ދުނިޔޭގެ ފެންވަރުގައި ތަފާތު އެކި ދުވަސްތައް ފާހަގަ ކުރެއެވެ. އޭގެ ތެރެއިން އެއް ދުވަހަކީ ޓީޗަރުންގެ ދުވަހެވެ. މުޅި ދުނިޔޭގައިވެސް ކުލަގަދަކޮށް މި ދުވަސް ފާހަގަ ކުރެއެވެ. ސުކޫލު މަދަރުސާތަކުގައްޔާއި ކޮލެޖު ޔުނިވާސިޓީތަކުގައި އަމުދުން މި ދުވަސް ފާހަގަ ކުރާލެއް މާ ފޯރިގަދައެވެ. ތަފާތު އެކި ނަންނަމުގައި ޖަލްސާތަކާއި ހަފްލާތައް ބާއްވާ ޓީޗަރުންގެ އަގު ވަޒަންކުރެވޭތޯ އެތައް ގޮތަކުން ސުކޫލުތަކުގެ އިސްވެރިންނާއި ބެލެނިވެރިންނާއި ދަރިވަރުން މަސައްކަތް ކުރާ ކަމީ އުފާ ކުރާ ކަމެކެވެ. ނަމަވެސް މިފަދަ ދުވަހެއް ފާހަގަކުރެވެމުންދާއިރު، އަހަރެމެން ހަނދާން ނައްތާލައިގެން ތިބެވޭ ވަރަށް މުހިއްމު ކަމެއް އެބަ އޮތެވެ. އެއީ ޓީޗަރުންނަށް ކުރާ ބުލީގެ ވާހަކައެވެ.

ޓީޗަރުންނަށް ކުރާ ބުލީގެ ވާހަކަ އަކީ އާއްމުކޮށްވެސް އަދި ހާއްސަކޮށްވެސް ދައްކާ އުޅޭ ވާހަކައެއް ނޫނެވެ. ކަމުގެ ހައްސާސް ކަމުން މިއީ އަމުދަކުން ދައްކާ ހިތްވާ އަދި ދައްކަން ބޭނުންވާ ވާހަކައެއް ކަމުގައިވެސް ނުވެއެވެ. ނަމަވެސް ޤަބޫލުކުރަން ޖެހޭ ހަގީގަތަކީ މިއީ މިއަދު އާއްމު ކަމެއް ކަމެވެ. ޓީޗަރުންނަށް އެކި ކަހަލަ ހަނގާ ކުރުމާއި ބުލީ ކުރުން މިއީ މިއަދު އާއްމު ކަމެކެވެ. ނަމަވެސް މިއީ ނުދައްކާ ވާހަކައެވެ.

މުދައްރިސުންނާއި ޓީޗަރުންނަށް ކުރަމުން އައި އިހްތިރާމު ވެއްޔާ މޮޑެވިގެން ދިޔަތާ އެތައް ޒަމާނެއް ވެއްޖެއެވެ. ނަމަވެސް މިއަދު މި ފެންނަނީ އެ އިހްތިރާމު ނުކުރާ ތަނުގައި ހަނގާކޮށް ބުލީ ކުރާ މަންޒަރެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ. މި ދައްކަނީ ތިމާގެ ބުއްދިއާއި ވިސްނުން ތަރައްގީކޮށްދޭން ތިބޭ މީހުންގެ ވާހަކައެވެ. ތިމާގެ ދެވަނަ ބެލެނިވެރިންގެ ވާހަކައެވެ. ނަމަވެސް އެމީހުނަށްވެސް ކުރަނީ މަލާމާތެވެ. ކުރަނީ ބުލީއެވެ.

