަން އަމަލުން ނުފެންނަ ކަމެވެ. މިކަމުގައި އާއްމުންގެ ބަހާ އަމަލު ސީދާ ނުވާކަމީ ހިތާމަ ހުރިކަމެކެވެ.

އިންތިހާބުތަކުގެ ވާދަވެރިކަން އަނެއްކާވެސް ކުޑަތަންވެފައި ވާއިރު، އިންތިހާބުތަކަށް އެތައް ބަޔަކު އަންނަނީ ވާދަކުރަމުންނެވެ. އިލްމީ ގާބިލު މީހުންވެސް ކުރިމަތިލަމުން އެބަ ގެންދެއެވެ. އިލްމެއް ހިލްމެއް ނެތް ސާދާގަރުންވެސް ކުރިމަތިލަމުން އެބަ ދެއެވެ. އެހެން އިންތިހާބުތަކޭ އެއްފަދައިން ދެން ހުރި އިންތިހާބުތަކަށްވެސް ދިވެހިން ދައްކާ އެއް ވާހަކަ އަކީ އެއްކަލަ ޝަރުތުތަކުގެ ވާހަކައެވެ. ދެރައީ މިއީ ހަމަ ދެކެވޭ ވާހަކަތަކެއް ކަމުގައި މިކަންކަން ވާތީއެވެ. އަމަލުން މިކަން ނުފެންނާތީއެވެ.

ފާއިތުވެ ދިޔަ އިންތިހާބުތަކުގައިވެސް މި ވާހަކަ މިގޮތަށް ދެއްކިއެވެ. ނަމަވެސް ތައުލީމެއް، ހިލްމެއް ނެތް އެތައް ބަޔަކު އެތައް އިންތިހާބީ މަގާމުތަކަށް އިންތިހާބުވެގެން ދިޔައެވެ. އެއްކަލަ ޝަރުތުުތަކުގެ ވާހަކަ ދެއްކި އާއްމު މީހުންގެ ވޯޓުންނެވެ. އިލްމެއް، ތަޖުރިބާއެއް، ހިލްމެއް، އަދި ދުނިޔޭގެ އާޖުފާޖެއް ނުދަންނަ މީހުންނަށް ވޯޓު އެޅީ އެކަމުގެ ބަހަނާ އާއި ޝަކުވާ އެއްމެ ގަދައަށް ކުރި މީހުންނެވެ. އެފަދަ ނާގާބިލު މީހުން އިންތިހާބީ މަގާމުތަކަށް އިންތިހާބުކޮށް އެކަމުގެ ޝަކުވާ ކުރާ ބަޔަކީވެސް ހަމަ އެއްކަލަ އާއްމުންނެވެ. މިއީ އިންސާނުންގެ ނަފްސީ ފިތުރަތާއި އިދިކީލަ ކަމެކެވެ. އިންސާނުންނީ އަބަދުވެސް ރަނގަޅު ގޮތް އެއީ ރަނގަޅު ގޮތް ކަމުގައި ދެކޭ ބައެކެވެ. އެއީ ފިތުރީ ކަމެކެވެ.

ކަންމިހެން ހުރިނަމަވެސް ސިޔާސީ އޮއެވަރުގައި ޖެހި، އިންތިހާބުތަކާއި ދިމާކޮށް، އިންސާނުންގެ މި ފިތުރަތުން ބައެއް އިންސާނުން އެއްކިބާވެގަންނަނީ އިންސާނުންނާއި ހައިވާނުންގެ އަސާސީ ތަފާތު އެއް ސިފަ ކަމުގައިވާ ބުއްދީގެ ބޭނުން ހަމަ އެއްގޮތަކަށްވެސް މި އިންސާނާ ނުކުރާ ހާލުގައެވެ. އެ ބުއްދީގެ ބޭނުން އިންސާނާ ނުކުރާ ކޮންމެ ހާލަތަކީ ހައިވާނުންގެ ދަރަޖައަށް އިންސާނާ ވެއްޓިގެން ހިނގައިދާނޭ ކަމެކެވެ. ސިޔާސީ ކަންކަމަކީ ހުތުރު، ހަޑި ކަންކަން ކަމުގައި ބައެއް މީހުންނަށް ހީވެފައި އެ އޮންނަނީ މިފަދަ ހައިވާނީ ވިސްނުން، ސިޔަސީ، ނާގާބިލު މީހުންގެ ތެރޭގައި ގިނަވީމައެވެ.

އާދޭހެވެ! އިންސާނާ އަބަދުވެސް އޭނާގެ ބުއްދީގެ ބޭނުން ހެޔޮގޮތުގައި ހިފަންވާނެއެވެ. ނާގާބިލު މީހުން އިންތިހާބުވުން އެއީ ވިޔާނުދާ ކަމެއްކަމަށް ގާބޫލުކުރާނަމަ އަމަލުން އެކަން ދައްކަންވާނެއެވެ. ނާގާބިލު މީހާއަށް ތިމާގެ ވޯޓު ދީގެން ނުވާނެއެވެ. އިންތިހާބީ މަގާމުތަކަށް ޝަރުތުތަކެއް ގާނޫނުން ކަނޑައަޅާފައި ނެތެއްކަމަކު، އިންސާނާގެ ޟަމީރު އެކަން އެމަގުން ގަބޫލުކުރާނަމަ، ވޯޓު ދޭންވީ ގާބިލު މީހާއަށެވެ. ގިނަ ދިވެހިން ގަބޫލުކުރާގޮތުގައި، އިންތިހާބީ މަގާމުތަކަށް، ހާއްސަކޮށް ރައްޔިތުންގެ މަޖިލީހަށް ކުރިމަތިލާ މީހާއަކީ އިލްމީ ގާބިލު މީހަކަށް ވާން ޖެހެއެވެ. މިކަން ހަމަ ކޮންމެ ދިވެއްސަކުމެ ގަބޫލު ކުރެއެވެ. ނަމަވެސް ކޮންމެވެސް އަނދަވަޅެއްގައި އަނދަގޮނޑިޖެހިގެންވާ ހާލު، ނާގާބިލު މީހާއަށް ވޯޓުލަނީ އިންސާނުންގެ ފިތުރަތުން އެ އިންސާނާ އެއްކިބާވަމުންނެވެ. އެހެންނުހަދާށެވެ! ރަނގަޅު އެއީ އަބަދުވެސް ރަނގަޅުގޮތް ކަމުގައި ދެކޭށެވެ! ތިމާ ހުރީ ކޮންތަނަކު، ކޮން ހާލެއްގައިތޯ ބެލުން އެއީ އެހެން ކަމެއްގައި ރަނގަޅު ނުބައި ކަނޑައަޅަށް އިންސާނާއަށް ލިބޭ އިހްތިޔާރެއް ނޫނެވެ! އިންސާނަކަށް ވީތީވެ ހެވާއި ނުބައި ވަކިކުރަން އިންސާނާއަށް އެނގޭނެއެވެ. އެއީ އިންސާނީ ފިތުރަތެކެވެ.

ކަންމިހެން ހުރުމާއި އެކު، އިންތިހާބީ މަގާމުތަކަށް ގާބިލު މީހުން އިންތިހާބު ކުރަން ވޯޓު ލާށެވެ! ތައުލީމީ ތަޖުރިބާކާރު މީހުން އިހްތިޔާރު ކުރާށެވެ. އިލްމާއި ހިލްމުގައި ފުންނާބު އުސް މީހުން އިހްތިޔާރު ކުރާށެވެ! އެއީ ކޮންކޮން މީހުންނެއްކަން ސާފުކޮށް އެނގޭނެއެވެ! އިތުރަށް ބަޔަކު ކިޔައިދީ ބުނެދޭކަށް ނުޖެހޭނެއެވެ! އަދި ބަޔަކު ކިޔައިދީ ނުބުނެދޭނަމަ، ނުވަތަ ތިމާއަށް ނޭނގޭނަމަ، އަހާ އޮޅުންފިލުވާށެވެ! އަހަންވާނީ ސީދާ އެމީހަކު ކުރެންނެވެ! ބޭރުންދާ އޮޑިއަކަށް ގޮވިޔަސް، ރަށުތެރޭގެ ހަބަރެއް ނުލިބޭނެއެވެ!