ބުލީގެ ޝިކާރަޔަކަށް ވެފައިވާ އެތައް ޓީޗަރުންނެއް މި ރާއްޖޭގައި އެބަ އުޅެއެވެ. ހިތާމަ އަކީ އެ ޓީޗަރުންނަށް ބުލީ ކުރުމުގައި ބެލެނިވެރިންނާއި ދަރިވަރުންވެސް ބައިވެރިވާ ކަމެވެ. ފާޅުގައި ބުލީކޮށް ހަދާއިރު، ސިއްރުގައި، މީސްމީޑިޔާގެ އެކި މަންސަތަކުގައި ފޭކު އައިޑީތައް ހަދައިގެން، ޓީޗަރުންގެ އަބުރު ކަތިލާ، ބުލީކޮށް ހަދާ ކަމީ ހަގީގަތެކެވެ. މިކަންކަމުގައި ދަރިވަރުން ޝާމިލްވާ ކަމީ އަމުދުން ދެރަވަރު ކަމެކެވެ. މިއީ ބަޔަކަށް ނޭނގޭ ކަމެއް ނޫނެވެ. އެހެނަސް މިކަމުގައި އަޅާލާނެ އަތެއް ނެތްކަމީ ފެންނާން ހުރި ހަގީގަތެވެ.

ދަރިވަރުންގެ ހައްގުތަކާއި އެއް ހަމައެއްގައި ޓީޗަރުންގެ ހައްގުތަކެއްވެސް ވާން ޖެހޭނެ ނޫންހެއްޔެވެ؟ އެއީވެސް، މިއީވެސް އިންސާނުންނެވެ. އަބަދުވެސް ވަކާލާތުކޮށް އަޑުހަރުކޮށް ދެކެވެނީ ދަރިވަރުންގެ ހައްގުތަކުގެ ވާހަކައެވެ. ޓީޗަރުންގެ ހައްގުތަކުގެ ވާހަކަ ދައްކާނެ އަނގަތަކެއް މާ ގިނައެއްކޮށެއް ނުފެނެއެވެ. އެ ވާހަކަތައް ލިޔަން ހަރަކާތް ކުރާ ގަލަންތަކެއްވެސް ނުފެނެެއެވެ. ހިތާމައިގެ ކޮޅެއްވެސް ނެތެވެ!

މީސް މީޑިޔާގައި ކިތައް ކިތައް ޓީޗަރުންގެ އަބުރު ކަތިލާފައި އެބަހުރި ތޯއެވެ؟ ފާޑުފާޑުގެ ވާހަކަތައް ދައްކާފައި އެބަހުރި ތޯއެވެ؟ ޒާތް ޒާތުގެ ފޮޓޯ އާއްމުކޮށް އެއަށް މަލާމާތްކޮށް ޖޯކު ޖަހާފައި އެބަހުރި ތޯއެވެ؟ ފަރުވާލެއް ހުރި އިންސާނަކު މި އުޑުދަށުގައި އެބަ އުޅޭ ހެއްޔެވެ؟ ޓީޗަރުން، ވާ ހާދަ ކެތްތެރިއެވެ. އެފަދަ ބުލީކުރުންތަކަށް ބެލުމެއް ނެތި ސާބިތުކަމާއި އެކު ކޮންމެ ދުވަހަކު، އެތައް ބައެއްގެ ކުރިމައްޗަށް އަރާ ހުއްޓި އެ ހުންނަނީ ހާދަހާވާ ހިތްވަރުގަދަވީމައެވެ.

އޭ ލޯބިވާ ޓީޗަރުންނޭވެ! ތިޔަ ޓީޗަރުންނަށް އެކި ގޮތްގޮތުން ބުލީ ކުރާ ކަމީ ބަޔަކު ގަބޫލު ނުކުރިނަމަވެސް ހަގީގަތެކެވެ. ތިޔަ ޓީޗަރުންގެ ހައްގުތަކުގެ ވާހަކަ އަކީ ބަޔަކު މާ ގަދައަށް ނުދެއްކިޔަސް ހަގީގީ ވާހަކައެކެވެ. އިންސާނަކަށް ހައްގު ހަމަ ކޮންމެ މިންވަރެއްމެ ތިޔަ ޓީޗަރުންނަށްވެސް ހައްގުވާނެއެވެ. މާޔޫސް ނުވާށެވެ! ދިޔައީ ދެދުނިޔޭގެ ހިދުމަތްތެރިންނެވެ! ފާގަތިކަމާއި އުފާވެރިކަން ދެއްވާށިއެވެ!